Roadha Mihaaru
އިދިކޮޅު އިހުތިޖާޖުން އާދަމް ޝަރީފް ހައްޔަރުކޮށްފި

އިދިކޮޅު އިހުތިޖާޖުން އާދަމް ޝަރީފް ހައްޔަރުކޮށްފި

13 ޖޫން 2023

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހައްޔަރުކޮށްފި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވާ ތަކުލީފާއި އެ މަނިކުފާނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ސުލްހަވެރިކަމާ އެކު، ބޭއްވި އިހުތިޖާޖުގެ ބައިވެރިން އަނިޔާވެރިކޮށް ހައްޔަރުކުރާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޕީޕީއެމުން ބުނީ އިހުތިޖާޖުގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕާ ސްޕްރޭ ޖެހުމާއި ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަނިޔާވާ ގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްދުގައި އަނިޔާކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި މިރޭގެ އިހުތިޖާޖުގައި ވެސް ފިރިހެން ފުލުހުން، އެއްވުމުގެ ބައިވެރިންގެ ތެރެއަށް ވަދެ، އަންހެނުންގެ ގައިގައި ހިފައިގެން ހައްޔަރުކުރަމުންދިޔަ މަންޒަރާއި ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅައި ފުރައްސާރަކުރި މަންޒަރު ފެނިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި ސުލްހަވެރިކަމާ އެކު، އަޑުއުފުލަމުން ގެންވަނިކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހައްޔަރުކުރީ ވެސް އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށެވެ. އިހުތިޖާޖުގެ ބައިވެރިންގެ ޝުއޫރުތައް ލިޔެފައިޥާ ބޯޑުތަކާއި ދިދަތަކުގެ އިތުރުން ހުއްދަ ނަގައިގެން އިހުތިޖާޖުގައި ބޭނުންކުރަމުން ގެންދާ ޕިކަޕްގެ ސައުންޑް ސިސްޓަމް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިޔައިރު، ޕިކަޕްގައިވާ އަގުބޮޑު ސާމާނަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޯޑަރު ދެއްވިޔަސް ގާނޫނާ ހިލާފު ނުވުމަށާއި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ. އަދި އާދަމް ޝަރީފާއި އިހުތިޖާޖުން ހައްޔަރުކުރި އެހެން މީހުން ދޫކޮށްލުމަށް ވެސް ގޮވައިލި އެވެ.

މިރޭގެ އެއްވުމުން ހައްޔަރުކުރި މީހުންގެ އަަދަދު ސާފެއް ނުވެ އެވެ.