Roadha Mihaaru
ޔާމީންގެ ދިފާއުގައި ސައީދު/އާދަމް ޝަރީފް ލަންކާއަށް!

ޔާމީންގެ ދިފާއުގައި ސައީދު އާއި އާދަމް ޝަރީފް ލަންކާއަށް!

03 މެއި 2023

މަނީލޯންޑަރިންގެ ކުށުގައި ޖަލުގައި ހުންނެވި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ޕީޕީއެމްގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބޭރުގެ ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވަން ސްރީލަންކާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމުން ބުނީ ސައީދު އާއި އާދަމް ޝަރީފް މިއަދު ލަންކާއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

"އެގޮތުން [މި ދަތުރުގައި] ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ،" އެ ޕާޓީން ބުންޏެވެ.

ޕީޕީއެމް އިން ބުނި ގޮތުގައި، އިދިކޮޅުގެ ކަންބޮޑުވުންތަކަކީ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އަދިވެސް ތާވަލުނުކުރުމާއި ދަށު ކޯޓުގައި ހުރި މައްސަލަތައް އަވަސްކުރުމުގެ ސަބަބުން ޔާމީނަށް ގާނޫނުތަކުން ލިބެން ޖެހޭ ހައްގުތަކެއް ގެއްލުމެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓަކުން ޔާމީންއާ ޒާތީ ގޮތުން ޖައްސާލާފައިވާތީ، އެމަނިކުފާނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުމެވެ.

އެއީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމަކަށް ވާތީ، އެކަމާ ބެހޭ މައުލޫމާތާއި ޔާމީނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަށް ވާއިރު، އެމަނިކުފާނަށް ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހުރޫމުކޮށް، ސިޔާސީ ބޭނުމަކަށް އެމަނިކުފާނު ޖަލަށް ލައިގެން މި ސަރުކާރުން ގަސްތުގައި އަނިޔާދޭތީ، އެ މައްސަލައިގެ ކަންބޮޑުވުން ބޭރުގެ ސަފީރުންނާ ހިއްސާ ކުރައްވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޔާމީން މިހާރު ހުންނެވީ ވ. އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށުގައި 13 އަހަރަށް ޖަލުގަ އެވެ. އެ ހުކުމް އިސްތިއުނާފުކުރަން ޔާމީންގެ ވަކީލުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލާގެ އަޑުއެހުންތައް ވެސް މިހާރު ކޯޓުގައި ކުރިއަށް ދެ އެވެ.