Roadha Mihaaru
ޔާމީންގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހިގެން ރައްދު ދީފި

އާދަމް ޝަރީފްގެ ރައްދު ޔާމީނަށް: އަނބިދަރިން ދޫކޮށް ހުރީ ޔާމީންގެ ހައްގުގައި!

05 އޮކްޓޯބަރ 2023

އަނބިދަރިން ދޫކޮށް ފާއިތުވި އަހަރުތަކުގައި މަސައްކަތް ކުރެއްވީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކަމަށާއި ވިދާޅުވެ، ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތަކަށް މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ރައްދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަނބިދަރިން ދޫކޮށް ފާއިތުވި އަހަރުތަކުގައި މަސައްކަތް ކުރެއްވީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކަމަށާއި ވިދާޅުވެ، ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތަކަށް މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ރައްދު ދެއްވައިފި އެވެ.

ޔާމީންގެ ގެކޮޅު، ހ. ދޫވެހި ކައިރި އަށް "ފަރިވަޅު" އެއް އަރުވަން އެެއްވި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ ގައުމީ ހައްގުގައި މަސައްކަތް ކުރާ ނަމަ، ގައުމުގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރި ލީޑަރުގެ ހައްގުގައި ތިބެން ވާނީ ރައްޔިތުންނާ އެކު މަގުމަތީގައި ކަމަށް ވިދާޅުވެފަ އެވެ. މަގާމުތައް ލިބުމުން ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށާއި ނަމަވެސް، އެ މަނިކުފާނު ދެކެ ލޯބިވާ އާންމު ރައްޔިތުން ތިބޭނީ ގައުމުގެ ހައްގުގައި މަގުމަތީގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން، ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ދެ ވޯޓުގެ ތަފާތަކުން ނާކާމިޔާބުވި އާދަމް ޝަރީފް ވިދާޅުވީ ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު ޕީޕީއެމް/ޕީއެންސީން މުޒާހަރާ ރޭވުމާއި ސަޕޯޓަރުން ކުރި ހުރިހާ މުޒާހަރާތަކެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ އެއްވުންތަކުން، ދެ ފަހަރަށް ފުލުހުން ބަންދުކުރި ކަމަށާއި އާއިލާ އާއި ދާއިރާ އަށް ވަގުތު ނުދެއްވައި، ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރެއްވީ ޔާމީނާއި ޕާޓީ އަދި ގައުމުގެ ހައްގުގައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެ ހިތްވަރު އަދި ވެސް ހުންނާނެ،" ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ހައްގުގައި އެންމެ ބުރަ މަސައްކަތެއް ކުރީ އާންމު ސަޕޯޓަރުންގެ ތެރެއިން އަންހެނުން ކަމަށާއި އެ މީހުން މަގުމަތީ އިހުތިޖާޖުގައި އުޅުނީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށެވެ.

އެހެންކަމުން ވޯޓަށް އެދި ރައްޔިތުން ގާތަށް އަންނައިރު އެ ބޭފުޅުން އަންނަނީ ގައުމީ ހައްގުގައިތޯ ނުވަތަ އަމިއްލަ ކަމެއް ފުއްދަންތޯ ސާފުކުރަން ރައްޔިތުން ކިބައިން ޔާމީން އެދިވަޑައިގެންނެވި އެވެ.