Roadha Mihaaru
ޔާމީނަށް އޮތް ބިރާއެކު ޕީޕީއެމް ބައިބައިވުމާ ދިމާލަށް؟

ޔާމީނަށް އޮތް ބިރާއެކު ޕީޕީއެމް ބައިބައިކުރުމާ ދިމާލަށް؟

01 ނޮވެމްބަރ 2023

ދަތި، އުނދަގޫ ފަސް އަހަރަށް ފަހު ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދީ ބޮޑު ކާމިޔާބީއެކެވެ. އެކަމަކު، އުފާފާޅުކޮށް ނުނިމެނީސް އެ ކާމިޔާބީގެ މަންޒަރު "ކިލަނބުވެއްޖެ" އެވެ. ކޯލިޝަން ޕާޓީގެ ބަދަހިކަމާ ދޭތެރޭގައި ސުވާލު އުފައްދާނެ ޖާގަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދަތި، އުނދަގޫ ފަސް އަހަރަށް ފަހު ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދީ ބޮޑު ކާމިޔާބީއެކެވެ. އެކަމަކު، އުފާފާޅުކޮށް ނުނިމެނީސް އެ ކާމިޔާބީގެ މަންޒަރު "ކިލަނބުވެއްޖެ" އެވެ. ކޯލިޝަން ޕާޓީގެ ބަދަހިކަމާ ދޭތެރޭގައި ސުވާލު އުފައްދާނެ ޖާގަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

ދެ ޕާޓީން ކަންކަން ކުރިއަށް ގެންދަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތް ގޮތާއި ހައްލުތައް ހޯއްދަވަން ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވެފައިވާ އުސޫލުތަކާ ދެބަސްވުން ހުރި ކަން ފާޅުގައި ޔާމީންގެ ބަސްފުޅުތަކާއި އަމަލުތަކުން ދައްކަވަން ފައްޓަވައިފި އެވެ.

ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންގެ ވެސް އެންމެ ބޮޑު އެދުމަކަށް ވީ އިންތިހާބު ކާމިޔާބުކޮށް، ޔާމީން މިނިވަންކުރުމެވެ. އިންތިހާބު ކާމިޔާބު ކުރައްވައި، މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ މި ސަރުކާރުގައި އެދިވަޑައިގެން އެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް މި ސަރުކާރުން ޔާމީން ގެ އަށް ބަދަލުކުރި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 11 އަހަރުގެ ހުކުމެއް އިއްވާފައިވާ ޔާމީން، ގާނޫނީ އިމުގެ ތެރެއިން މިނިވަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު އޮތީ ދެއްވައިފަ އެވެ.

އެކަމަކު، އެ ވާހަކަތަކަށް ބެއްލެވުމެއް ނެތި، ޔާމީން ވަނީ އަމިއްލަފުޅަށް މި ސަރުކާރުގައި އެދިވަޑައިގެން އިތުރު ލުޔެއް ހޯއްދަވައިފަ އެވެ. މާލެ ބަންދެވެ.

އެ ލުއި ކަރެކްޝަނަލް ސާވިސް އިން ދިނީ ބޭސްފަރުވާގެ ކަންކަމަށް ވިޔަސް ޔާމީން އެ ލުއި މާނަކުރައްވަނީ ސިޔާސީ ހަރަކާތް ހިންގަން ލިބިވަޑައިގަތް ހުއްދައެއްގެ ގޮތަށެވެ. ލުއި ލިބިވަޑައިގަތުމުން، އެ މަނިކުފާނު ގެންދަވަނީ ސަޕޯޓަރުންނާ އެކު ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެ ބައްދަލުވުންތަކުގައި ދައްކަވާ ވާހަކަފުޅުތަކުގައި ޔާމީންގެ ވިސްނުންފުޅު އަމިއްލަ ޕާޓީގެ ވެރިކަމާ ދޭތެރޭގައި ހުރި ގޮތް ވެސް ސާފުކޮށްދެއްވަ އެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރަށް ފުރިހަމަ ތާއީދު ނުވަތަ "ފާސް ރިޕޯޓް" ދެއްވާނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކޮށް، ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމުން ކަމަށް ވިދާޅުވެ އިދިކޮޅު ޕާޓީއެއްގެ ބަސްމަގު ހުންނަ ގޮތަށް ބަހުގެ ހަމަލާތަކެއް ވެސް އަމާޒު ކުރެއްވި އެވެ.

މުއިއްޒުގެ ވެރިކަން ނުފެށެނީސް ވެސް ޔާމީން ދައްކަވާ ބައެއް ވާހަކަފުޅުތައް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި އާއްމު މެމްބަރުންނަށް ވެސް ބަލައެއް ނުގަނެވެ އެވެ. ހިޔާލުތަފާތުވުން ބޮޑުވެ، ވެރިކަން ހިންގަން މުއިއްޒަށް ދަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ޔާމީން ދައްކަވާ ވާހަކަތަކާއި މިހާރު އުޅުއްވާ ގޮތުން، ފަހަތުގައި އޮތީ އެންމެ ސަބަބެކެވެ. ސިޔާސީ ގޮތުން މިހާރު އެ މަނިކުފާނު ހުންނެވި ހިސާބެވެ. މުއިއްޒުގެ ވެރިކަން ފެށުމާ އެކު، ޔާމީންގެ ބާރުތައް ހަނިވެ، ޕާޓީ ގެއްލިދާނެ ކަަމަށް ޔާމީނަށް އޮތް ބިރެވެ.

ޕީޕީއެމުން ކެންޑިޑޭޓަކަށް ޖާގަ ނުދިނީވެސް އެ ބިރުގައި!

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވިއިރު ޕީޕީއެމުން ކެންޑިޑޭޓަކު ޔާމީން ނުނެރުއްވީ ވެސް އެ ބިރުގަ އެވެ. ޕީޕީއެމްގެ ބާރުވެރިކަން އެ މަނިކުފާނަށް ބޭއްވެވުމަށެވެ. ސުޕްރީމް ކޯޓުން އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަން ޔަގީންވުމާ އެކު ބޭނުންފުޅުވީ އެހެން އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވައި އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ.

އެކަން ކާމިޔާބު ނުވީ ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އެ ނިންމެވުމަށް ދޫ ނުދެއްވުމުން ކަން އޭރު ހިނގައިދިޔަ ކަންކަމުން ސާފުކޮށް ފެންނަން އެބައޮތެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީން ކެންޑިޑޭޓަކު ނުނެރެ އިންތިހާބު ނިންމާލުން އެއީ ދެ ޕާޓީގެ ލީޑަޝިޕަށް ގަބޫލުކުރެއްވުނު ގޮތަކަށް ނުވެ، އެންމެ ފަހުން މުއިއްޒު ކެންޑިޑޭޓުގެ ގޮތުގައި ނެރުނީ އެވެ. އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުން ނިންމި ހިސާބުން ޔާމީނަށް މަޖުބޫރުވެވަޑައިގަތީ އެކަން ގަބޫލުފުޅު ކުރައްވައި އެއްގޮތަށް ކުރިއަށް ވަޑައިގަތުމަށެވެ. ފެނުނު މަންޒަރުތަކަށް ބަލާއިރު، ޔާމީންގެ ރުހުން މުއިއްޒަށް ދެއްވީ ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި މުއިއްޒު އެ މަނިކުފާނުގެ ޓީމާ އެކު ހުންނަވަނިކޮށެވެ.

އިންތިހާބު ނިމި ޔާމީން ގެއަށް ބަދަލުކުރުމުން މިހާރު ފެންނަނީ، އިންތިހާބުގެ ކުރިން ހިނގި ކަންކަމާ ހިސާބުން އެ މަނިކުފާނުގެ ހުރި ހިތްހަމަނުޖެހުންތަކެވެ. ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބުމުން ކަންކަން ރީތިކޮށް ގެންދިއުމުގެ ފުރުސަތު ދީ، މުޒާހަރާ ނުކުރުމަށް މުއިއްޒު އެދިވަޑައިގަތުމުން ޔާމީން އެންގެވީ އެ މަނިކުފާނުގެ ހައްގުގައި މަގުމަތީގައި ތިބެން ކެރެން ޖެހޭނެ ކަމަށެވެ. ޕީއެންސީ އަށް މެމްބަރުން ސޮއިކުރުން ވެސް ޔާމީން ނެންގެވީ އެ މަނިކުފާނު ރައީސްކަން ކުރައްވާ ޕީޕީއެމަށް އޮތް ހުރަހެއްގެ ގޮތަށެވެ.

ޕީޕީއެމްގެ މެމްބަރުން ހިމެނޭ ގޮތުން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަން ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ޔާމީން ވިދާޅުވި އެވެ. އޭގެ ފަހުން، މުއިއްޒުގެ ވެރިކަމަށް އެ މަނިކުފާނުގެ ރުހުން ލިބިވަޑައިގަންނަވާނީ ދެ ކަމެއް ފުރިހަމަވުމުން ކަމަށާއި އެއީ އިންޑިއާ ސިފައިން ބޭލުމާއި ކަނޑުން ގެއްލުނު ސަރަހައްދު ހޯދުން ކަމަށް އޮތީ ވިދާޅުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަން ނުފެށެނީސް ޔާމީންގެ މި ވާހަކަފުޅުތަކަކީ އެ މަނިކުފާނަށް ޕާޓީ ގެއްލިދާނެ ކަމުގެ ބިރަށް ހުންނެވި ގޮތް ސާފުކޮށްދެއްވަން ދައްކަވާ ވާހަކަތަކެއް ކަމަށް ބެލެވިދާނެ އެވެ.

މި ފަހުން ޔާމީން ބާއްވަވާ ބައްދަލުވުންތަކުގައި، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެ ބައްދަލުވުންތައް އޮންނަ ކަން ވެސް ޔާމީންގެ ފަރާތްޕުޅުން ހިއްސާނުކުރަނީ ކަމަށް ވެސް ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ޕާޓީގެ މަސްލަހަތަށް ބަލައި ލީޑާޝިޕްގެ ބޭފުޅުން މި ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ނުވެ އެވެ. އެކަމަކު ފެންނަ ފެނުމަށް ބަލާއިރު، ޕާޓީގެ އެތެރޭގެ ހުޅުގަނޑު ފަޅައިގެން ދިއުން އޮތީ މާ ދުރަކު ނޫނެވެ.

ބައިބައިވުމުގެ ގެއްލުން ބޮޑުވާނެ!

ކަރެކްޝަންސް އިން ދިން ލުއިތަކާ އެކު، ޔާމީންގެ ފުރަތަމަ މަންޒިލަކަށް ވީ، ޕާޓީގެ އޮފީހެވެ. އެންމެ އަރިސް ޕީޕީއެމްގެ ގްރާސްރޫޓު މެންބަރުންނާ ބައްދަލުކުރައްވައި ތިން ގަޑިއިރެއްހާއިރު ހޭދަކުރެއްވި އެވެ. އެކަމަކު އެ ބައްދަލުވުމަށް ޕާޓީގެ އިސް ބޭފުޅުން ވަޑައެއް ނުގަންނަވަ އެވެ. އެކަން ރާވާފައި އޮތް ކަން ވެސް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަ އެވެ.

އެ ބައްދަލުވުމުގައި ޔާމީނާ އެންމެ ގާތުން ބައިވެރިވެވަޑައިގެންނެވީ އެ މަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އޭގެ ފަހުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަތެވެ.

ޕާޓީގެ ސެނެޓު މެންބަރަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި، ޔާމީން ޕާޓީގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާކަން ލީޑަޝިޕްގެ އެއްވެސް ބޭފުޅަކަށް ނާންގަވަ އެވެ.

"އާންމު ގޮތެއްގައި އެސްޖީ[ތޮލާލް] އަށް އަންގަވާނެ ވަޑައިގަންނަވަންޏާ. އެސްޖީ އަންގަވާނީ އަޅުގަނޑުމެން ލީޑަޝިޕްގެ ބޭފުޅުންނަށް. އެކަމަކު އެ ރޭ ވަޑައިގަންނަވާކަން އަންގަވާފައިނުވޭ،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ޖަލްސާ ކުރިއަށް ދިޔައިރު، އިންތިހާބީ ރައީސް މުއިއްޒާއި ދެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ތިއްބެވީ ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ޖެން ހޮޓަލުގަ އެވެ.

ރޭގެ ޖަލްސާގެ ކުރީ ސަފުގައި ލީޑާޝިޕްގެ ބޭފުޅަކު ބައިވެފައިނުވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭގެ ޖަލްސާގެ ކުރީ ސަފުގައި ލީޑާޝިޕްގެ ބޭފުޅަކު ބައިވެފައިނުވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރިޕޯޓަށް ވާހަކަ ދެއްކެވި ސެނެޓަރަކު ވިދާޅުވި ގޮތުގައި، އިންތިހާބީ ރައީސްގެ އެ ބައްދަލުވުން އޮތް ކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ވަގުތާ ދިމާކޮށް، ސަޕޯޓަރުން ކައިރިއަށް ޔާމީން ވަޑައިގަތީ ލީޑަޝިޕްގެ ބޭފުޅުންނާ ވަކިން ޔާމީނަށް ވަފާތެރި މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.

އޭގެ ފަހުން ޔާމީން ބޭއްވި ޖަލްސާއަށް ވެސް ދެ ޕާޓީގެ އިސް ބޭފުޅުން ވަޑައެއް ނުގަންނަވަ އެވެ.

ޕާޓީ މެންބަރުންނާއެކު ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ޔާމީން އެންމެ އިސްކަމެއް ދެއްވީ ޕީޕީއެމް ޕާޓީއެއްގެ ގޮތުގައި ވަރުގަދަކޮށް، ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލުމުގެ މަސައްކަތް ފެށުމުގެ ވާހަކަތަކަށެވެ.

މި ކަމުގައި އެމަނިކުފާނުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕީއެންސީއަށް މެންބަރުން އިތުރުވުމެވެ. ނުވަތަ ޕީޕީއެމްގައި ތިއްބެވި މެންބަރުން ޕީއެންސީއާ ގުޅުމެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ގެންދަނީ ޕީއެންސީ އަށް ސޮއިކުރަމުންނެވެ.

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވި ދުވަހު މުއިއްޒު އަދި ލީޑާޝިޕާއެކު - ފޮޓޯ: ނިޝާން އަލީ | މިހާރު

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވި ދުވަހު މުއިއްޒު އަދި ލީޑާޝިޕާއެކު - ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީނާ ހަވާލާދީ ޖަމީލް ވިދާޅުވި ގޮތުގައި ޕީއެންސީގެ ފޯމު ފުރައިދޭކަށް ޔާމީން ވަޑައެއް ނުގަންނަވާނެ އެވެ. ވީއިރު އެކަން ކުރަން ޕީޕީއެމްގެ މެންބަރުން ދާން ނުޖެހޭނެކަމަށް ޔާމީން ގަބޫލުފުޅު ކުރައްވަ އެވެ.

"އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމް މެންބަރުން ނުޖެހޭނެއޭ ޕީޕީއެމް ދޫކޮށް ޕީއެންސީ އަށް ދާކަށް. މިއީ އެއް ފިކުރެއްގެ ދެ ޕާޓީއޭ. ކުދި ޕާޓީތަކުގެ މެންބަރުން ވެސް ޕީޕީއެމަށް ގުޅުވާށޭ، މިއީ މި ޕާޓީ ވަރުގަދަ ކުރަންވީ ވަގުތު ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

ޔާމީން އެދިވަޑައިގެންނެވީ، ޕީޕީއެމްގެ ސިޔާސަތަކާއި ފަލްސަފާ ޒުވާނުންނަށް ވިއްކައި، ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް މެންބަރުން ކޮށްދިނުމަށެވެ. ބުރަ މަސައްކަތުން އަލުން ހޯދި "ޕީޕީއެމް ފިކުރު"ގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ޕީޕީއެމް ތަމްސީލު ކުރާ މަޖިލީހެއް އެކުލަވާލުމުގެ މުހިންމު ކަން ތަކުރާރުކޮށް ވަނީ ފާހަގަކުރައްވައިފަ އެވެ.

ޔާމީން އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުން ހާމަވީ އެއް ފިކުރު ނަމަވެސް ޕީއެންސީ އަށް ބާރުތައް ދޭން ބޭނުންފުޅު ނުވާ ކަމެވެ.

"ބޮޑު އަޣުލަބިއްޔަތު ހޯދަން މަސައްކަތް ކުރަންވީ. އަޅުގަނޑުމެން މަޖިލީހުގައި ގަރާރުތައް އެއްލާލިޔަ ނުދޭނަން، ގައުމީ މައްސަލައެއް އައިސިއްޔާ ކެރޭނެ ބަހުސްކޮށް، ޖަދަލު ކުރަން. އެ ފާސް ވެސް ކުރާނަން ރައްޔިތުންނަށް ފައިދާވާ ކަމެއް ވިއްޔާ،" ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

މުއިއްޒަށް ޔާމީންގެ ޗެލެންޖެއް!

ޔާމީންގެ ވާހަކަފުޅުތަކުގައި މުއިއްޒާ އެކު، އޮތް ގުޅުން ހީނަރުކަން ދައްކަވަން ނުސީދާ ރައްދުތަކެއް ވެސް ދެއްވަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ދެން އުފެދިގެން އަންނާނީ އެ މަނިކުފާނުގެ ވެސް ސަރުކާރެކެވެ. އެ ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދެއްވުމުގައި އެ މަނިކުފާނު ދެމިހުންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ "ފާސް ރިޕޯޓު" ހޯދަން މުއިއްޒަށް އޮތީ ދެ އިމްތިހާނެއް ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ޗާގޮސް މައްސަލައިގައި ގެއްލުނު ކަމަށް ބުނާ ކަނޑު އަލުން ހޯދުމާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރު ކުރުމެވެ. އެކަންކޮށް ނިންމަން ޖެހޭނެ ކަމަށާއި އެއީ ރައްޔިތުން ދިން ވޯޓުގެ ހައްގުގައި ކުރަން ޖެހޭނެ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ދެ ކަންތަކުގައި ދޫކުރެވޭކަށް ނެތް. އެކަން ހާސިލްކޮށްފި ނަމަ އެ ވަރުން ފުދޭ. އެ ވަރުން ބުނާނަން ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދޭނަން. ދެން ހުރި ކަންކަމަކީ ދުނިޔެވީ ކަންކަން. އެކަންކަމުގައި ވެސް ކުރިއަށް ގެންދެވޭނެ،" ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި  ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ދެ ކަމެއް ވިދާޅުވެ ދެއްވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ދެ ކަމެއް ވިދާޅުވެ ދެއްވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް މަސައްކަތް ކޮށްދިނުމަކީ މުއިއްޒުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނެ ކަންކަމެވެ. ޔާމީންގެ މި ޗެލެންޖާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފަހައްޓަން ބޭނުން ނަމަ، މުއިއްޒަށް މި ދެން ކަންތަކަށް އިތުރު ސަމާލު ކަމެއް ދޭން ޖެހިވަޑައިގަންނަވާނެ އެވެ.

ޔާމީން ދެއްވެވީ އިންޒާރެކެވެ. ކިރިޔާ ވެސް ނުކިއްސަރު މަގަކުން ވެރިކަމުގެ ކަންކަން ހިނގާނަމަ ތާއީދު ގެއްލިދާނެ ކަމެވެ. އެއާއެކު ޕާޓީގެ ލީޑާޝިޕަށް މުހިންމު ނިންމުމެއް ނިންމަން ޖެހޭނެ އެވެ. ފަސް އަހަރުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަރަން ޖެހޭ ފަޅި އެވެ.

ޔާމީންގެ ބާރު ޕީޕީއެމްގައި ވަރުގަދަ ކުރުމަށްޓަކައި އިދާރީ ހުރަސްތައް ނައްތާލަން ވެސް އެ މަނިކުފާނު ބޭނުންފުޅުވެ އެވެ. އޭގެ އެއް ހެއްކަކީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މަގާމުން ދުރުކޮށް، އާ ބޭފުޅަކު ހަމަޖައްސަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމެވެ. އެކަމަކު، ތޮލާލް މަގާމުން ވަކިކުރެވެން އޮތީ ޕީޕީއެމްގެ ސެނެޓަށް ކަމަށް ވާތީ އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސެނެޓްގެ ކޮންޓްރޯލް ވެސް ޔާމީނަށް އޮތް ހެނެއް ހިއެއް ނުވެ އެވެ.

ވެރިކަން ނުފެށެނީސް ޕީޕީއެމްގެ އެންމެ އިސް މަގާމުގައި ހުންނަވައި ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ޕީޕީއެމާއި ޕީއެންސީގެ އާއްމު މެމްބަރުންނަށް މާޔޫސްކަން ކުރިމަތިވާނެ ވާހަކަތަކެކެވެ. މަގުމަތީގައި ފަސް އަހަރު ހޭދަކޮށް، ލިބުނު ކާމިޔާބީއާ އެކު ބައިބައިވެދާނެ ކަމުގެ ބިރު އޮތް ކަމެކެވެ. އިންތިހާބީ ރައީސްގެ ވައުދުތަކާ އެއްގޮތަށް ގައުމު ހިންގުމުގެ ފުރުސަތު ޕީޕީއެމްގެ ތެރެއިން ބޭނުންވާއިރު، ޕާޓީ ބައިބައިނުކޮށް އެ ފުރުސަތު ދެއްވުން އޮތީ ޔާމީންގެ އަތްޕުޅުގަ އެވެ.