Roadha Mihaaru
ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް: މައުމޫން

މައުމޫންގެ ރައްދު ނަޝީދަށް: ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް

06 ޖުލައި 2021

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެކަން ކާމިޔާބު ކުރަން އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެކަން ކާމިޔާބު ކުރަން އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމަށްޓަކައި 2023 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ. އެ މަނިކުފާނުގެ ވިސްނުންފުޅަކީ ބަރުލަމާނީ ނިޒާމު ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ ތާއީދު ވެސް ލިބޭނެ އެވެ.

"މީގެ ކުރިން ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާފައި. އަދި [އެ ނިޒާމަށް] ތާއީދު ނުކުރައްވާ ވާހަކައެއް ވެސް ވިދާޅުވެފައި ނުވޭ. އެމްޑީޕީ އާއި ޕީޕީއެމް ދެ ޕާޓީ މި ނިޒާމަށް ތާއީދު ކުރެވި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ އެ ވާހަކަފުޅާ ގުޅިގެން ޕީޕީއެމުން މިއަދު ބުނީ، އެ މަޝްވަރާ އަށް ދާން އެ ޕާޓީ ތައްޔާރު ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމުގެ "ފޯރި" ނަޝީދު އަނެއްކާ ވެސް ވައިގައި ހިއްޕައިލުމުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމު. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް. ވަރަށް ސާފު،" ބަރުލަމާނީ ނިޒާމުގެ ވާހަކަ ނަޝީދު އިސްވެ ފެންމަތި ކުރައްވާ ކޮންމެ ފަހަރަކު އެއާ ދެކޮޅަށް ނުކުންނަވާ މައުމޫން ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައި ރަނގަޅު ގޮތަކަށް އެކަން ނިންމަވާނެ ކަމަށް ނަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވިދާޅުވުމުން ވެސް މައުމޫން އެ ވާހަކަފުޅަށް ރައްދު ދެއްވި އެވެ.

އޭރު މައުމޫން ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ދެ މީހަކު މަޝްވަރާކޮށްފައި އެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ.

ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.