Roadha Mihaaru
ނައިޖީރިއާ ސްކޫލެއްގެ 140 ދަރިވަރުން ރަހީނުކޮށްފި

ނައިޖީރިއާގެ ސްކޫލަކަށް ހަމަލާދީ 140 ދަރިވަރުން ރަހީނުކޮށްފި

06 ޖުލައި 2021

ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު، އިއްޔެ ނައިޖީރިއާގެ ބޯޑިން ސްކޫލަކަށް ހަތިޔާރާއެކު ވަދެގަނެ އެތަނުގެ މުވައްޒަފުންނަށް ހަމަލާ ދިނުމަށް ފަހު، 140 ވަރަކަށް ދަރިވަރުން ރަހީނު ކޮށްގެން ގެންގޮސްފި އެވެ.

ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު، އިއްޔެ ނައިޖީރިއާގެ ބޯޑިން ސްކޫލަކަށް ހަތިޔާރާއެކު ވަދެގަނެ އެތަނުގެ މުވައްޒަފުންނަށް ހަމަލާ ދިނުމަށް ފަހު، 140 ވަރަކަށް ދަރިވަރުން ރަހީނު ކޮށްގެން ގެންގޮސްފި އެވެ.

ނައިޖީރިއާގެ ފުލުހުން ބުނި ގޮތުގައި ކަޑޫނާ ސްޓޭޓްގެ ބޯޑިން ސްކޫލަށް އިއްޔެ ދިން ހަމަލާ އަށް ފަހު ދަރިވަރުންތައް ރަހީނު ކުރި މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ. މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު، ނައިޖީރިއާގެ ހުޅަނގުއުތުރުގައި، މިހާ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ރަހީނުކުރި 10 ވަނަ ފަހަރެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ސްކޫލްތަކަށް ހަމަލާ ދީ ދަރިވަރުން ރަހީނު ކުރުމަށް ފަހު، އެ ދަރިވަރުން މިނިވަން ކުރަނީ، ބެލެނިވެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލުމަށް ފަހުގަ އެވެ. އަދި ބައެއް ފަހަރަށް އެމީހުން އެދޭ މިންވަރަށް ފައިސާ ނުލިބުމުން ބައެއް ދަރިވަރުން މަރާލާފައި ވެސް އެބަ ހުއްޓެވެ.

ކަޑޫނާ ސްޓޭޓްގެ ފުލުހުން ބުނި ގޮތުގައި ހަތިޔާރު އެޅި ޖަމާއަތުގެ މީހުން، ކަޑޫނާ ސްޓޭޓްގެ ދެކުނުގައި ހުރި ބެތެލް ބެޕްޓިސްޓް ހައި ސްކޫލަށް ވަދެގަތީ ހޯމަ ވިލޭރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެމީހުން އެ ސްކޫލަށް ވަދެގަތީ ސްކޫލްގެ ބޭރުގައި ފާރަ އަށް ތިބި ސެކިއުރިޓީ ގާޑުންނަށް ހަމަލާ ދީ އެމީހުން ބާރު ކަނޑުވައިލުމަށް ފަހު އެވެ.

އެއަށް ފަހު ދަރިވަރުން ނިދާފައި ތިބި ހޮސްޓެލްގެ އިމާރާތަށް ވަދެ، ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް މުވައްޒަފުން ގޮވައިގެން ޖަންގަލި ތެރެއަށް ވަދެ ފިލީ އެވެ. ފުލުހުން ބުނި ގޮތުގައި ރަހީނު ކުރި ދަރިވަރުންގެ ތެރެއިން، 25 ދަރިވަރަކާއި އަންހެން ޓީޗަރަކު، ހަތިޔާރު އެޅި މީހުންގެ އަތްދަށުން ސަލާމަތްވެގެން އެނބުރި އައެވެ.

އެ ސްކޫލްގެ ފައުންޑަރު ފާދިރީ ޖޯން ހަޔާބް ރޮއިޓާސް އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގި އިރު، 180 ވަރަކަށް ދަރިވަރުން ހޮސްޓެލް އަށް އައިސް ތިބީ، މި ހަފުތާގައި އޮންނަ އިމްތިހާންގައި ބައިވެރިވުމަށެވެ. ހަތިޔާރު އެޅި މީހުން ރަހީނުކޮށްގެން ގެންދިޔަ ދަރިވަރުންގެ ތެރޭގައި، ފާދިރީގެ އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން، 17 އަހަރުގެ ފިރިހެން ދަރި ވަނީ، ހަތިޔާރު އެޅި މީހުންގެ އަތްދަށުން ސަލާމަތްވެގެން އެނބުރި އައިސްފަ އެވެ. ނަމަވެސް އަންހެން ދަރިފުޅު އަދި ސަލާމަތް ނުކުރެވޭ ކަމަށް ފާދިރީ ޖޯން ހަޔާބް ބުންޏެވެ.