Roadha Mihaaru
ނައިޖީރިއާގެ މާރުކޭޓަކަށް ބަޑިޖަހައި 20 މަރު

ނައިޖީރިއާގެ މާރުކޭޓަކަށް ބަޑިޖަހައި 20 މީހުން މަރާލައިފި

10 އޮކްޓޯބަރ 2021

ބަޑި ހިފައިގެން ތިބި ބަޔަކު ނައިޖީރިއާގެ މާރުކޭޓެއްގެ ތެރެއަށް ވަދެ، މީހުންތަކުގެ ތެރެއަށް ބަޑިޖަހައި، މަދުވެގެން 20 މީހަކު މަރާލައިފި އެވެ.

ބަޑި ހިފައިގެން ތިބި ބަޔަކު ނައިޖީރިއާގެ މާރުކޭޓެއްގެ ތެރެއަށް ވަދެ، މީހުންތަކުގެ ތެރެއަށް ބަޑިޖަހައި، މަދުވެގެން 20 މީހަކު މަރާލައިފި އެވެ.

ނައިޖީރިއާ ސަރުކާރުގެ އޮފިޝަލުން ބުނި ގޮތުގައި ބަޑި ހިފައިގެން ތިބި ބަޔަކު އިއްޔެ ހަމަލާ ދިނީ ނައިޖީރިއާގެ ސޮކޯޓޯ ސްޓޭޓްގެ މާރުކޭޓެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރިކުރަން ވަދެ އުޅުނު ވަގުތެއްގަ އެވެ. ހަތިޔާރު އެޅި މީހުން މާރުކޭޓު ތެރެއަށް ބަޑިޖެހުމުގެ އިތުރުން، އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ކާރުތަކުގައި ރޯވެސް ކުރި އެވެ.

ހަތިޔާރު އެޅި މީހުންގެ ފަރާތުން ސޮކޯޓޯ ސްޓޭޓްގެ އާންމުންނަށް ކުރިމަތިވާ ނުރައްކާތައް، މިދިޔަ ޑިސެމްބަރުން ފެށިގެން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހަތިޔާރު އެޅި މީހުންގެ އެންމެ އާންމު ކަމަކަށް މިހާރު ވެފައި އޮތީ، މައި ރަށްތަކާ ވަކިން އޮންނަ އަވަށްތަކުގައި ހުންނަ ސްކޫލްތަކަށް ވަދެގަނެ ދަރިވަރުން ވަގަށް ނަގައިގެން ރަހީނުކުރުމާއި، އަވަށުގެ އަންހެނުން ރަހީނު ކުރުމެވެ.

ރަހީނުކުރާ މީހުންނާއި ދަރިވަރުން މިނިވަންކުރަނީ، ހަތިޔާރު އެޅި މީހުން ބުނާ ވަރަކަށް ފައިސާ ދިނުމުންނެވެ. އަދި ފައިސާ ނުދެވޭ ބައެއް ހާލަތްތަކުގައި، ރަހީނުކޮށްފައި ތިބޭ މީހުންނާއި ކުދިން މަރާފައިވެސް އެބަހުއްޓެވެ.

ސޮކޯޓޯ ސްޓޭޓްގެ ފުލުހުންގެ ކަންތަކާ ބެހޭ މިނިސްޓަރު އިދުރީސް ގޮބީރް ވިދާޅުވި ގޮތުގައި، އިއްޔެގެ ހާދިސާގައި މާރުކޭޓަށް ހަމަލާ ދިން މީހުން އައީ ސައިކަލުތަކެއްގަ އެވެ. މާރުކޭޓު ތެރެއަށް ސައިކަލުތަކުގައި ވަދެގަނެ، ގޮތެއްފޮތެއް ނުބަލައި ބަޑި ޖެހުމަށް ފަހު، ސައިކަލުތަކުގައި ފިލައިގެން ދިޔައީ އެވެ.

މި ހާދިސާގައި 20 މީހަކު މަރުވުމުގެ އިތުރުން އެތައް ބަޔަކު ޒަހަމްވި އެވެ. އޭގެ އިތުރުން ނުވަ ކާރެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ސޮކޯޓޯ ސްޓޭޓްގެ ސަރަހައްދީ ޕާލަމެންޓްގެ މެންބަރެއް ކަމަށްވާ ހުސައިން ބޯޒާ ވިދާޅުވި ގޮތުގައި، ހަތިޔާރު އެޅި ގޭންގުތަކުގެ ހަމަލާތައް މިހާ ބޮޑަށް އިތުރުވެގެން އުޅެނީ، ފުލުހުންނާއި ސިފައިންގެ ފަރާތުން ލިބެންޖެހޭ ސަލާމަތީ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ އެވެ.

ނައިޖީރިއާގެ އުތުރުގެ އެހެން ސްޓޭޓްތަކެކޭ އެއްގޮތަށް ސޮކޯޓޯގައި ވެސް މިދުވަސްކޮޅު ވަނީ މުވާސަލާތީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ. އެއީ ގޭންގުތަކުގެ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުންނާއި ގޭންގުތަކުގެ މީހުން ހިފައި ހައްޔަރުކުރުމަށް ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތުގެ ތެރެއިން، އެ ސަރަހައްދުތަކުގެ އިންޓަނެޓާއި މޯބައިލް ފޯނުގެ ޚިދުމަތްތައް މެދުކަނޑާލަމުން ދާތީ އެވެ.

ނައިޖީރިއާ ފުލުހުން ބުނި ގޮތުގައި އެ ގައުމުގެ އުތުރު ސްޓޭޓެއް ކަމަށްވާ ޒަމްފަރާގައި، ހަތިޔާރު އެޅި ގޭންގެއްގެ ބަޔަކު، ފައިސާ ހޯދުމުގެ ގޮތުން ރަހީނުކޮށްގެން ގެންގުޅުނު 187 މީހަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިނިވަންކޮށްފަ އެވެ.