Roadha Mihaaru
ނައިޖީރިއާ އިން ވަގަށް ނެގި ސްކޫލް ކުދިންގެ ވާހަކަ

ނައިޖީރިއާ އިން ވަގަށް ނެގި ސްކޫލް ކުދިންގެ ވާހަކަ: ސްކޫލަށް ދާން އަދިވެސް ބޭނުން

06 މާޗް 2021

އަބޫޖާ (މާޗް 6) - ހަތިޔާރު އަޅައިގެން ތިބި ބަޔަކު ނައިޖީރިއާގެ ސްކޫލަކުން ވަގަށް ނެގި 279 އަންހެން ކުދިންގެ ތެރޭގައި ހިމެނޭ އެއް ކުއްޖަކު ވަނީ އެ ބިރުވެރި ހާދިސާ ބީބީސީ އަށް ކިޔައިދީފަ އެވެ. ނަމަވެސް އަމިއްލަ ސަލާމަތަށްޓަކައި އެ ކުއްޖާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫޖާ (މާޗް 6) - ހަތިޔާރު އަޅައިގެން ތިބި ބަޔަކު ނައިޖީރިއާގެ ސްކޫލަކުން ވަގަށް ނެގި 279 އަންހެން ކުދިންގެ ތެރޭގައި ހިމެނޭ އެއް ކުއްޖަކު ވަނީ އެ ބިރުވެރި ހާދިސާ ބީބީސީ އަށް ކިޔައިދީފަ އެވެ. ނަމަވެސް އަމިއްލަ ސަލާމަތަށްޓަކައި އެ ކުއްޖާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

ސްކޫލުން ވަގަށް ނަގައިގެން އެ ކުދިން ގެންދިޔައީ ޖަންގައްޔަކަށެވެ.

"އަހަރެން ހަމަ އަދިވެސް ސްކޫލަށް ދާހިތްވޭ. ސަބަބަކީ އަހަރެން ބޭނުންވޭ އުޖާލާ މުސްތަބްގަބެލއް. އެކަމަކު ސްކޫލަށް ދިއުމުގެ ހިތްވަރު އަހަރެންނަށް ލިބުމުގެ ކުރިން ސަރުކާރުން ޖެހޭނެ ސްކޫލްތަކުގައި ދާއިމީކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން،" އެ ކުއްޖާ ބުންޏެވެ.

އެ ކުއްޖާ ކިޔައިދިން ގޮތުގައި ސްކޫލުގައި އެ މީހުން ތިބި ހޮސްޓެލް އަށް ހަތިޔާރު ހިފައިގެން ތިބި މީހުން ވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ އެކެއް ޖެހި އިރެވެ. އެ މީހުން ވަނުމާ އެކު ގިނަ ކުދިންނަށް ލިބުނީ ޝޮކެއް ކަމަށް ބުންޏެވެ.

"އަހަރެމެން ހީކުރީ ފަތިސް ނަމާދަށް ގޮވަން ވަން ޓީޗަރުން ކަމަށް،" އެ ކުއްޖާ ބުންޏެވެ. "އެކަމަކު ބަޑި ޖަހަން ފެށުމުން އެންމެން ވެސް ބިރުން ހަޅޭލައްވަން ފެށި. އެ މީހުން ފަހުން ބިރު ދެއްކި ހަޅޭލައްވައިފި ނަމަ ބަޑިޖަހާނެ ކަމަށް ބުނެ."

އޭގެ ފަހުން ހުރިހާ ކުދިން ވެސް އެސެބްލީ ގްރައުންޑަށް ގެންގޮސް، އެެހެން ހޮސްޓެލްތައް ދެއްކުމަށް އެ މީހުން އެންގި އެވެ.

ސްކޫލް ކުދިން ވަގަށް ނަގައިގެން ގެންދިޔައީ ހޮސްޓެލްގައި ނިދަން ތިއްބައި. --ފޮޓޯ:ގެޓީ އިމޭޖަސް

ސްކޫލް ކުދިން ވަގަށް ނަގައިގެން ގެންދިޔައީ ހޮސްޓެލްގައި ނިދަން ތިއްބައި. --ފޮޓޯ:ގެޓީ އިމޭޖަސް

"ބައެއް ހަނގުރާމަވެރިން އަހަރެމެންނާ އެކު ތިބި. ދެން ތިބި މީހުން ދިޔައީ އެހެން ހޮސްޓެލްތަކަށް ބާކީ ތިބި ކުދިން ބަލައި،" އެ ކުއްޖާ ބުންޏެވެ.

ހުރިހާ ކުދިން ހަމަކޮށް ވައިގެ ތެރެއަށް ބަޑިޖަހަމުން އެ މީހުން އެ ކުދިން ގެންދިޔައީ ޖަންގައްޔަކަށް ކަމަށް ބުންޏެވެ. ޖަންގަލީގެ ގަސްތަކުގެ ކަށިތަކުގެ ތެރޭން އެތައް މޭލަކަށް ހިންގައިފައި ގެންދިޔަ އިރު ގިނަ ކުދިން ތިބީ ބޫޓަށް ވެސް ނާރާ ކަމަށް އެ ކުއްޖާ ބުންޏެވެ. އަދި އަނެއް ބައި ކުދިން ތިބީ ނިދާ ހެދުމުގައި ކަމަށް ވެސް ބުންޏެވެ.

ގަވަރްމަންޓް ގާލްސް ސެކަންޑަރީ ސްކޫލުން ވަގަށް ނެގި 279 ކުދިން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

"އެ މީހުން އަހަރެމެން ފޮރުވީ ހޮހަޅެއްގައި"

ޖަންގަލީގެ ތެރޭގައި އަނދިރީގައި ހިންގާފައި ހުރިހާ އަންހެން ކުދިން ގެންދިއުމަށް ފަހު އެރޭ ނިންދީ ހޮހަޅައެއްގައި ކަމަށް އެ ކުއްޖާ ބުންޏެވެ. ގިނައިރު ހިނގުމުގެ ސަބަބުން ވަރުބަލިވި ކުދިން ސައިކަލް ގެނެސް ސައިކަލްގައި ގެންދިޔަ ކަމަށް ބުންޏެވެ.

"އަހަރެމެން ހިންގުވި ގާތްގަނޑަކަށް 12 ގަޑިއިރު. އެ މީހުންގެ ކޭމްޕާ ހަމައަށް ދިޔައިރު ތިބީ ވަރުބަލިވެފައި. ދެން ދެ ގްރޫޕަކަށް އަހަރެމެން ބަހާލުމަށް ފަހު، ހޮހަޅައަށް ވަންނަން އެންގި،" އެ ކުއްޖާ ކިޔައިދިނެވެ.

ކޭމްޕުގައި ހުރިހާ ކުދިން ވެސް ކެއްކީ އަމިއްލަ އަށް ކަމަށް ބުންޏެވެ. ބަތާއި ބީންސް ފަދަ ތަކެތި ކައްކައިގެން ކެއީ އެންމެން އެކުގައި ކަމަށް ބުންޏެވެ.

އަންހެން ކުއްޖާ ބުނީ އެ ކުދިން ވަގަށް ނެގި މީހުން ވާހަކަ ދައްކަނީ ނައިޖީރިއާގެ އުތުރުގެ ސަރަހައްދުގައި ވާހަކަ ދައްކާ ބަހުރުވަޔަކުން ކަމަށެވެ.

ކުދިން ދޫކޮށްލުމުން ޒަމްފަރާ ސްޓޭޓް ގަވަރްމަންޓް ހައުސްގައި. --ފޮޓޯ:ގެޓީ އިމޭޖަސް

ކުދިން ދޫކޮށްލުމުން ޒަމްފަރާ ސްޓޭޓް ގަވަރްމަންޓް ހައުސްގައި. --ފޮޓޯ:ގެޓީ އިމޭޖަސް

"އުފަލުން ހަޅޭލެއްވުނު"

ނައިޖީރިއާ ސަރުކާރުން ފައިސާ ނުދެނީސް ކުދިން ދޫނުކުރާނެ ކަމަށް އެ ކުދިން ވަގަށް ނެގި މީހުން ބުނި ނަމަވެސް، ޒަމްފަރާގެ ގަވަރުނަރު ވިދާޅުވީ ކުދިން މިނިވަން ކުރަން އެއްވެސް ފައިސާއެއް ނުދޭ ކަމަށެވެ. ނަމަވެސް ކުދިން ދޫކޮށްލާފައި ވަނީ ވަގަށް ނެގި މީހުންނާ މަޝްވަރާކޮށްގެންނެވެ.

"އަހަރެމެން ދޫކޮށްލި ދުވަހު ގެންދާ ތަނެއް އެ މީހުން ނުބުނޭ. އިރުއޮއްސުމަށް ފަހު، ރޭގަނޑުގެ ކެއުމަށް ފަހު، އެ މީހުން ބުނި އެ ތަނުން ދިއުމަށް. އަހަރެމެން ހީކުރީ އެ މީހުންގެ އެހެން ކޭމްޕަކަށް ގެންދަނީ ކަމަށް. އެކަމަކު ދުރަށް ހިނގުމަށް ފަހު ބައެއް ކުދިން ޝަކުވާ ކުރަން ފެށި،" އެ ކުއްޖާ ކިޔައިދިނެވެ.

އެ ކުއްޖާ ބުނީ އެ މީހުން ގެންދަނީ ގެއަށް ކަމަށް އޭގެ ތެރޭން ބައެއް މީހުން ބުނި ކަމަށެވެ. އެ ވަގުތު އުފަލުން ހަޅޭލެއްވުނު ކަމަށް ބުންޏެވެ.

"ވަކި ހިސާބަކުން އަހަރެމެން ހުއްޓުވުމަށް ފަހު ދެން ބުނީ ސެކިއުރިޓީ އޮފިޝަލުންނާ ބައްދަލުވަންދެން ދިއުމަށް،" އެ ކުއްޖާ ބުންޏެވެ.