Roadha Mihaaru
ބިދޭސީންނަށް ޑިޕާޗާ ޓެކްސް ބޮޑުކުރަން ފާސްކޮށްފި

އެއާޕޯޓުން ފުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

05 ޖުލައި 2021

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސް ނެގުމަށާއި އެގޮތުން ނަގާ ޓެކްސް ބިދޭސީ ފަސިންޖަރުންގެ އަތުން ބޮޑުކޮށް ނަގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސް ނެގުމަށާއި އެގޮތުން ނަގާ ޓެކްސް ބިދޭސީ ފަސިންޖަރުންގެ އަތުން ބޮޑުކޮށް ނަގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްްފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު 2019 ވަނަ އަހަރު ހުށަހެޅުއްވި ބިލު އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ވެސް ދިރާސާކުރި އެވެ. އެގޮތުން ދިރާސާކުރުމަށް ފަހު، މިދިޔަ މަހުގެ 29 ގައި ފާސްކުރީ އިތުރު ބަދަލެއް ނުގެނެހެވެ.

އެ ރިޕޯޓްގައިވާ ގޮތުން ޓެެކްްސް ނަގަން ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ އަދަދުތަކަކަށް ކޮމިޓީން ބަދަލެއް ނުގެނެ އެވެ. އޭގެ ބަދަލުގައި ގެނައި ބަދަލަކީ ޓެކްސް ނަގަން ފަށާ ތާރީހަށް ބަދަލު ގެނައުމެވެ. ބިލު ހުށަހެޅި އިރު ޓެކްސް ނަގަން ފަށަން ކަނޑައަޅާފައި އޮތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. ކޮމިޓީން ގެނައި ބަދަލަކީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޓެކްސް ނަގަން ފަށާ ގޮތަށް ބަދަލު ކުރުމެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާ ފައިސާގެ އަދަދުތައް

- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު

- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު

- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.

- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.

މުޅި މަޖިލީހުގެ ކޮމިޓީގައި ރިޕޯޓާ ބެހޭ ގޮތުން ކުރިން ކުރި ބަހުސްގައި ޑިޕާޗާ ޓެކްސް މި އުސޫލުން ނެގުމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވީ މަޖިލީހުގެ ތަޅުމުގައި އަދި އިގުތިސާދީ ކޮމިޓީގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ވާދަވެރި އަގުތައް ނެރޭ އިރު، ރާއްޖޭން ނަގާ ޓެކްސް ބޮޑުކުރުމުން ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ. ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާ މަޝްވަރާނުކޮށްް މިފަދަ ބަދަލެއް ގެންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓްގައިވާ އިސްލާހުތަކާ އެކު މަޖިލީހުން މިއަދު ބިލު ފާސްކުރީ 42 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތިއްބެވި އެވެ.