Roadha Mihaaru
އެއާޕޯޓުން ހައްޔަރުކުރި މީހުންގެ މައްސަލަ ބަލައިނުގަތް

ވީއައިއޭ އިން ހައްޔަރުކުރި މީހުންނާ ގުޅޭ މައްސަލަ މަޖިލީހުން ބަލައެއްނުގަތް

19 ސެޕްޓެމްބަރ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި ދެ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި ދެ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ ވީއައިއޭ އިން ހައްޔަރުކުރި އިންޑިއާ ދެ މީހުންނާ ގުޅޭ ގޮތުން ބޭރު މީޑިއާތަކުގައި އަނެއްކާވެސް ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގުމުން އިންޑިއާގެ އޮފިޝަލެއް ރާއްޖެ އައިސް އެ ދެ މީހުން ދޫކޮށްލަން އެދިފައިވާ ކަމަށާއި އޭގެ ފަހުން ފުލުހުން އެ ހާދިސާއާ ގުޅިގެން ހަދާފައިވާ ރިޕޯޓު ބަދަލުކޮށް އެހެން ރިޕޯޓެއް ނެރެފައިވާ ކަމަށް ސައީދު ތުހުމަތުކުރެއްވި ވިދާޅުވި އެވެ.

އެ މީހުން ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ލައިވްކުރި ކަމަށާއި ޖާސޫސް ކުރުމުގެ ހެކި ފުލުހުން ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ ކަށަވަރު ނުކުރެވި ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެ ހާދިސާގެ ދެ ފުށް ފެންނަ ތަހުގީގެއް ހިނގުމަށާއި އެކަމާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން ސައީދު އެދިވަޑައިގަތެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް ފިޔަވަޅު އަޅަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލާގައި ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރެކެވެ. އަދި 34 މެމްބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ފުރަތަމަ ބުނެފައިވަނީ ސިއްރު ކެމެރާއެއް ގެންގުޅުނު މައްސަލާގައި ދެ މީހަކު ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ދެ މީހުން ހައްޔަރުކޮށް މިދިޔަ މަހު 29 ގައި ވަނީ ބަންދަށް 10 ދުވަސް ކޯޓުން ދީފަ އެވެ. އޭގެ ފަހުން މި މައްސަލާގައި ފުލުހުން ތަފްސީލެއް ނުދެ އެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ ލަގެޖުން ގޮތާވަކެތި ފެނުނު ކަމަށް ބުނެ މީޑިއާގައި ކުރި ރިޕޯޓެއް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

ފުލުހުން ބުނީ އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވީ ވެރިއަކު ނެތި ދޫކޮށްލާފައިވާ ލަގޭޖެއް ހުރި ކަމަށް ރިޕޯޓްކުރުމުން ކަމަށެވެ. އެ ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އިންކަން އެނގުމާ އެކު ލަގެޖް ބެހެއްޓީ ކާކުކަން ބެލުމަށް ފަހު، އިތުރު ބައެއްކަންކަން ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.