Roadha Mihaaru
ދެ ވަޒީރުން ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް

ސައީދާއި އިހުސާން ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް

06 ފެބުރުއަރީ 2024

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ރާއްޖޭގައި މިވަގުތު 139،220 ބަންގަލަދޭޝް ވޯކް ޕާމިޓް ހޯލްޑަރުން އެބަތިބި ކަމަށް ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުން ދައްކާ ކަމަށާއި ރާއްޖެ އަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ޑިސެމްބަރު 17، 2023 ރާއްޖެ އަށް އަން ސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ގެނެވޭނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އިއުލާން ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ސަރުކާރުން އެގޮތަށް އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އާންމުން ތުހުމަތު ކުރުމުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ޓުވިޓާއިން ފޮރިން ލޭބާ ރިޕޯޓް ފޮހެލާފައިވާ ކަމަށާއި އެއީ އިކޮނޮމިކް މިނިސްޓަރުގެ ނުނިޔަތެއް އޮވެގެން ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމާ ގުޅޭ މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމާއި ހުއްދަ ދިނުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ރާވައި ހިންގުމަކީ ހޯމް ލޭންޑް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހިމެނެނީ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގަ އެވެ.

ހިސާން ވިދާޅުވީ ވަޒީފާ އާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޯށްފައި ނުވާހާ ހިނދަކު އެ ގާނޫނުގެ ދަށުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާ ނުކުރެވޭނެ ކަމަށާއި ވަޒީފާ އާ ބެހޭ ކަންތައްތައް އެވަގުތެއްގައި ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރުގެ ބައެއް އެހެން މިނިސްޓްރީ އަކަށް ރައީސް އަށް ހަވާލު ނުކުރެވޭނެ ކަމަށެވެ.

"...ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ގާނޫނުއަސާސީ އާއި ގާނޫނަށް ތަބާވާން ޖެހޭނެ ބަޔަކަށް ވާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮތުމާ ހިލާފާށް އިސްވެ ދެންނެވުނު މިނިސްޓަރުން އަމަލު ކޮށްފައިވާ މައްސަލަ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅަން،" ހިސާން ވިދާޅުވި އެވެ.

އެ މައްސަލަ އަށް ބަހުސް ކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި 23 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ.