Roadha Mihaaru

ޝަމްއާން ފްރޭމް ނުކުރާކަން މިނިސްޓަރަށް ކަށަވަރު، މާދަމާ ތަފްސީލް އާންމު ކުރަނީ

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އޭނާއާ ދެކޮޅަށް ސާބިތު ހެކި ހުރި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމްއާން ފްރޭމް ނުކުރާކަން ކަށަވަރު: އިހުސާން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

23 އެޕްރީލް 2025

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އޭނާއާ ދެކޮޅަށް ސާބިތު ހެކި ހުރި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރަން ލިބުނު ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޝަމްއާން ބަންދު ކޮށްފައި ހުރީ އިހުސާންއާ ދެމެދު ޖެހުނު ޒާތީ މައްސަލައަކާ ގުޅޭ ގޮތުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ޝަމްއާން އާ އެކުގައި މަސައްކަތް ކުރިއިރު ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.

އެހެންނަމަވެސް، ކިތަންމެ ގާތް ބޭފުޅަކަސް ގާނޫނާ ހިލާފުވާ ހިސާބުން އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމާ ގާނޫނު ތަންފީޒުކުރަމުންދާއިރު އެ މީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނަން،" އިހުސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން -- ފޮޓޯ: މަޖިލިސް

އިހުސާން ވިދާޅުވީ ކޮންމެ މަގާމެއްގައި ހުރި މީހަކަސް، ޖިނާއީ ތުހުމަތެއްގެ ތުހުމަތު ކުރެވޭ ހިސާބުން އެ މީހެއްގެ މައްސަލަ ބަލާނެ ކަމަށެވެ.

މި ސަރުކާރުން ޝަމްއާން ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން އާއިލާއަށް ދެއްވައި އިހުސާން ވިދާޅުވީ ގާނޫނުގެ ތެރެއިން އެ މީހަކަށް ލިބެން ޖެހޭ ހުރިހާ ހައްގެއް އޭނާއަށް ވެސް ލިބޭނެ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ގާނޫނުގެ ތެރެއިން އެންމެ ހަމަހަމައިރު، ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބެލުމުގައި ތަފާތުކުރުންތައް ގެންގުޅެނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އޭނާ މިސާލު ނެންގެވީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދަށް ކުރެވުނު ތުހުމަތުންނެވެ.

"އަޅުގަނޑުމެންނަށް ފެންނަން ހުރި ހިސާބަށް ބަލާއިރު ގެއިން ފެނުނު ފައިސާގެ އަދަދާ މި ހުރިހާ ކަމަކަށް ބަލާއިރު ޝަމްއާން ތަންކޮޅެއް ކުޑަކޮށް އުޅެނީ. އެހެންނަމަވެސް އެޗްޑީސީ އެމްޑީ މިނިވަންވެފައި، ޝަމްއާން ވާނުވާއަށް ދާން އެ ޖެހެނީ އެ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގުނު،" ފިއްޓޭގެ ސުވާލުގައި ވިދާޅުވި އެވެ.

ފިއްޓޭ ވެސް ވަނީ އާއިލާގެ ތުހުމަތާ ގުޅިގެން އެއްވެސް ބޭފުޅެއްގެ ފަރާތުން ވެސް ޝަމްއާން ފްރޭމް ކޮށްފައި ހުރިތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެއްވެސް ބޭފުޅަކު ފްރޭމް ކޮށްފައި ނުވާ ކަން ކަށަވަރު ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އޮތީ އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ މައްސަލައިގެ އިތުރު ތަފްސީލްތައް ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން އާންމު ކުރާނެ އެވެ. މާދަމާގެ ވަގުތެއްގައި އެ މައުލޫމާތު ފުލުހުން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލްގެ މައްސަލައާ ގުޅުވައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ދެ މައްސަލަ ވަރަށް ތަފާތު ކަމަށާއި "އާފަލާއި އޮރެންޖު ކޮމްޕެއާ ނުކުރެވޭނެ ހެން" މި ދެ މައްސަލަ ވެސް އަޅާ ނުކިޔޭނެ ކަމަށެވެ.