Roadha Mihaaru
މެންބަރުންގެ ކާރު އެއާޕޯޓަށް ވައްދަން ދަތިވާތީ ޝަކުވާ

މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވައްދަން ދަތިވާތީ ޝަކުވާ ބޮޑުވެއްޖެ

26 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ދޮރުމައްޗާ ހަމައަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެ މެމްބަރުން އެކަމުގެ ޝަކުވާ ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ދޮރުމައްޗާ ހަމައަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެ މެމްބަރުން އެކަމުގެ ޝަކުވާ ކުރައްވައިފި އެވެ.

މެމްބަރުންގެ އެ ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ އާންމު ކޮމެޓީން މިހާރު ވަނީ އެ މައްސަލަ ބަލަން ވެސް ފަށައިފަ އެވެ. އެ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެމްބަރުންގެ ކަންކަން ބަލަހައްޓާ މަޖިލީހުގެ "މެމްބަ ސާވިސް އެންޑް ޕްރޮޓޮކޯލް"ގެ އިސްވެރިންނާ އެކު މަޝްވަރާކޮށްފަ އެވެ.

އެ ކޮމެޓީގެ ގިނަ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އާންމު ކޮމެޓީގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ މެމްބަރުން: މަޖިލިސް މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމަށް ދަތިވާތީ މެމްބަރުންގެ ޝަކުވާ ބޮޑުވުމުން އެ ކޮމެޓީން އަންނަނީ އެ މައްސަލަ ބަލަމުން.-- ފޮޓޯ: މަޖިލިސް

އާންމު ކޮމެޓީގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ މެމްބަރުން: މަޖިލިސް މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމަށް ދަތިވާތީ މެމްބަރުންގެ ޝަކުވާ ބޮޑުވުމުން އެ ކޮމެޓީން އަންނަނީ އެ މައްސަލަ ބަލަމުން.-- ފޮޓޯ: މަޖިލިސް

އެ ބައްދަލުވުމުގައި މަޖިލީހުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ މެމްބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދެވުމުގައި ދަތިތައް ދިމާވާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލް އާއި ފުލުހުންނާ އެކު ވެސް މަޝްވަރާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެއާ އެކީގައި ޕާކިން ސެކިއުރިޓީއާ ނޫނީ ޕާކިންނަށް ހާއްސަ ގޮތްތަކެއް ވެސް އެ ބޭފުޅުންނަށް އެތަނުގައި ހަމަޖެހިފައި އޮތުން މުހިންމު ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ މިސާލަކަށް އެހެން ބޭބޭފުޅުންގެ [މެމްބަރުން ނޫން ސަރުކާރުގެ އިސްވެރިންގެ] ކާރުތަކަށް އެކްސެސްއަށް ވަދެވޭ ފަސޭހައިން،" އޭނާ ވިދާޅުވި އެވެ.

"މެންބަރުން ވަޑައިގަންނަވާ ކަމުގައި ވަންޏާ އެ މެންބަރަށް އެއަށް ވުރެ ދަތިވާ ގޮތަށް ކަންތައްތައް އިންތިޒާމު ކުރެވިފައި އޮންނަނީ."

އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުންގެ ކާރުތަކަށް ހާއްސަ ޕާކިން ސްޓިކާއެއް ބޭނުންކޮށްގެން މި މައްސަލަ ހައްލު ކުރެވިދާނެ އެވެ.

ނަމަވެސް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ހުށަހެޅުމާ ދެކޮޅު ހެއްދެވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، މެމްބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އޭނާ ތާއިދު ކުރެއްވިޔަސް، އެއާޕޯޓުގެ ރެސްޓްރިކްޓެޑް އޭރިއާއެއް ނުވަތަ ސެކިއުރިޓީ މަތިކޮށްފައި އޮންނަ ސަރަހައްދެއްގައި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވެރިންގެ ކާރުކޮޅު ޕާކުކޮށްފައި ބޭއްވިދާނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.

"ނަމަވެސް އެތަނަށް އަރާވަޑައިގަންނަވާއިރާއި ފައިބާވަޑައިގަންނަވާއިރު، އެ ބޭފުޅުންނަށް ގޮސް އެތަނުގައި ކުޑަ އިރުކޮޅަކަށް މަޑުކޮށްލަން ފުރުސަތު އޮތުން ރަނގަޅު. އެކަމަކު އެތަނުގައި ގޮސް ޕާކުކޮށްގެން ތިބެން އިންތިޒާމު ހަމަޖެއްސުން އެއީ އެހާ ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޗުގެ ބޭރު: މަޖިލިސް މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމަށް ދަތިވާތީ މެމްބަރުންގެ ޝަކުވާ ވަނީ ބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޗުގެ ބޭރު: މަޖިލިސް މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމަށް ދަތިވާތީ މެމްބަރުންގެ ޝަކުވާ ވަނީ ބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެގޮތަށް ހަދައިފި ނަމަ، އެއާޕޯޓުގެ އެހެން މަސައްކަތްތައް ކުރުމަށާއި ޓޫރިސްޓުންނާއި އާންމުންނަށް ވެސް ދަތިވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސްގެ ކަންބޮޑުވުން ފާޅުކުރެއްވުމުން ރަޝީދު ވިދާޅުވީ އޭނާ ދެއްވި ހިޔާލަކީ ވީއައިޕީ ލައުންޖުގެ ކުރިމަތީގައި ކާރުކޮޅު ޕާކް ކުރުން ނޫން ކަމަށެވެ. އެއާޕޯޓުގެ ޕާކިން ސަރަހައްދުގައި ޕާކް ކުރެވޭނެ ކަހަލަ ހާއްސަ ސްޓިކާއެއް ހަމަޖައްސައިދީ، މެމްބަރުންގެ "ޕިކް-އަޕް އާއި ޑްރޮޕް-އޮފް" ވަގުތުގައި ކާރަށް ފަސޭހައިން ލައުންޖަށް އެކްސެސްވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެޓީގައި އެހެން ބައެއް މެމްބަރުން ވެސް ވަނީ މަޖިލީހުގެ އިދާރާއިން ހުށަހަޅާ ގޮތަށް މި މައްސަލަ ހައްލުކުރަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އިއްޔެގެ ކޮމިޓީ ނިންމީ މަޖިލީހުގެ އިދާރާއިން އެމްއޭސީއެލް އާއި ފުލުހުންނާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ފަހު އެކަމުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށެވެ.