Roadha Mihaaru

46 ކިލޯގެ ޑްރަގްސް ގެއްލުމުން ބޮޑެތި ކަންބޮޑުވުންތަކެއް: މައްސަލަ މަޖިލީހަށް ހުށަހަޅަނީ

ކަސްޓަމްސް އިން އަތުލައިގަތް 46 ކިލޯގެ ޑްރަގްސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިން ގެއްލުނު މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

17 ޖެނުއަރީ 2023

ކަސްޓަމްސް އިން އަތުލައިގަތް 46 ކިލޯގެ ޑްރަގްސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިން ގެއްލުނު މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުން، މަސްތުވާތަކެއްޗާއެކު ލަގެޖް ގެއްލުނު މައްސަލައަކާއި ލަގެޖުގެ އިތުރުން މީހަކު ވެސް ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ފުލުހުން ފަހުން މީޑިއާގައި މިއަދު ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން މިހާތަނަށް ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ވެސް ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ޑްރަގްސް ގެއްލުނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރަން ދޫކޮށްލާފައި އޮތުމުންނެވެ. އެހެންވެ، އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް: ރިޔާޒް

"މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް،" ރިޔާޒް ވިދާޅުވި އެވެ.

އެ މައްސަލާގައި ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކަމާބެހޭ އިދާރާތަކުން އަތުލައިގަނެފައި ހުރި މަސްތުވާތަކެތި ގެއްލިގެން ނުވާނެ ކަމަށާއި އެކަމުން ފެންނަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު ކަމަށެވެ.

"މިކަމަށް ޖަވާބުދާރީވެ ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ،" ސިފައިންގޭގައި ވިއްސަކަށް އަހަރު ހޭދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ، އެފަދަ ކަމެއް ހިނގި ކަމެއް "ނޭނގޭ" ކަމަށެވެ.

އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 30 ކިލޯގެ މަސްތުވާތަކެތި ފެނުނުވެ. އެކަމަކު އެ މީހާ ފުލުހުންނާ ހަވާލުކުރި އިރު އެ މީހާގެ ލަގެޖް ވަނީ ގެއްލިފަ އެވެ. ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ މީހާ އެކަންޏެވެ.

އެ މައްސަލަ ބަލަމުން އަންނަނިކޮށް، އިއްޔެ ވަނީ 16 ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އައި މީހަކު ވެސް އަތުލައިގަތް ފަހުން "ގެއްލިފަ" އެވެ. އޭނާގެ ލަގެޖަށް ވެސް ވީގޮތެއް ނޭނގެ އެވެ.

މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި މަސްތުވާތަކެތި އަޅާފައި ހުންނަ ފޮށި ފަދަ ތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި، ކެމެރާއަށް ނާރާ ގޮތަށް ވަކި ތަންތަނެއްގައި ބެހެއްޓުމަށް ފަހު، އެއާޕޯޓުން އެ ތަކެތި ބޭރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. މި ފަހުން ގެއްލުނު މަސްތުވާތަކެއްޗަކީ އެފަދަ އުކުޅުތައް ރާއްޖޭގައި ވެސް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.