Roadha Mihaaru
7 މިލިއަންގެ ޑްރަގް ބަލައި ދިޔަ އެކަކު ދޫކޮށްލައިފި

ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ އެކަކު ބަންދުން ދޫކޮށްލައިފި

08 މާޗް 2023

ބިދޭސީއަކު ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާ ހަވާލުވި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ދެ ދިވެހިންގެ ތެރެއިން އެކަކު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ބިދޭސީއަކު ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާ ހަވާލުވި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ދެ ދިވެހިންގެ ތެރެއިން އެކަކު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ހައްޔަރުކުރި ދެ ދިވެހިންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި 59 އަހަރުގެ ސްވިޓްޒަލެންޑްގެ ފިރިހެނަކު ގެނައި ދެ ކިލޯއަށް ވުރެ ގިނަ ކޮކެއިންއާ ހަވާލުވި މީހުންނެވެ. އެ ތަކެތީގެ އަގު 7.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ބިދޭސީ މީހާ ތަހުގީގަށް އެއްބާރުލުންދީ، ފުލުހުންނާ ގުޅިގެން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު އިތުރުކުރަމުން އައުމަށް ފަހު މިދިޔަ ހަފްތާގައި އެކަކު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނިކޮށް ބަންދު ރިވިއު ކުރުމަށް 32 އަހަރުގެ އެ މީހާގެ ފަރާތުން ހުށަހެޅުމުން ބޭއްވި އަޑުއެހުމަކަށް ފަހުގަ އެވެ.

ބަންދުން ދޫކޮށްލަން ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ގޮތުން، އެ ތަކެތި ގެނައި މީހާއާ އެއްވެސް މުވާސަލާތެއް އަދި މުއާމަލާތެއް ވެސް ހިންގާފައިވާކަން އެނގެން ނެތް ކަމަށެވެ. މަސްތުވާތަކެތި ގެނައި މީހާ ހުރި ގެސްޓް ހައުސްގެ ކޮޓަރިއަށް ދިޔައީ އެ މީހާ އަށް އެ ކޮޓަރީގެ ފައިސާ ހަމަޖެހިފައި ނުވާތީ އެކަމާ ވާހަކަ ދައްކަން ކަމަށާއި އެ ތަނަށް ދާން ޖެހުނު ކަމަށް ބުނާ ސަބަބަށް ދެން ހައްޔަރުކުރި ދިވެހި ފިރިހެން މީހާގެ ބަހުން ވެސް ބާރު ލިބޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތަހުގީގު ނިންމައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި އޮތް މި މައްސަލާގައި ހިމެނޭ މި މީހާ ދޫކޮށްލަމުން އަމުރުގައި ގާޒީ ވިދާޅުވި ގޮތުގައި ބަންދުން ދޫކޮށްލި މީހާގެ މައްޗަށް ވެސް ދައުވާކުރެވޭ ވަރަށް ހެކި އެބަހުއްޓެވެ. އެކަމަކު މަސްތުވާތަކެތި ގެނައި މީހާ ހުރި ތަނަށް ދާން ޖެހުނު ސަބަބާއި ކަން ހިނގާފައިވާ ގޮތަށް ބަލައި، ހުކުމަކާ ހަމަޔަށް ދާންދެން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށާއި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ދައްކައި ފުލުހުން އިތުރު ހެކި ހުށަހަޅާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މީހާ ބަންދުން ދޫކޮށްލާފައި ވަނީ މިފަދަ އެހެން މައްސަލަތަކުގައި މީގެ ކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ފެންނާތީ މިހާރު ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ފަސޭހައިން ބަންދުން ދޫވުމާއި ކުށް ސާބިތުނުވެ ސަލާމަތްވާ ސަބަބުތަކާ މެދު އުފައްދާ ސުވާލުތައް ގިނަ އެވެ.