Roadha Mihaaru
މެންބަރު ޣަނީއަށް ބޮޑު ދަރަންޏެއް، ގޮނޑިއެއް ނުގެއްލޭ

މެންބަރު ޣަނީއަށް ބޮޑު ދަރަންޏެއް، ގޮނޑިއެއް ނުގެއްލޭ

10 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައި އޮތް ސާބިތު ދަރަނީގެ ހުކުމް، ހައި ކޯޓުން އިއްޔެ ދެމެހެއްޓިއަސް އޭނާގެ ގޮނޑީގެ ސައްހަކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށް ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައި އޮތް ސާބިތު ދަރަނީގެ ހުކުމް، ހައި ކޯޓުން އިއްޔެ ދެމެހެއްޓިއަސް އޭނާގެ ގޮނޑީގެ ސައްހަކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށް ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އެލިއާ އިންވެސްޓްމަންޓްސް އަށް 523،673ރ. ދައްކަން ޣަނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އޮކްޓޯބަރު، 17، 2019ގަ އެވެ. އެ އަމުރުގައި، ޣަނީގެ 51 ޕަސެންޓް ހިއްސާ އޮންނަ ލޮގް ވޫޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަމުރުކުރީ ފަސް މަސް ތެރޭގައި އެލިއާއަށް އެ ފައިސާ ދެއްކުމަށެވެ.

ހައި ކޯޓުގައި ޣަނީ އެ މައްސަލަ އިސްތިއުނާފްކުރެއްވީ، ދެ ކުންފުންޏެއްގެ ދެމެދުގައި ހިނގި އެއްބަސްވުމެއްގައި އޭނާ ފަރުދީ ގޮތުން ޒިންމާ އޭނާގެ މައްޗަށް އުފަންވެގެން ނުދާ ކަމަށް ވިދާޅުވެ އެވެ. އެ މައްސަލައިގައި ވަނީ އެ އެއްބަސްވުމަކީ އެލިއާ އިންވެސްޓްމަންޓްސް އާއި ލޮގް ވޫޑް މޯލްޑިވްސްއާ ދެމެދު ދަރަނި އަދާކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސް ވުމެއް ކަމަށެވެ. މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އެއްބަސްވުމުގައި ޣަނީ ސޮއިކޮށްފައި ވަނީ އަމިއްލަ ޝަހުސީ އަދި ޒާތީ ހައިސިއްޔަތުން ނޫން ކަމަށެވެ.

އެކަމަކު ހައި ކޯޓުން ވެސް ނިމުނީ އޭނާއާ ދެކޮޅަށެވެ.

އެ ހުކުމުގައި ބުނީ އާއްމު އުސޫލުން ކުންފުންޏަކީ އެތަނެއްގެ މެމްބަރުންނާއި ވަކިން އުފެދިފައިވާ ގާނޫނީ ޝަހުސެއް ކަމަށެވެ. އެހެންވެ ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ އޭނާގެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާންޖެހޭ ފަރާތެއް ނޫނެވެ. އެކަމަކު، އެ މައްސަލައިގައި ހުށަހަޅާފައިވާ ލިއުންތަކަށް ބަލާއިރު ޚުސޫމާތު އުފެދިގެން އުޅޭ އެއްބަސްވުމުގައި އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތަކުން ނޫން ކަން ވަރަށް ވެސް ސާފުކޮށް އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އިސްތިއުނާފްކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާއަށް ގެރެންޓީ ދީފައި ވަނީ ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާނޭ ކަމަށް ޔަގީންކަން ދީ އެފަދައިން އެއްބަސްވެގެން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި ހުކުމާ އެކު ޣަނީގެ ގޮނޑިއާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ނުދެއްކުމަކީ މެމްބަރުކަން ގެއްލޭނެ ޝަރުތެއްގެ ގޮތުގައި ގާނޫނުއަސާސީގައި އޮތުމުންނެވެ.

މި މައްސަލައިގައި ވާހަކަ ދެއްކެވި ގާނޫނީ ވަކީލުން ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވިޔަސް އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހައްގު އޭނާއަށް އޮތް ކަން ވަކީލުން ފާހަގަކުރައްވަ އެވެ.

"އެ ހުކުމް އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތްހާ ހިނދެއްގައި ގޮނޑި ގެއްލިއްޖެ ކަަމަކަށް ކަނޑައެއް ނޭޅޭނެ. މިހާރު އޮތް ހާލަތުގައި ވެސް ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު އެބައޮތް،" އޭޖީ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރެއްވި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރުނު ހުކުމްތަކާ ހަވާލާ ދެއްވައި، އޭނާ ވިދާޅުވި ގޮތުގައި، ޣަނީގެ ގޮނޑި ގެއްލިއްޖެ ކަަމަށް ކަނޑައަޅައި އިންތިހާބަކަށް ގޮވާލުމުގެ ޖާގައެއް ނެތެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި ޣަނީގެ މައްސަލާގައި އޭނާގެ މަޖިލިސް މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެއްދޭނީ އިސްތިއުނާފީ މަރުހަލާތައް ނިމި ސާބިތު ދަރަނީގެ ހުކުމަށް ނިހާއީ ނިންމުމުގެ ހައިސިއްޔަތު ލިބި އެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރުމުންނެވެ.