Roadha Mihaaru

މީޑިއާ ބިލުގައި ނާޖާއިޒު ފައިދާ ނެގޭނެ ކަންކަން އެބަހުރި، އިސްލާހުކުރަންޖެހޭ: އަޒާން

މީޑިއާތައް ހިންގަން ޖެހެނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ގަބޫލުކުރެއްވިޔަސް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާގެ ބިލުގައި އިސްލާހު ކުރަންޖެހޭ ކަންކަން އެބަ ހުރި ކަމަށް ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

މީޑިއާގެ ބިލު އިސްލާހުކުރަންޖެހޭ: އަޒާން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 އޯގަސްޓް 2025

މީޑިއާތައް ހިންގަން ޖެހެނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ގަބޫލުކުރެއްވިޔަސް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާގެ ބިލުގައި އިސްލާހު ކުރަންޖެހޭ ކަންކަން އެބަ ހުރި ކަމަށް ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ބަހުސްގައި އަޒާން ވިދާޅުވީ ފަނޑިޔާރުގެ ހިންގަން ވެސް މިންތަކެއް ކަނޑައަޅާފައިވާ ކަމަށާއި މީޑިއާ ވެސް ހިންގަންވާނީ އިމުގެ ތެރޭގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ހަތަރު ވަނަ ބާރު ވެސް ހިންގަންވާނީ މި ދެންނެވި އިމެއްގެ ތެރޭ ހުދޫދުގެ ތެރެއިން ކަމަށް އަޅުގަނޑު ދެކެނީ... މިއަދު މި ބަހުސް ކުރާ މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ވެސް މީޑިއާ އެ ހުދޫދުގެ ތެރެއަށް އިމެއްގެ ތެރެއަށް ލުން ކަމަށް ދެކެނީ،" އަޒާން ވިދާޅުވި އެވެ.

އެ ބިލުގައި ކަންބޮޑުވާން ޖެހޭ ކަންކަން ހުއްޓަސް އަޒާން ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭނާ ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވިއިރު ދިމާވި ބައެއް ދަތިތައް ވެސް ހިއްސާކުރައްވައިފަ އެވެ.

އަޒާން ވިދާޅުވީ 2018 އިން 2023 ގެ ނިޔަލަށް ހަތަރު ފަހަރެއްގެ މަތިން އޭނާ ފުލުހަށް ހާޒިރުކުރީ މީޑިއާއާ ގުޅޭ ކަންކަމުގައި ސުވާލުކުރަން ކަމަށެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް، ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެގެން އެ ގޯތިތައް ހުރި ތަން ބެއްލެވުމަށް ވަޑައިގެންނެވުމުން، ޓެރަރިޒަމްގެ މައްސަަލައެއްގައި ތުހުމަތުކުރި ކަމަށާއި ޓްވީޓުކޮށްގެން ވެސް އެތައް އެކުވެރިންގެ ވަޒީފާ ގެއްލުނު ކަމަށެވެ.

"އޭރުގެ ރައީސް ތަނަކުން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެގެން ގޯތިތައް ހުރި ތަންތަން ބަލަން އަޅުގަނޑުމެން ދިއުމުން ޓެރަރިޒަމްގެ މައްސަލައެއްގައި ތުހުމަތުކޮށް މައްސަލަ ހުށަހެޅި. އަޅުގަނޑުމެންގެ އެތައް އެކުވެރިންނެއް ޓްވިޓްކޮށްގެން ވަޒީފާއިން ވަކިކުރި."

އެހެންވެ، އަޒާން ވިދާޅުވީ ގާނޫނުތައް ހަދާއިރު ވިސްނަން ޖެހޭ ކަމަކީ އަބަދު ވެރިކަމުގައި ތިބޭނީ އެ ޕާޓީ ނޫން ކަމަށެވެ. އަދި ކުރިން އޮތް ފަދަ ވެރިކަމެއް އަތުވެއްޖެ ނަމަ، މިފަދަ ގާނޫނުތައް ބޭނުންކުރާނީ ނޫސްވެރިންނާ ދެކޮޅަށް ކަމަށާއި މިނިވަން ހިޔާލާއި މިނިވަން ފިކުރާ ދެކޮޅަށް ކަމަށެވެ.

އެ ބިލާ ގުޅިގެން ނޫސްވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އަޒާން ވިދާޅުވި ގޮތުގައި މި ބިލުގައި އޮތް ކަންބޮޑުވުމަކީ ކޮމިޝަނުން މައްސަލަ ބަލަން ފަށާ ހިސާބުން އެ ނޫހެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް އޮތުމެވެ. އެއީ ގޯސް ކަމެއް ކަމަށާއި އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވި އެވެ.

"މީގެ ތެރޭގައި އަޅުގަނޑަށް ފާހަގަވާ ދެތިން ކަމެއް އެބަ އޮތް. މި ބިލުގެ 66 ވަނަ މާއްދާގައި ބުނެފައި އެބަ ވޭ ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމާ އެކު ނޫހެއް ހުއްޓުވާލުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށް. މިއީ އެއްގޮތަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިހެން ހެދީމަ ކޮމިޝަނަށް ނާޖާއިޒު ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ އެ ބިލުގައި ނޫހުގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު އޮންނަނީ ކޯޓަށް ކަމަށް ބުނެފައި އޮތަސް މުއްދަތެއް ނެތް ގޮތަށް ނޫހެއް ހުއްޓުވާލުމުގެ ބާރު ލިބޭ ނަމަ، ކޯޓަށް ހުށަހެޅުމުގެ މާބޮޑު ބޭނުމެއް ވެސް ނެތް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ބެލުމުގެ ފުރުސަތު ކޮމިޝަނަށް މި ބިލުން ދޭކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ މިދިޔަ ވެރިކަމުގައި ގަރާރެއް ނެރެގެން ވަނީ ވަކި ހިޔާލުތަކެއް މަނާކޮށްފައި ކަމަށެވެ.

"މިފަދަ ގާނޫނެއް ފާސްކޮށްފި ނަމަ، އަނެއްކާ އެ ބޭފުޅުންގެ ވެރިކަމުގައި ގާނޫނީ ބާރު ލިބިގެންދާނެ ބައެއް ކަހަލަ ހިޔާލުތައް ހުއްޓުވަން. މިފަދަ ކަންކަން ހުރުމުން އަޅުގަނޑަކަށް ވެސް ނުފެނޭ މި ބިލު އޮތް ގޮތަށް ފާސްކުރަން."

އަޒާން ވިދާޅުވީ މީީޑިއާތައް ރެގިއުލޭޓްކުރަންޖެހޭ ކަމަށް މީޑިއާތަކުން ވެސް ގަބޫލުކުރާ ކަމަށާއި އެހެންކަމުން ބިލުގެ މަސައްކަތް އިތުރަށް ކުރާއިރު ފުޅާ ދާއިރާއެއްގައި ތަޖުރިބާކާރުންނާއި މީޑިއާގެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އޭނާ އެދިވަޑައިގަތެވެ.

މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް އޮތް އެ ބިލު އަނބުރާ ގެންދިއުމަށް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުގެ އިތުރުން އިދިކޮޅުން ވެސް ވަނީ ގޮވަލައިފަ އެވެ.