Roadha Mihaaru
ވީއައިޕީ ލައުންޖް ރައްޓެހިންނަށް ދޭން ރިޔާސަތު ދެކޮޅު

މެމްބަރުންގެ ރައްޓެހިންނަށް ވީއައިޕީ ލައުންޖް ހުޅުވާލަން މަޖިލީހުގެ ރިޔާސަތުން ދެކޮޅު

30 ސެޕްޓެމްބަރ 2021

އެއާޕޯޓުގެ ވީއަޕީ ލައުންޖް މިހާރު ބޭނުންކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސް މެމްބަރުންގެ ރައްޓެހިންނަށް ހިދުމަތް ދެވޭ ގޮތަށް ހަމަޖެއްސުމާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދެކޮޅު ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއާޕޯޓުގެ ވީއަޕީ ލައުންޖް މިހާރު ބޭނުންކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސް މެމްބަރުންގެ ރައްޓެހިންނަށް ހިދުމަތް ދެވޭ ގޮތަށް ހަމަޖެއްސުމާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދެކޮޅު ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު"އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ މި ވަގުތު ހަވާލުވެވަޑައިގެން އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ބޭނުންވަނީ 19 ވަނަ މަޖިލީހުގެ ރިޔާސަތުން ގެނައި ބަދަލާ އެއްގޮތަށް މެމްބަރުންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ކުރިއަށް ގެންދެވޭ ގޮތަށް ބާއްވާށެވެ. އާއްމު ކޮމިޓީން ފަހުން ނިންމާފައިވާ ގޮތަށް އީވާ ތާއީދު ނުކުރައްވާ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

އާއްމު ކޮމިޓީގެ ނިންމުން މަޖިލީހުން ފާސްކޮށްފައި ނުވާކަން ވެސް ޒިޔާއު ފާހަގަކުރެއްވި އެވެ.

"ނަވާރަ ވަނަ މަޖިލީހުގެ ނިންމެވުމަށް އިތުރު ބަދަލެއް ގެނައުމަކީ މަޖިލީހުގެ ބަޖެޓަށް އަސަރުކުރާނެ ކަމެއް ކަމަށް ރިޔާސަތަށް ފެނިވަޑައިގަންނަވާތީ އެކަމާ ތާއީދެއް ނުރައްވާ،" ޒިޔާއު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް.

މެމްބަރުންގެ ވީއައިޕީ ހިދުމަތުގެ ހަރަދު ބަލަހައްޓަނީ މަޖިލީހުގެ ބަޖެޓުންނެވެ.

އާއްމު ކޮމިޓީގެ ނިންމެވުމާ ގުޅޭ ގޮތުން މެމްބަރުންނާ މަޝްވަރާކުރައްވަން ވެސް މަޖިލީހުގެ ނައިބު ރައީސް ވަނީ ނިންމަވައިފަ އެވެ.

މި ހިނގާ މަޖިލީހުގެ ކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މެމްބަރުން ވީއައިޕީ ލައުންޖް ބޭނުންކުރުމުގައި މެމްބަރުންނަށް ލިމިޓްކޮށްފައެއް ނޯވެ އެވެ. އެކަމަކު އުސޫލަށް ބަދަލު ގެނެސް މިހާރު އޮންނަނީ އަނބިމީހާ/ފިރިމީހާ އާއި ދަރިންނާއި މައިންބަފައިންނަށް އެކަނި ހިދުމަތް ދެވޭ ގޮތަށެވެ.

އެކަމަކު އާއްމު ކޮމިޓީން މިދިޔަ ހަފުތާގައި ނިންމުމަކަށްވީ މެމްބަރުންގެ އާއިލާގެ އިތުރުން ދެ ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖްގެ ހިދުމަތް ހުޅުވާލާށެވެ. މިގޮތަށް ނިންމެވީ ކީއްވެ ކަމެއް ކޮމިޓީން އަދި ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅިގެން އާއްމު ކޮމިޓީއަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.