Roadha Mihaaru

ވީއައިއޭގެ ޕާކިން ސަރަހައްދު ބުރާސްފަތި ދުވަހުން ފެށިގެން ބަންދު!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް މި މަހުގެ 26 ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން، އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ މީހުންގެ ވެހިކަލްތަކުގެ ޕާކިން ސަރަހައްދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.

ވީއައިއޭގެ ޕާކިން ބުރާސްފަތި ދުވަހުން ފެށިގެން ބަންދު!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް މި މަހުގެ 26 ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން، އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ މީހުންގެ ވެހިކަލްތަކުގެ ޕާކިން ސަރަހައްދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.

އެމްއޭސީއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން އަންނާތީ ކަމަށެވެ.

އެމްއޭސީއެލްގެ އިއުލާނުގައިވާ ގޮތުން، އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ވެސް ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން މަނާ ވާނެ ކަމަށެވެ. އިރުމަތީ ފަރާތުގައި މިހާރު ޕާކް ކޮށްފައިވާ ހަތަރުފުރޮޅުލީ ހުރިހާ އުޅަނދެއް ވެސް އެ ތާރީހުގެ ކުރިން ނަގަން އެމްއޭސީއެލްގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.

ވީއައިއޭގެ ޕާކިން ޒޯން: އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުގައި ޕާކް ކުރުން މަނާ ވާނެ.---ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ޕާކިން ޒޯން: އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުގައި ޕާކް ކުރުން މަނާ ވާނެ.---ފޮޓޯ: އެމްއޭސީއެލް

އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި ވެސް ބުރާސްފަތި ދުވަހުގެ ހަވީރު ހައެއްގެ ފަހުން ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އެ ދެ ޕާކިން ޒޯންގައި ވެސް ޕާކު ކުރާ ނަމަ ފުލުހުންނާ ގުޅިގެން އުޅަނދުތައް ނަގާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"މި ބަދަލާ ގުޅިގެން މި ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނިން ނިހާޔަތައް މައާފަށް އެދެމެވެ،" އެމްއޭސީއެލުން ބުންޏެވެ.

އަލުން އެ ޒޯންތަކުގައި ޕާކު ކުރެވޭނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.