Roadha Mihaaru

މެންބަރުން ވީއައިޕީ ލައުންޖް ބޭނުންކުރަން 1.4 މިލިޔަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ މެމްބަރުންގެ ދަތުރުތަކުގައި އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރަން މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ އިދާރާ އިން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.

މެމްބަރުން ވީއައިޕީ ބޭނުންކުރަން 1.4 މިލިއަން ރުފިޔާ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

03 ސެޕްޓެމްބަރ 2025

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ މެމްބަރުންގެ ދަތުރުތަކުގައި އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރަން މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ އިދާރާ އިން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރު ފެށުނީއްސުރެ މިހާތަނަށް މެމްބަރުން އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރަން ހޭދަވި ހަރަދުތަކުގެ ތަފްސީލް ހޯދަން އާއްމުންގެ މީހަކު އާރުޓީއައި ހުށަހެޅެމުން މަޖިލީހުން ވަނީ އެ ތަފްސީލްތައް ހާމަކޮށްފަ އެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުން، ވީއައިޕީ ލައުންޖް ބޭނުންކުރަން ބައެއް މެމްބަރުންނަށް މިހާތަނަށް ވަނީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ މަޖިލީހުން ހަރަދުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެ ހިސާބުތަކުގެ ސައްހަކަން މަޖިލީހުގެ އިދާރާއިން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ.

އެންމެ ގިނައިން ރާއްޖެ އިން ބޭރަށް ދަތުރުކުރައްވައި، ވީއައިޕީ ލައުންޖަށް އެންމެ ބޮޑު ހަރަދެެއް ކުރެއްވީ އެ ހިސާބުތަކުގައިވާ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖުލައި 31ގެ ނިޔަލަށް ނާޒިމް ވަނީ 133 ދަތުރެއް ކުރައްވައިފަ އެވެ.

އެ ދަތުރުތަކުގައި ވީއައިޕީ ލައުންޖް ބޭނުންކުރައްވަން ޖުމްލަ 116،099.18.ރ މަޖިލީހުން ހަރަދުކޮށްފައި ވެ އެވެ.

ދެވަނައަށް އެންމެ ގިނަ ދަތުރު ކުރައްވައި ވީއައިޕީ ލައުންޖަށް ބޮޑު ހަރަދެއް ކުރެއްވި ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ. އޭނާ 97 ދަތުރެެއް ކުރެއްވި އިރު ވީއައިޕީ ލައުންޖަށް މަޖިލީހުން ޖުމްލަ 84،673.84.ރ ހަރަދުކޮށްފައި ވެ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ ދަތުރުކުރައްވައި، ވީއައިޕީ ލައުންޖްގެ ހިދުމަތަށް މަޖިލީހުން އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ މީދޫ ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދެވެ. އޭނާ 78 ދަތުރެއް ކުރެއްވި އިރު އެ ދަތުރުތަކުގައި ވީއައިޕީ ލޫންޖް ބޭނުންކުރެއްވުމަށް މަޖިލީހުން 68،088.24.ރ ހަަރަދުކޮށްފައި ވެ އެވެ.

ކުރިން ހަމަޖައްސާފައި އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް މެންބަރުންނާ އެކު ދާ އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ. އެކަމަކު، މަޖިލީހުގެ ކޮމިޓީން 2024 ގައި ފާސްކޮށްފައި ވަނީ މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކަށް އެކަނި ވީއައިޕީ ބޭނުންކުރެވޭ ގޮތަށެވެ.

.