Roadha Mihaaru
ކްރޫޒް ޖަރުމަނަށް ކުޅުން ހުއްޓާލައިފި

ކްރޫޒް ޖަރުމަނަށް ކުޅުން ހުއްޓާލައިފި

02 ޖުލައި 2021

ބާލިން (ޖުލައި 2) - ޔޫރޯގެ ނާކާމިޔާބަށް ފަހު، މިޑްފީލޑާ ޓޯނީ ކްރޫޒް ޖަރުމަންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާލިން (ޖުލައި 2) - ޔޫރޯގެ ނާކާމިޔާބަށް ފަހު، މިޑްފީލޑާ ޓޯނީ ކްރޫޒް ޖަރުމަންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކްރޫޒް، 31، އިއުލާން ކުރީ، ޔޫރޯގެ ދެ ވަނަ ބުރުގައި އިންގްލެންޑް އަތުން ޖަރުމަން ބަލިވެ މުބާރާތުން އެ ޓީމު ކެޓިތާ ތިން ދުވަސް ފަހުންނެވެ.

"އަހަރެން ވާނީ ޖަރުމަނަށް 106 މެޗު ކުޅެފައި. ދެން އިތުރު މެޗެއްގައި ނުކުޅޭނަން،" ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން އިންސްޓަގްރާމްގައި ކުރޫޒް ލިޔެފައިވެ އެވެ. އޭނާ ވަނީ ގައުމީ ޓިމަށް 17 ގޯލު ޖަހައިދީ އިތުރު 19 ގޯލް ޖަހަން އެހީވެފަ އެވެ.

"އަހަރެން ވަރަށް އުންމީދުކޮށް ބުރަކޮށް މަސައްކަތް ކުރިން 109 މެޗު ކުޅެ މިފަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައި ނިންމާލަން އެކަމަކު އެކަން ހާސިލު ނުކުރެވި މިދިޔައީ."

ގައުމީ ޓީމަށް 2010 ގައި ކުޅެން ފެށި ކްރޫޒް އަކީ 2014 ގެ ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިދޭން އެހީތެރިވި ކުޅުންތެރިޔެކެވެ. އޭނާ ބުނީ ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި ނުކުޅެން އޭނާ ނިންމައިގެން ހުރި ކަމަށެވެ.

ރެއާލް މެޑްރިޑްގައި ހުރެ ފުޓުބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް ކުރިން ބުނި ކްރޫޒް ބުނީ އޭނާގެ ސަމާލުކަން މުޅިން ހުއްޓޭނީ ރެއާލް މެޑްރިޑާ އެކު ކާމިޔާބު ހޯދުމުގެ މައްޗަށް ކަމަށެވެ. އެ ކްލަބާ އެކު އޭނާ ހަދައިފައިވާ ކޮންޓްރެކްޓް 2023 ގައި ހަމަވާނެ އެވެ. އޭގެ ފަހުން ފުޓްބޯޅަ ކުޅުން މުޅިން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ކުރިން ދީފަ އެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުމުގައި 15 އަހަރު ހޭދަކުރުމަށް ފަހު ޔޯކިމް ލޯ ވެސް ވަނީ ގައުމީ ޓީމުން ވަކިވެފަ އެވެ.