11 ޖުލައި 2021
ޑިސެމްބަރު 2016 ގައި، ދޯންޏަކުން ދ. ހުޅުދުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގެ ތެރެއިން އެ ރަށު ވަލުގެ، އިސްމާއިލް ނާހިދު ބަލައި ފާސްކުރި އިރު އޭނާގެ އަތުން ޑައިމޯފިންގެ ބާވަތެއް ފެނުނެވެ. އަތުން ހަތަރު ގްރާމަށް ވުރެ ގިނައިން ފެނިއްޖެ ނަމަ އެއީ ބޭނުންކުރަން ގެންގުޅޭ އެއްޗެއްގެ ބަދަލުގައި ވިއްކަން ގެންގުޅޭ އެއްޗެއްގެ ގޮތުގައި ބެލޭނެ އެވެ. މި މައްސަލައިގައި ނާހިދުގެ އަތުން ފެނުނީ 4.38 ގްރާމެވެ.
ޑިސެމްބަރު 2016 ގައި، ދޯންޏަކުން ދ. ހުޅުދުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގެ ތެރެއިން އެ ރަށު ވަލުގެ، އިސްމާއިލް ނާހިދު ބަލައި ފާސްކުރި އިރު އޭނާގެ އަތުން ޑައިމޯފިންގެ ބާވަތެއް ފެނުނެވެ. އަތުން ހަތަރު ގްރާމަށް ވުރެ ގިނައިން ފެނިއްޖެ ނަމަ އެއީ ބޭނުންކުރަން ގެންގުޅޭ އެއްޗެއްގެ ބަދަލުގައި ވިއްކަން ގެންގުޅޭ އެއްޗެއްގެ ގޮތުގައި ބެލޭނެ އެވެ. މި މައްސަލައިގައި ނާހިދުގެ އަތުން ފެނުނީ 4.38 ގްރާމެވެ.
އެހެންވެ، ދައުލަތުގެ އޭނާއަށް ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ކުށް ސާބިތުވާ ކަމަށް ނިންމައި އޭނާ އުމުރަށް ޖަލަށްލައި 100،000ރ. އިން ޖޫރިމަނާ ކުރަން ދަށު ކޯޓުން ހުކުމް ކުރި އެވެ.
ނަމަވެސް، ނާހިދުގެ ފަރާތުން ދަށު ކޯޓުުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ހުކުމްކުރީ ނާހިދުގެ ހުކުމް ބާތިލުކުރާށެވެ. ހައި ކޯޓަށް ގޯސްވީ ފުލުހުން ގާނޫނީ އިންޒާރު ދިން ގޮތެވެ. އަދި ފާހަަގަކުރީ މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުލުހުން ހެދި ކަމަށް ބުނާ ގޯސްތަކެވެ.
ހައި ކޯޓުގެ މި ނިންމުމާ ހެދި ފާޑުކިޔުން އަމާޒުވީ ފުލުހުންނަށެވެ. ފުލުހުންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްވެރިން ދޫވާ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރި އެވެ. "ރެޑް ހޭންޑް" ކޮށް އަތުލެވޭ މީހުން ވެސް ފުލުހުން އަތުން ދޫވާ ކަމަށް ބުންޏެވެ. ނަމަވެސް، މިއީ ހަގީގަތުގައި ވެސް ފުލުހުންނަށް އެކަނި ހެދުނު ގޯހެއްތޯ ސުވާލު އުފެދެ އެވެ.
ހައި ކޯޓު ހިންގާ އިމާރާތުގެ ކުރިމަތިން ބަޔަކު ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހައްޔަރުކުރާ މީހުންނާ މެދު އަމަލުކުރަން ޖެހޭ ގޮތް މިހާރު ވަރަށް ސާފުކޮށް ލިޔެވިފައި އޮވެ އެވެ. ހައްޔަރުކޮށް، ކުރެވޭ ތުހުމަތުތަކާއި ލިބިގެންވާ ހައްގުތައް ބަޔާންކޮށް ފުލުހުން ތުހުމަތު ކުރެވޭ މީހާއަށް ގާނޫނީ އިންޒާރު ދޭން ޖެހެ އެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގަންނަ، ގިނަ ގައުމުތަކުގައި އަމަލުކުރާ މިންގަނޑެވެ. ހައްޔަރުކުރާ މީހުންނަށް ގާނޫނީ އިންޒާރު ދިނުމާ ގުޅޭ އިޖުރާއަތްތަކަށް އަމަލު ނުކޮށްފި ނަމަ، ކޯޓުތަކުން އެ މައްސަލަތައް ބޭރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަން އެގޮތަށް ކޮށްފައި ވެސް އެބަ ހުއްޓެވެ.
ނާހިދުގެ މައްސަލައިގައި ފުލުހުން މައުލޫމާތު ފޯމު ފުރައި، އޭނާއަށް އެންގީ ކެނަބިސް ބޭނުންކުރުމާއި ޑައިމޯފިން ޕެޑްލްކުރުމާއި ކެނަބިސް ޕެޑްލްކުރުމާއި ޑައިމޯފިން ބޭނުންކުރުމާއި ޖަދުވަލް އެކެއްގައިވާ އެހެން މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ ކަމަށެވެ. އޭނާއަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ގާނޫނީ އިންޒާރު ދިނީ އެ ކުށްތަކަށެވެ.
ހައި ކޯޓުން ނާހިދުގެ ހުކުމް ބާތިލުކުރި އިރު ފާހަގަކުރި މައިގަނޑު ކަމަކީ ނާހިދަށް ދައުވާ ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް ގާނޫނީ އިންޒާރު ދީފައި ނުވާ ކަމެވެ. ފުލުހުން ގާނޫނީ އިންޒާރު ދިނީ އެހެން ކުށްތަކެއްގެ ތުހުމަތަށް ކަމާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް ފުލުހުން ތަހުގީގު ހިންގާފައި ނުވާކަން ވެސް ހައި ކޯޓުން ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ، އޭނާގެ ހައްގުތައް ގެއްލިފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ތަހުގީގުކުރުމަކީ ފުލުހުންގެ ޒިންމާ އެވެ. ދައުލަތުގެ ޒިންމާ އަކީ ފުލުހުން ކުރާ ތަހުގީގަށް ބިނާކޮށް ތުހުމަތު ކުރެވޭ މީހާއަށް ދައުވާ ކުރުމެވެ. އެހެންވެ، މި މައްސަލައިގައި އުފެދޭ އެއް ސުވާލަކީ ފުލުހުން ތަހުގީގު ނުކުރާ، ގާނޫނީ އިންޒާރު ނުދޭ ކުށެއްގެ ދައުވާ މީގެ ހަތަރު އަހަރު ކުރިން ދައުލަތުން ކުރީ ކީއްވެތޯ އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހު ފާހަގަކުރެއްވީ ނާހިދުގެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ފުލުހުން ތަހުގީގު ނުކުރާ ކުށަކަށް ކަމެވެ. ޓްރެފިކިންގެ ދައުވާ ކުރެވޭ ވަރަށް ބަރުދަަން ހަމަވިކަން ފުލުހުންނަށް އެނގޭ އިރު ފުލުހުން އަމިއްލަ އަށް އެނގިގެން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުކޮށް، އެ މައްސަލައިގައި ގާނޫނީ އިންޒާރުދީ ބަޔާން ނުނެގީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ. އެކަމަކު ކުއްލިއަކަށް މީހަކު އަތުލައިގަންނަ އިރު، އަތުން ފެންނަ ޑްރަގްސްގެ ބަރުދަން ސީދާ ކަށަވަރު ނުވާ ނަމަ ގާނޫނީ އިންޒާރު އެ ވަގުތު ތަފާތު ވެސް ވެދާނެ އެވެ. ބަރުދަނުގައި އަންނަ ކުޑަ ފަރަގަކުން ވެސް ކުށުގެ ބާވަތް ބަދަލުވެދާނެ ފުރުސަތު މަސްތުވާތަކެތީގެ މައްސަލަތަކުގައި އޮވެ އެވެ.
ޔޫނުސް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި 2016 ވަނަ އަހަރުން ފަށައިގެން ފުލުހުންނާއި ޕީޖީ އޮފީހާ މެދު ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން މަޝްވަރާކުރާ ކަމަށެވެ. އަދި އެ މަރުހަލާގައި ޕީޖީ އޮފީހުން މައްސަލަތަކުގައި ހުންނަ ލޫޕް ހޯލްތައް ނުވަތަ ގާނޫނީ ބާގަނޑުތަކާއި، ދައުވާކުރަން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކިޔައިދޭ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ފުލުހުން އެފަދަ ކަންކަން ކިޔައިދީފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ޓްރެފިކިންގެ ދައުވާ ކުރެވޭނެ ބަރުދަން ހަމަވެއްޖެ ނަމަ ޕީޖީ އޮފީހުން ޖެހޭނީ ޓްރެފިކިންގެ ދައުވާ ކުރަން ކަމަށެވެ. މި މައްސަލައިގައި ޓްރެފިކިންގެ ދައުވާ ކުރެވޭ ވަރަށް ފުލުހުންނަށް ހޯދުނު ތަކެތީގެ ބަރުދަން ހަމަވެ އެވެ. އެހެންވެ، ޝަމީމް ދެކެވަޑައިގަންނަވަނީ ޕީޖީ އޮފީހުން އޭރު ކޮށްފައިވާ ޓްރެފިކިންގެ ދައުވާ ރަނގަޅު ކަމަށެެވެ.
"ގާނޫނު ބުނާ ގޮތުން ވަކި ވަރަކަށް ވުރެ [މަސްތުވާތަކެތީގެ ބަރުދަން] އިތުރު ނަމަ ގާނޫނު ދަންނަނީ އެއީ ޓްރެފިކިން ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންތަކެއް ޑޯގް ސްކޮޑާއެކު ހަރަކާތްތެރިވަނީ -- ފޮޓޯ: ފުލުހުން
ފުލުހުން ކުރާ ތަހުގީގަކުން އެހެން ދައުވާއެއްގެ އުންސުރު ފުރިހަމަވާ ނަމަ އެ ދައުވާއެއް ކުރުމަކީ ޕީޖީ އޮފީހަށް ލިބިގެންވާ އިހްތިޔާރެކެވެ. ނަމަވެސް، މި މައްސަލައިގައި ޓްރެފިކް ކުރުމުގެ ކުށަށް ގާނޫނީ އިންޒާރު ނުދޭކަން ދައުލަތަށް އޭރު ވިސްނިފައި ނެތީ ކީއްވެތޯ ސުވާލު އުފެދެ އެވެ. މިފަދަ ކަންކަމަކީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ބަލާ ކަންކަމެވެ. ނާހިދަށް ދައުވާކުރި ދުވަސްވަރު ވެސް ދެ މުއައްސަސާގެ މެދުގައި ވާހަކަ ދައްކައިގެން އެކަހަލަ ބާގަނޑުތައް ބައްދަ އެވެ.
ޝަމީމް ވެސް ވިދާޅުވީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް ތުހުމަތު އިއްވިކަން އޭރު ޕީޖީ އޮފީހަށް ބެލިފައި އޮންނަން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ޕީޖީ އޮފީހަށް ހެދިފައި އޮތް ގޯހަކީ އެކަން އެހާވަރަށް ބެލިފައި ނެތުމެވެ. މިހާރު މިކަހަލަ މައްސަލަތަކުގައި ތުހުމަތު އިއްވާފައި ނުވާކަން ޕީޖީ އޮފީހަށް ފާހަގަކުރެވިއްޖެ ނަމަ، އަލުން ތުހުމަތު އިއްވައި، ބަޔާން ނަގަން ފުލުހުންނަށް އަންގާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ގާނޫނު ބުނާ ގޮތުން ވަކި ވަރަކަށް ވުރެ [މަސްތުވާތަކެތީގެ ބަރުދަން] އިތުރިއްޔާ ގާނޫނު ދަންނަނީ އެއީ ޓްރެފިކިން ކަމަށް: ޕީޖީ ޝަމީމް
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން މިހާރު ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ނާހިދު މިހާރު ވަނީ މި މައްސަލައިން އެއްކޮށް މިނިވަންވެފަ އެވެ.
ފުލުހުންނާއި ދައުލަތުން ހަދާ ގޯސްތަކުން، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް އަތް ދަށުން ދޫވެފައި އެބަ ހުއްޓެވެ. ހުޅުވާރުލު ކިޔާ ފަޅުރަށަކުން 2018 ވަނަ އަހަރު 149 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ވެސް ޕީޖީ އޮފީހާއި ފުލުހުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ކޯޓުތަކުން ނިންމި ނިންމުންތަކަށް ބެލުމުން އެނގެ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ގިނަ މީހުން އެ ކަންކަމާ ހެދި ދޫވީ އެވެ.
ހުޅުވާރުލު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ތިބި ގެއަކަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވެ އެވެ. އަދި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުއްދަތު ހަމަވި އިރު ވެސް ބަންދު އިތުރުކުރާކަށް ނުގެންދެ އެވެ. ދައުލަތުން ގޯސް ހެދީ އެ މައްސަލައިގައި ދައުވާކޮށް ކޯޓަށް ފޮނުވުމުގަ އެވެ. އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާތީ އެ ކޯޓުން މައްސަލަ ބަލައިނުގަތެވެ. މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ގައްދޫ ކޯޓަށް މައްސަލަ ހުށަހެޅި އިރު އޮތީ ހުށަހެޅުމުގެ މުއްދަތު ހަމަވެފަ އެވެ.
ފުލުހުން ކިތަންމެ ވަރަކަށް އޮޕަރޭޝަންތައް ހިންގައި ކިތަންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތަސް، ކަމާ ބެހޭ މުއައްސަސާތަކުން އިޖުރާއަތުތައް ފުރިހަމަ ނުކުރާ ނަމަ، ކުށްވެރިން ދޫވެ، ހުރިހާ މަސައްކަތެއް ވާނީ މާނައެއް ނެތް ކަން ކަމަށެވެ. އަދި ފުލުހުން ރަނގަޅަށް ތަހުގީގު ކުރާ މައްސަލަތަކުގައި ދައުލަތުން ދައުވާ ކުރުމުގައި ފަރުވާ ކުޑަކުރާ ނަމަ ހުރިހާ މަސައްކަތެއް ބޭކާރުވާނެ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޖަލަށްލުމުން ގެޔަށް؛ ފަނޑިޔާރު އެއްސެވީ ޑްރާމާއެއްތޯ!
އިރުފާން ދޫކޮށްލަން ހައި ކޯޓުން މިފަހަރު ތާއީދު!
އަރުޝަދު ހާޒިރުކުރަން ނެރުނު އަމުރު ގޯސް
އަރުޝަދު ބުނަނީ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތޭ
މިފަހަރު މައްސަލައަކީ ޑްރަގްސް ހޯދަން ހުއްދަ ދިން މީހާ
ޑްރަގް އަޅަން ފިލްމު ހުސްކުރި ދަޅު ލިބެނީ ކިހިނެއް؟
އިސްތިއުނާފު ލަސްވުމުން އަނެއްކާވެސް މައްސަލައެއް ބޭރު
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
9 ކިލޯ ޑްރަގްގެ "ބޮޑެއް" ދޫކޮށްލުމުން އިސްތިއުނާފަށް