Roadha Mihaaru
އަރުޝަދު ބުނަނީ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތޭ

އަރުޝަދުގެ ދޫކޮށްލުން: އޭނާ ބުނަނީ ސުޕްރީމް ކޯޓުން ފަރުވާއެއް ދޭން ޖެހޭ ކަމެއް ނެތް ކަމަށް

25 އޮކްޓޯބަރ 2022

ޑްރަގް ވިޔަފާރީގެ ތުހުމަތު ފުލުހުން ކުރާ އަރުޝަދު ހާލިދު ބަންދު ނުކޮށް ދޫކޮށްލަން ހައި ކޯޓުން ނިންމި މައްސަލައިގައި ގާނޫނީ ފަރުވާއެއް ދޭން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޑްރަގް ވިޔަފާރީގެ ތުހުމަތު ފުލުހުން ކުރާ އަރުޝަދު ހާލިދު ބަންދު ނުކޮށް ދޫކޮށްލަން ހައި ކޯޓުން ނިންމި މައްސަލައިގައި ގާނޫނީ ފަރުވާއެއް ދޭން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މާލޭގެ ހަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ފުލުހުން ހޯދި ނުވަ ކިލޯގެ ޑްރަގް މައްސަލައިގައި ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އެވެ. އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އަރުޝަދު މިނިވަންވެފައި ހުއްޓައި، ފުލުހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރީ ވެސް އަރުޝަދު އިސް ދައުރެއް އަދާކުރާ ނެޓްވޯކުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ ޑްރަގް އަތުލައިގަތުމުގެ ކުރިން އަރުޝަދު ރާއްޖެއިން ބޭރަށް ފުރި ގޮތަށް އަނބުރާ އައިސްފައި ނުވާތީ ހައި ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުދެ އެވެ.

މި މަހުގެ ކުރީކޮޅު އަރުޝަދު އެނބުރި ރާއްޖެ އަށް އައުމުން، ހައި ކޯޓަށް އޭނާ ހާޒިރު ކުރަން ނެރެފައި އޮތް އަމުރަކަށް ބިނާކޮށް، ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު، ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ފުލުހުން އޭނާ ބަންދުން ދޫކޮށްލުމުން ހައި ކޯޓުން ވަނީ އޭނާ އަކީ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރި މީހެއް ކަމަށް ނުބަލައި އޭނާ ދޫކޮށްލައިފަ އެވެ. އެހެންނަމަވެސް، އަރުޝަދު ކުރާ އަމަލެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދައުލަތަށް ފެންނަ ނަމަ ބަންދު ކުރަން އެދެވިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި، ދައުލަތުން ބުނީ، އަރުޝަދު ދޫކޮށްލަން ނިންމި އިރު އޭނާ ބަންދު ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ)ގެ ދަށުން ދައުލަތުން އެދުނު އެދުމާ މެދު ހައި ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، އެފަދަ އަމުރެއް ނެރުމަށް އެދިފައި އޮއްވައި އެކަމާ މެދު ގޮތެއް ނުނިންމާ ކަމަށް ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ)އަކީ ކުށް ސާބިތުނުވާ ކަމަށް ކުރާ ހުކުމް އިސްތިއުނާފުކޮށް، ދައުވާ ލިބޭ މީހާއަކީ އިސްތިއުނާފު މަރުހަލާ ނިމެންދެން ބަންދުކޮށްފައި ހުންނަން ޖެހޭ މީހެއް ކަމަށް ފެންނަ ނަމަ އޭނާ ބަންދު ކުރަން ޕީޖީއަށް އެދެވިދާނެ ކަމަށް ބުނާ މާއްދާއެކެވެ.

ހައި ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރުގެ ދަށުން އަރުޝަދު ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމީ އޭނާ ކުރާ ކަމެއްގެ ސަބަބުން އޭނާ ބަންދު ކުރަން ދައުލަތަށް އެދެވޭނެ ކަމަށެވެ.

މިއަދު އެ މައްސަލައިގައި އޮތް ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ބުނީ، ފުލުހުން އަރުޝަދު ބަންދުކޮށްގެން ހާޒިރު ނުކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ)ގެ ދަށުން އޭނާ ބަންދު ކުރަން ނިންމުމަށް ހުރަސްއެޅޭ ކަމެއް ނޫން ކަމަށެވެ.

އަރުޝަދު ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދިއްޖެ ނަމަ އެކަމާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނެވެ.

އަރުޝަދުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު މިއަދު ވިދާޅުވީ، 199 ވަނަ މާއްދާގެ (ށ)ގައި އޮތީ އިސްތިއުނާފު މަރުހަލާގައި މީހުން ބަންދު ކުރަން ޕީޖީއަށް އެދުމުގެ ނިޒާމެއް ކަމަށެވެ. އެ މާއްދާގައި އޮތީ ޕީޖީ އެދޭ ކޮންމެ ފަހަރަކު ބަންދު ކުރަން ޖެހޭ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގެ ނިންމުމުގައި އެ އުސޫލާ ހިލާފު އެއްވެސް ވާހަކައެއް ނެތް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އެގޮތުން އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ޕީޖީއަށް ފެންނަ ނަމަ ހައި ކޯޓުގައި އެދެވިދާނެ ކަމަށް އެ ނިންމުމުގައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހައި ކޯޓަށް އަރުޝަދު ހާޒިރު ކުރި ހާޒިރުކުރުމަކީ ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރެއްގެ ދަށުން ހާޒިރު ކުރި ހާޒިރުކުރުމެއްކަން ފާހަގަކުރައްވައި ނޫރުއްސަލާމް ވިދާޅުވީ، އެފަދަ އަޑުއެހުމެއްގައި ދައުލަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅި ހުށަހެޅުމަކަށް ގޮތެއް ނިންމަން ނުވެސް ޖެހޭނެ ކަމަށެވެ. އަދި އެކަމަށް އެ އަޑުއެހުމުގައި ވާހަކަ ދައްކާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫރުއްސަލާމް އެދިވަޑައިގެންނެވީ ސުޕްރީމް ކޯޓުން މިކަމުގައި ގާނޫނީ ފަރުވާއެއް ދޭން ޖެހޭ ކަމެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ބަންދު ކުރުމަށް ބޭއްވި އަޑުއެހުމެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތްތޯ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެފަދަ ޖާގައެއް އެބަ އޮތް ކަމަށެވެ. އެގޮތުން، އެ މާއްދާގެ ދަށުން އޭނާ ބަންދު ކުރަން ހުށަހެޅުމުން އެކަމާ މެދު އަޑުއެހުމުގައި ވާހަކަ ދެއްކި ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އެކަންކަމާ ގުޅިގެން ފަނޑިޔާރުން ސުވާލުވެސް ކުރެއްވި ކަމަށް ބުންޏެވެ.

އަރުޝަދު އަމަލު ކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދު ކުރަން އެދެން ދައުލަތަށް ހުރަހެއް ނެތް ކަމަށް ހައި ކޯޓުގެ ނިންމުމުގައި ވުމުން އެ އަމުރު މުރާޖައާ ކުރަން ހައި ކޯޓުގައި އެދުނުތޯ ވެސް މަހާޒު ސުވާލު ކުރެއްވި އެވެ. ދައުލަތުން ފާހަގަ ކުރީ އަރުޝަދު ބަންދު ކުރަން ދައުލަތުން އެދެނީ ކުރިން ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރާ ކުށަކާ ގުޅިގެން ކަަމަށެވެ. އެކަމަކު ހައި ކޯޓުގެ ނިންމުން އޮތް ގޮތުން އޭނާ ބަންދު ކުރެވޭނީ ކުރިއަށްއޮތްތަނުގައި އޭނާ ކުރާ އަމަލެއްގެ ސަބަބުން ކަމަށްވާތީ އޭނާ ބަންދު ކުރުމުގެ ދޮރު އޭގެ ސަބަބުން ބަންދުވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކޮށް އަލުން ހައި ކޯޓުގައި ބަންދު ކުރުމަށް އެދުމުގެ ފުރުސަތު އޮތްތޯ މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ، ހައި ކޯޓުގެ ނިންމުން ދޭހަވަނީ އިތުރު އާ ކަމެއް މެދުވެރިނުވާ ނަމަ އެފަދަ ހުށަހެޅުމެއް އެ ކޯޓުން ބަލައިނުގަންނާނެ ކަމަށް ކަމަށެވެ.

މިއަދު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.

އަރުޝަދުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ވަކީލު ނޫރުއްސަލާމް މިއަދު ވިދާޅުވީ، ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ލަންކާއަށް ފުރައިގެން ދިޔައީ ކަމަށް ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާ ކަމަށާއި ނަމަވެސް، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ ދެ މަސް ފަހުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި އޭނާ އުޅުނީ ވެސް ފިލައިގެން ނޫން ކަމަށް ވިދާޅުވި އެވެ.

ޑްރަގްގެ ކުށްތަކާ ގުޅޭ 300 އަށް ވުރެ ގިނަ މީހަކަށް ދައުވާކުރުމަށްފަހު ދޫކޮށްލާފައި ތިބި އިރު، ދައުލަތަށް އަރުޝަދުގެ ބަންދު އެހާ މުހިންމު ވެގެން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ނޫރުއްސަލާމް މިއަދު ވިދާޅުވި އެވެ.

އަރުޝަދު ރާއްޖެއިން ފުރައިގެން ދިޔައީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން 119 ކިލޯގެ ޑްރަގް އަތުލައިގަތްތާ ދުވަހެއް ކުރިންނެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަރުޝަދާއެކު ނުވަ ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާކޮށް ކުށް ސާބިތު ނުވި ދެ މީހަކު ވެސް ހިމެނެ އެވެ. އެ ޑްރަގް ވެސް އެތެރެ ކުރުމުގައި އަރުޝަދު އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ކުރިން ބުނެފައިވީނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލާފައި ނުވެ އެވެ.