Roadha Mihaaru
އަރުޝަދު ހާޒިރުކުރަން ނެރުނު އަމުރު ގޯސް

އަރުޝަދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓު

30 އޮކްޓޯބަރ 2022

ޑްރަގް ވިޔަފާރީގެ ތުހުމަތު ފުލުހުން ކުރާ އަރުޝަދު ހާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރު ކުރަން އެ ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޑްރަގް ވިޔަފާރީގެ ތުހުމަތު ފުލުހުން ކުރާ އަރުޝަދު ހާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރު ކުރަން އެ ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މާލޭގެ ހަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ފުލުހުން ހޯދި ނުވަ ކިލޯގެ ޑްރަގް މައްސަލައިގައި ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އެވެ. އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އަރުޝަދު މިނިވަންވެފައި ހުއްޓައި، ފުލުހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރީ ވެސް އޭނާ އިސް ދައުރެއް އަދާކުރާ ނެޓްވޯކުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ ޑްރަގް އަތުލައިގަތުމުގެ ކުރިން އަރުޝަދު ރާއްޖެއިން ބޭރަށް ފުރި ގޮތަށް އަނބުރާ އައިސްފައި ނުވާތީ ހައި ކޯޓުގައި އޮތް މައްސަލަ އޮތީ ކުރިއަށް ނުގޮހެވެ. އެހެންވެ، އެ ކޯޓުން ވަނީ އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންނަށް އަންގައިފަ އެވެ.

މި މަހުގެ ކުރީކޮޅު އަރުޝަދު އެނބުރި ރާއްޖެ އަށް އައުމުން، ހައި ކޯޓަށް އޭނާ ބަންދުކޮށްގެން ހާޒިރު ކުރަން ނެރެފައި އޮތް އަމުރަކަށް ބިނާކޮށް، ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު، ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ފުލުހުން އޭނާ ބަންދުން ދޫކޮށްލުމުން ހައި ކޯޓުން ވަނީ އޭނާ އަކީ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރި މީހެއް ކަމަށް ނުބަލައި އޭނާ ދޫކޮށްލައިފަ އެވެ.

އޭގެ ފަހުން ހައި ކޯޓުން އަރުޝަދު ބަންދުކޮށްގެން ހާޒިރު ކުރަން ނެރުނު އަމުރު އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރަން އެދިފައި އޮއްވާ އަރުޝަދު އިސްތިއުނާފު މައްސަލަ ނިމެންދެން ބަންދުނުކޮށް ދޫކޮށްލަން ނިންމި ނިންމުން ދައުލަތުން ވެސް އިސްތިއުނާފު ކުރި އެވެ.

އެ ދެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިއަދު އެވެ. ފުރަތަމަ އިއްވީ އަރުޝަދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ ކުރިން އޭނާ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު، އަރުޝަދުގެ މައްސަލައިގައި އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރުނީ އޭނާ ކޯޓަށް ހާޒިރުވާން އަންގައި އަމުރެއް ނެރުމަކާ ނުލައި ކަމަށް ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި އަމުރުތައް ހުންނަން ވީ ގޮތުގެ ނަމޫނާއެއް އޮންނަ އިރު އަރުޝަދުގެ މައްސަލައިގައި އަމުރު ނެރެފައި ވަނީ އެ ނަމޫނާއާ ހިލާފަށް، ބަންދު ކުރާ މީހާ ކޯޓަށް ހާޒިރު ކުރާ ތާރީހާއި ވަގުތު ނުހިމަނައިކަން ވެސް ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ.

އެކަމަކު، އެއީ ހަމައެކަނި އެކަމަށް ބިނާކޮށް އަމުރު ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާ ހިލާފުވާ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރީ ފުލުހުންނަށް މީހަކު ކޯޓަށް ގޮތަށް ބެހެއްޓޭނީ 72 ގަޑިއިރަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އަމުރުގައި ކޯޓަށް ހާޒިރުކުރަންވީ ވަގުތާއި ގަޑި ނެތުމަކީ މީހުން އެއްވެސް މުއްދަތެއް ނެތް ގޮތަށް ބަންދުކުރެވިދާނެ ސަބަބެއް ނޫން ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ އގައި ކޯޓަށް ހާޒިރުކުރުމަށްޓަކައި ބަންދު ކުރެވޭ މީހުން ކޯޓަށް ހާޒިރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތު ބަޔާންކޮށްފައި ނެތް ނަމަ، މުއްދަތެއް ނެތް ގޮތަށް މީހަކު ބަންދު ކުރެވި ބަންދު ކުރެވޭ މީހާގެ އަސާސީ ހައްގުތަކެއް ގެއްލޭނެ ހާލަތެއް ވުޖޫދު ވެދާނެ ކަމަށް ޓަކައި އަޅުގަނޑުގެ ރައުޔު މިކަމުގައި ތަފާތުވީސް." ފަނޑިޔާރު މަހާޒު އިއްވަވައި ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވި ރައުޔުގައިވެ އެވެ.

އޭގެ އިތުރުން ފިލައިފާނެ ކަމަށް ބެލެވޭނެ ހާލަތާއި ކޯޓަށް ހާޒިރު ނުވެވޭނެ ހާލަތްތަކަކީ ބަންދުގައި ބަހައްޓައިގެން މީހުން ކޯޓަށް ހާޒިރު ކުރުމުގައި ބެލޭނެ ކަންކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. ބަންދުކޮށްގެން މީހަކު ކޯޓަށް ހާޒިރު ކުރެވޭނެ ހާލަތްތަކަކީ ކޯޓަށް ހާޒިރުވުމުގެ އަމުރެއް ރައްދުވެ އެއަށް ހާޒިރު ނުވުމާއި އެ އަމުރެއް ބަލައިނުގަންނަ ހާލަތް ކަމަށް ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އަރުޝަދު ބަންދުކޮށްގެން ހާޒިރު ކުރަން ހައި ކޯޓުން ނެރުނު އަމުރު ބާތިލު ކަމަށެވެ.

ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ދައުލަތުން ބުނީ، އަރުޝަދު ދޫކޮށްލަން ނިންމި އިރު އޭނާ ބަންދު ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ)ގެ ދަށުން ދައުލަތުން އެދުނު އެދުމާ މެދު ހައި ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އޭގެ އިތުރުން، އަރުޝަދު ކުރާ އަމަލެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދައުލަތަށް ފެންނަ ނަމަ ބަންދު ކުރަން އެދެވިދާނެ ކަމަށް ހައި ކޯޓުގެ އަމުރުގައި އޮންނާތީ އޭނާ އިތުރު ކަމެއް ނުކުރަނީސް ބަންދު ނުކުރެވޭނެ ކަމަށް ދެކޭ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.

އެކަމަކު، ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނިންމީ، ހައި ކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތެއް ދައުލަތަށް ބުނެނުދެވޭ ކަމަށާއި އޮތް ގާނޫނީ ބަހުސެއް ބުނެނުދެވޭ ކަމަށެވެ.

ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ނަމަވެސް، ދައުލަތަށް އަދިވެސް އަރުޝަދު އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުގައި އެދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ދެ މައްސަލަ ސުޕްރީމް ކޯޓުން ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދު ތާއީދުކުރެއްވި އެވެ.

އަރުޝަދު ކުރާ އަމަލެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދައުލަތަށް ފެންނަ ނަމަ ބަންދު ކުރަން އެދެވިދާނެ ކަމަށް ހައި ކޯޓުން ނިންމުމުގެ އިތުރުން އެ ކޯޓުން ވަނީ އޭނާ ޕާސްޕޯޓާއި އެހެނިހެން ޓްރެވަލް ޑޮކިއުމެންޓުތައް ހިފެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އަރުޝަދު ރާއްޖެ އައުމުން ހައްޔަރު ކޮށްފައި ދޫކޮށްލި ފަހުން ވެސް އޭނާ ވަނީ ހައްޔަރުކޮށްފައި ދޫކޮށްލައިފަ އެވެ. އޭނާ ހައްޔަރު ކުރީ ފުލުހުން ހުވަދު އަތޮޅުގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށެވެ. އެހެންނަމަވެސް، އެފަހަރު ވެސް ބަންދުނުކޮށް އަނެއް ދުވަހު ދޫކޮށްލީ އެވެ.