03 ޖޫން 2022
ގެއެއްގެ ޓައިލް ދަށުގައި ޖާގައެއް ހަދައި އެތަނުގެ ތެރޭގައި ޑްރަގްސް ގުދަންކޮށްގެން އުޅުނު މައްސަލަ ވެސް "ނުވާ ކަމަކަށް" ވެގެން ނިމުނީ އެވެ. ބަސްތާއިން، ކިލޯއިން ޑްރަގްސް ގެންގުޅޭ މީހުންނަށް ތަނަވަސްވާ ގާނޫނީ ބާގަނޑު މިފަހަރު އުފެދުނީ ގޭގެ ވެރިފަރާތް އޮޅިގެންނެވެ.
ގެއެއްގެ ޓައިލް ދަށުގައި ޖާގައެއް ހަދައި އެތަނުގެ ތެރޭގައި ޑްރަގްސް ގުދަންކޮށްގެން އުޅުނު މައްސަލަ ވެސް "ނުވާ ކަމަކަށް" ވެގެން ނިމުނީ އެވެ. ބަސްތާއިން، ކިލޯއިން ޑްރަގްސް ގެންގުޅޭ މީހުންނަށް ތަނަވަސްވާ ގާނޫނީ ބާގަނޑު މިފަހަރު އުފެދުނީ ގޭގެ ވެރިފަރާތް އޮޅިގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ 42 ކިލޯ ޑްރަގްސް ފެނުނު ގެޔާ ބެހޭ މައުލޫމާތު ފުލުހުންނަށް މާކުރިން އެނގި އަދި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބުމުން ވެސް ބަލައި ފާސްކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް، ކޯޓު އަމުރު ނުހޯދާ ކަމަށެވެ. އަމަލުކުރަމުން އަންނަތާ 11 އަހަރު ވެފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުނުގައި އޮތް ކަމެއް ފުލުހުންނަށް "އޮޅުމަކުން" ނުކުރެވި ހިނގައިދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލެއް ނުކުރައްވާނެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމި ސަބަބުތައް ހާމަކުރި އިރު، ގޭގެ ވެރިފަރާތް އެނގެން އޮވެމެ އެ ފަރާތުގެ ބަދަލުގައި އެހެން މީހެއްގެ ހުއްދަ ހޯދައިގެން ތަން ފާސްކުރި ކަމަށް ބުނާ ވާހަކައިގެ ތަފްސީލަކީ މިއެވެ؛
މަސްތުވާތަކެތި ވިއްކުމަށް "ކެފޭ" އުސޫލުން ހިންގާތީ މީގެ ކުރިން ފުލުހުން ވަނީ ޑައިމޯފިން ރައްކާކޮށްފައި ހުރި މ.ލަވްނެސްޓް ގެޔަށް އެކި ފަހަރުމަތިން ވަދެފަ އެވެ. އަދި އެ ގެޔަށް ދާ މީހުން އެތަނުން ނެރެ އެތަން ބޭނުންކުރުމަށް ހުރަސްތައް އެޅި އެވެ. ލަވް ނެސްޓަކީ ޓީޖެޓީ ހާބަރާ ކައިރި ތަނަކަށް ވުމުން އެއީ ޑްރަގްސް ވިއްކުމުގައި "ހާއްސަ" ލޮކޭޝަނަށް އޮންނަނީ ވެފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން ލަވް ނެސްޓްގައި ޑްރަގް ވަޅުލައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކުރިން ވެސް ކޯޓު އަމުރު ނަގައިގެން ބެލި އެވެ. އެކަމަކު އެއީ ފުލުހުންގެ އިންޓެލިޖެންސުން ހިންގި އޮޕަރޭޝަންތަކެކެވެ. އެ އޮޕަރޭޝަންތަކުގައި ގޭތެރެއިން ޑްރަގްސްއެއް ނުފެނުނެވެ. އެކަމަކު ފަހުން އަނެއްކާވެސް ހަމަ އެގޮތަށް މައުލޫމާތު ލިބެން ފެށުމުން އިތުރަށް ވެސް ބެލި އެވެ. ޑްރަގްސް ފެނުނީ އެ ގޭގެ އެޑްރެހުގައި އޮންނަ އަދި އަބަދުވެސް އެ ގޭގައި އުޅެމުން އައި މީހަކު ލިޔުމުން ހުއްދަ ދިނުމުން މުށިގަނޑު ތަޅާލައި ބެލުމުންނެވެ.
ގެ ފާސްކުރަން ހުއްދަ ދިން މީހަކީ ފެނުނު ޑްރަގްސްގެ މައްސަލާގައި ހައްޔަރުކުރި އަހްމަދު ހުސައިނަށް ގެ ވިއްކާލި މޫސާ ނަސީމެވެ.
މަސްތުވާތަކެތި ފެނުުނު ލަވްނެސްޓް ގެޔާއި އެ ގެ ހުރި ބިން 2016 ވަނަ އަހަރު ވަނީ، އަހްމަދު ހުސައިނަށް މޫސާ ނަސީމް 1.5 މިލިއަން ރުފިޔާ އަށް ވިއްކާލައިފަ އެވެ. އެއީ 625 އަކަފޫޓުގެ ބިމުގެ އަގަށް 1 މިލިއަން އަދި ބިމުގައި ހުރި މުދަލަށް ފަސް ލައްކަ ރުފިޔާއަށެވެ. މި މުއާމަލާތް ފުރިހަމަކޮށް، ތަނުގެ މިލްކުވެރިޔަކީ އަހްމަދު ހުސައިން ކަމަށް ސިވިލް ކޯޓުން ވަނީ އޯގަސްޓް 18، 2016 ގައި ވަނީ ހުކުމްކޮށްފަ އެވެ.
މިކަން މިހެން ކޮށްފައިވާކަން، އޮޕަރޭޝަންސް އަށް ނޭނގި ކޯޓު އަމުރުތައް ނަގާ އިންޓެލިޖެންސަށް އެނގެ އެވެ. އެކަމަކު ފުލުހުންގެ އޮޕަރޭޝަނަށް ދިޔަ ޓީމާ ބައްދަލުކޮށް، ޓައިލްސްތައް ތަޅާލައިގެން ގެ ފާސްކުރަން ހުއްދަ ދިން މޫސާ ނަސީމު ވެސް ބުނަނީ ގެޔަކީ އޭނާގެ ބާރު ހިނގާ ތަނެއް ކަމަށެވެ. އޭނާގެ ދާއިމީ އެޑްރެސް އޮތީ އެ ގޭގަ އެވެ. ގޭގެ މައްސަލާގައި މިހާރު ވެސް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވާތީ އެ ވާހަކަ ވެސް ވަނީ ބުނެފަ އެވެ.
42 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން: މި މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ވަނީ ދޫކޮށްލާފައި.-- ފޮޓޯ: ޕޮލިސް
އޭނާ ބުނާ ގޮތުން ނަމަ "ނުއަގުގައި" ގެ ވިއްކާލާފައި ވަނީ އޭނާ ޖަލުގައި ހުއްޓާ އޮޅުވާލުމެއްގެ ތެރެއިންނެވެ. އެއީ އޭނާ ޖަލުން ސަލާމަތްކޮށްދޭނެ ކަމަށް ބުނެ ހިންގި ކަންތައްގަނޑެއް ކަމަށް ބުނި ނަމަވެސް ކޯޓުތަކުން ވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށް ނިންމައި އަހްމަދު ހުސައިންނަށް ގޭގެ މިލްކުވެރިކަން ދީފަ އެވެ.
އޮޕަރޭޝަނަށް ދިޔަ ފުލުހުންގެ ޓީމަށް އެއީ މޫސާ ނަސީމްގެ ގެއެއް ނޫންކަން އެންގީ ގެޔަށް ވަދެ ފާސްކުރަން ފެށި ފަހުން އަދި ޑްރަގްސް ވެސް ފެނުނު ފަހުން އިންޓެލިޖެންސުން ކަމަށް ވަނީ އެނގިފަ އެވެ. އެއީ އިންޓެލިޖެންސުން މީގެ ކުރިން އަމުރު ހޯދައިގެން އެ ގެ ފާސްކޮށްފައި އޮތުމާ ވެސް އެކު ލިބިފައި ހުރި މައުލޫމާތެވެ. އޮޕަރޭޝަންސް އަށް ކުރިން މިކަމެއް ނޭނގެ އެވެ. އެނގުމާ އެކު ބަލައި ފާސްކުރުން މެދުކަނޑާލައި، އަހްމަދު ހުސައިނަށް ރައްދުވާ ގޮތަށް ކޯޓު އަމުރު ހޯދީ އެވެ.
އޭގެ ފަހުން އަހްމަދު ހުސައިން ހޯދަން މަސައްކަތް ފަށައި އޭނާ ހައްޔަރުކުރީ ޑްރަގްސް ފޮރުވާފައި ހުރި ތަން ހެދީ ކޮން ބައެއްކަމާއި އެ މަސައްކަތް ކުރި އިރު އެކަން ކުރިއަށްދާ ގޮތް ބެލީ ކޮން ބައެއްކަން ވެސް ފުލުހުންނަށް އެނގި، އުފެދުނު ތުހުމަތުތަކާ ވެސް އެކުގަ އެވެ. އަހްމަދު ހުސައިނާ އެކު ހައްޔަރުކުރި އަބްދުﷲ ނަޝީދަކީ ކާކުކަމާއި އޮންނަ ގުޅުން ވެސް ފުލުހުން އޮތީ ދެނެގެންފަ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުން ނަމަ 2011 ވަނަ އަހަރުން ފެށިގެން އަަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 149 މާއްދާއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވާތީ މިކަމުގައި ކުރެވޭނެ ކަމެއް ނެތެވެ. އެ މާއްދާގައި އޮންނަ ގޮތުން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ ނުވަތަ ގާނޫނުގައި އޮތް ކުށެއް ކުރާކަން ފުލުހުންނަށް ގަބޫލުކުރެވޭ ނަމަ އަދި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، ކޯޓު އަމުރަކާ އެކު، އެ ގެއަކަށް ނުވަތަ އެ ތަނަކަށް ވަދެ ފާސްކުރެވޭނެ ކަމަށެވެ. "ކޯޓު އަމުރާ އެކު" ވަދެގެން ނޫނީ ނުލިބޭ ބާރުތަކެއް ހުރެ އެވެ. އެއީ؛
▪️ ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން،
▪️ ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން،
▪️ ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން،
▪️ ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން.
މި ކަންކަން ކޯޓު އަމުރަކާ ނުލައި ނުކުރެވޭނެ އެވެ. އެހެންވެ އެންމެ ބޮޑު ސުވާލަކީ ކޯޓު އަމުރު ނުހޯދި ސަބަބެވެ.
މިހެން މިކަންކަން ހުރުމަށް ކޯޓުގައި ދައުވާ ދިފާއުކުރެވޭނެ އެއްވެސް ގޮތެއް އޮތް ކަމަކަށް ޕީޖީން ނުދެކެ އެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި މަޖިލިސްތަކުގައި އަހްމަދު ހުސައިން ބުނެފައިވަނީ އިމާރާތަކީ އޭނާގެ ތަނެއް ކަމަށާއި އެކަމަކު އެތަނުގައި އުޅޭ މީހުންނަކީ ކުއްޔަށް އުޅޭ ބައެއް ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ކުއްޔަށް ދިނުމުގެ އެއްބަސްވުން ވެސް ކޯޓަށް ހުށަހެޅި އެވެ. އޭނާ ބުނެފައި ވަނީ ކުއްޔަށް އުޅޭ މީހުން ކެފޭ އުސޫލުން އެތަނުގައި ޑްރަގް ވިއްކަނީ ކަމަށެވެ.
ޑްރަގްސް ވަޅުލާފައި ހުރި ތަނަކީ އެންމެންނަށް ވެސް ވަދެވޭ ގޮތަށް ހުރި ތަނެއް ކަމަށާއި އެއީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް ބަޔަކު ދެރައެއް ދިނުމުގެ ގޮތުން ކޮށްގެން އުޅޭ ކަމެކޭ ކޯޓުގައި ބުންޏެވެ. ބެލެވޭ ގޮތުން އޭނާ އެ ބުނަނީ ގެ ވިއްކާލި މުއާމަލާތުގައި މޫސާ ނަސީމާ އުފެދިފައިވާ މައްސަލައިގެ ވާހަކަ އެވެ. އެކަމަކު ސުވާލަކީ މީހަކަށް ލަނޑެއް ދޭން ވެސް އެތައް މިލިއަން ރުފިޔާއެއްގެ ޑްރަގްސް، އެގޮތަށް ފޮރުވާފައި ބަހައްޓަންޖެހޭތޯ އާއި ލަނޑެއް ދިނުމުގެ ނިޔަތް އޮތް ކަމަށް ބުނާ މީހާ އަކީ އެހާ ގިނަ އަދަދެއްގެ ޑްރަގަސް ގަނެގެން ގެނެސް، ފުލުހުންނާ ހަވާލުކޮށް ދޫކޮށްލިޔަސް ގެއްލުމެއް ނުވާ ވަރުގެ ފޯރުންތެރި މީހެއްތޯ އެވެ.
މ. ލަވް ނެސްޓުގައި ޑްރަގްސް އަޅާފައި ހުރި ތަން. -- ފޮޓޯ: ޕޮލިސް
ލަވްނެސްޓުން ޑްރަގްސް ފެނުމާ އެކު ފުލުހުން ވަނީ އަހްމަދު ހުސައިން އަކީ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހާ ކަމަށް ބުނެ އޭނާ ހޯދާކަން އިއުލާނުކޮށްފަ އެވެ. އަހްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔައިރު ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ފިލުމުގެ ބޭނުމުގައި ފޯނު ނަންބަރާއި ފޯނު ވެސް ބަދަލުކޮށްފަ އެވެ. މިއީ ފެނުނު ޑްރަގްސްއާ އޭނާއާ ގުޅުމެއް ނެތް ކަމަށް ބުނާ ބުނުމާ ދިމާނުވާ ކަންތައްތަކެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އަހްމަދާ ގުޅޭ އިންޓެލިޖެންސް އެތައް މައުލޫމާތެއް އެއްކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުން އަހްމަދު ހޯދަން ފެށިތާ 12 ގަޑިއިރު ފަހުން ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ހަވާލުވުމުންނެވެ.
އަހްމަަދާ އެކު ދެން ހައްޔަރުކުރި އަބްދުﷲ ނަޝީދަކީ ޑްރަގްސްގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށް ލާފައި ހުއްޓައި ޕެރޯލްގެ ދަށުން ޝަރުތުތަކާ އެކު ދޫކޮށްލާފައި ހުރި މީހެކެވެ.
▪️ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް ވާތީ
▪️ ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވުން
▪️ މަސްތުވާތަކެތި ފެނުނު ގެޔަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.
▪️ ސީންގައި ކަން ހިނގިގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުން.
▪️ ބަލައިފާސްކުރިއިރު ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން
▪️ މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވުން
▪️ ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުން.
މަސްތުވާތަކެތި ފެނުނީ މި ބުނި ކަންކަމާ ހިލާފަށް ކަމަށް ވާތީ، ފުލުހުން ތުހުމަތުކުރި މީހުންނާ މަސްތުވާތަކެއްޗާ ގުޅުވޭނެ ގޮތެއް ނެތީ ކަމަށް ވަނީ ބުނެފަ އެވެ.
ދެން އަނެއްކާވެސް އޮތީ، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި "ހޭކިފައިވާ" ބަޔަކު މި މައްސަލައިގެ ޕްރޮސިކިއުޓަރުންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައި އެބަ ތިބި ތޯ އާންމުން އުފައްދާނެ ސުވާލެވެ. އެފަދަ މީހަކު ހިމެނޭ ނަމަ އަނެއްކާވެސް އިތުރު ޝައްކު އުފެދޭނެ އެވެ. މިއީ ގުޅިގެން ހިންގާ ޖަރީމާ ކިޔާ ކިޔުން ކުރިއަށް ދާނެ އެވެ.
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޖަލަށްލުމުން ގެޔަށް؛ ފަނޑިޔާރު އެއްސެވީ ޑްރާމާއެއްތޯ!
ގާނޫނާ ހެދި 8 ޑްރަގަކާ މެދު ފިޔަވަޅެއް ނޭޅޭ
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ތިން ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ މީހާ އުމުރަށް ޖަލަށް
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް