Roadha Mihaaru
އެމްޕީއެލް ބަސްތަކުން 4 މިލިިއަން މީހުން ދަތުރުކޮށްފި

އެމްޕީއެލް ބަސްތަކުން 4 މިލިިއަން މީހުން ދަތުރުކޮށްފި

30 ޖޫން 2021

އެމްޕީއެލް އިން މާލެ ސަރަހައްދުގައި ހިންގާ ބަހުގެ ހިދުމަތް މިދިޔަ ތިން އަހަރުގެ ތެރޭ 4 މިލިއަން މީހުން ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން މާލެ ސަރަހައްދުގައި ހިންގާ ބަހުގެ ހިދުމަތް މިދިޔަ ތިން އަހަރުގެ ތެރޭ 4 މިލިއަން މީހުން ހޯދައިފި އެވެ.

އެމްޕީއެލް އިން ބުނީ މިދިޔަ ތިން އަހަރު ތެރޭ ދަތުރުތަކަށް ފީ ދައްކައިގެން ތިން މިލިއަން މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސްކޫލު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ފަސް ލައްކަ މީހުން ދަތުރުކުރި އެވެ. ބަހުގެ ހިދުމަތް މާލެ އާއި ހުޅުމާލެ އާއި އެއާޕޯޓާއި މާލެ އާއި ހުޅުމާލެއާ ދެމެދުގައި ވެސް ބަހުގެ ހިދުމަތްދެ އެވެ.

އެމްޕީއެލްއަށް މިދިޔަ ތިން އަހަރުން ބަހުގެ ހިދުމަތުން 34 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް 84 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެމްޕީއެލް އިން ކޮންމެ ދުވަހަކު ބަހުގެ ހިދުމަތް ދިނުމަށް ފަހު ހުރިހާ ބަސްތަކެއް ދޮވެ، މެއިންޓެނެންސް ޗެކްކުރެ އެވެ.

އެމްޕީއެލްގައި 22 ބަސް އޮތް އިރު 90 އަށް ވުރެ ގިނަ މުވައްޒަފުން ބަހުގެ ހިދުމަތް ދިނުމުގައި އުޅެ އެވެ. މާދަމާއިން ފެށިގެން އެމްޕީއެލްގެ ބަސް ހިދުމަތްދޭ ޑިޕާޓްމަންޓް އުވާލައި ބަހުގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކުރާނެ އެވެ.

އެމްޓީސީސީއާ ބަހުގެ ހިދުމަތް ހަވާލުކުރި ނަމަވެސް ކުރިއަށް އޮތް ދެ މަސް ދުވަހު ބަހުގެ ހިދުމަތް އެއްކޮށް ބަދަލުކުރާނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ.

ބަސް ދަތުރުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން އޭރު ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންނަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.