Roadha Mihaaru
އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ދެއްކުމުގައި ލުއިތަކެއް

އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ދެއްކުމުގައި ލުއިތަކެއް

26 ޖޫން 2021

ޓެކްސް ދައްކާ ފަރާތްތަކަށް، ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކަށް ރިއާޔަތްކޮށް، އިންސްޓޯލްމަންޓް އުސޫލުން މީރާ އަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުޔެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓެކްސް ދައްކާ ފަރާތްތަކަށް، ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކަށް ރިއާޔަތްކޮށް، އިންސްޓޯލްމަންޓް އުސޫލުން މީރާ އަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުޔެއް ދީފި އެވެ.

އެ އިދާރާ އިން މިހާރު ވަނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް އިތުރަށް ކުޑަކޮށްފަ އެވެ. ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ 50 ޕަސެންޓް މިހާތަނަށް ނަގަމުން އައި ނަމަވެސް އެ އަދަދު މިހާރު ވަނީ 5-10 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

މީގެ އިތުރުން އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތު ވެސް މިހާރު ވަނީ ކުޑަކޮށްދީފަ އެވެ. އެހެންވެ، ޓެކްސް އިދާރާ އިން މިހާރު ހަމަޖައްސާފައިވާ ގޮތުން ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ބަހައިލެވޭނެ އެވެ.

މީރާ އިން ބުނިގޮތުގައި، މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ފަންތި އާއި އެ ފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީ އަށް ބަދަލު އައިސްފައިވާ ވަރަށް ބަލައިގެންނެވެ.

މި ހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތަސް، އެ ބަދަލުކުރަން އެދިއްޖެ ނަމަ އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް މީރާ އިން ވަނީ ދީފަ އެވެ. އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާ ނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެއްބަސްވުން އަލުން ޝެޑިއުލް ވެސް ކޮށްދޭނެ ކަމަށް މީރާ އިން ބުނެ އެވެ.

އެ އިދާރާ އިން ބުނީ ޓެކްސްއާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާ ނަމަ، އެ ފަރާތުން ނުދައްކައި ހުރި ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމުން ޖޫރިމަނާ މާފުވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އެކި ދާއިރާތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ އިރު މީރާ އިން ޓެކްސް ދެއްކުމުގައި ދިން ލުއިތަކުން އެފަދަ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ. މިގޮތަށް ލުއިތައް ދިނުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރަށް ލުއި ދިނުމަށް އެ އިދާރާއިން ވަނީ ނިންމައިފަ އެވެ.