Roadha Mihaaru
ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ތަޅުދަނޑި ދޭނެ

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ތަޅުދަނޑި ވެސް ހަވާލުކުރާނެ

24 ޖޫން 2021

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ފްލެޓުގެ ވެރި ފަރާތަށް ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ފްލެޓުގެ ވެރި ފަރާތަށް ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެގްރީމަންޓްގައި ސޮއިކުރާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ދުވަހު ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރި ނަމަވެސް އެ ތަންތަނުގެ ކަރަންޓުގެ މަސައްކަތް އެ ދުވަހާ ހަމައަށް ނިމޭނެ ކަމަށް ނުބެލެވޭ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އެ މަސައްކަތް ލަސްވެފައި ވަނީ ފްލެޓް އަޅަން ހަވާލުކުރި ކުންފުނި، ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންއާ ހަވާލުކޮށްގެން ކަރަންޓުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ފްލެޓް އެޅުމުގެ މަސައްކަތް ކުރާ ޗައިނާ ކުންފުނިން، ކަރަންޓު ދިނުމަށް ބޭނުންވާ ޓްރާންސްފޯމާ ރާއްޖެ އަށް މިހާރު ވަނީ ގެނެސްފަ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރުން ހުއްޓާލާފައިވާތީ ޓްރާންސްފޯމާ އިންސްޓޯލްކުރަން ޗައިނާ އިން އަންނަ މީހުންނަށް ނާދެވުނެވެ.

ސްޓެލްކޯ އިން އޮތީ ފްލެޓްތަކަށް ކަރަންޓު ގުޅުމުގެ މަސައްކަތްކޮށްދޭން ތައްޔާރަށް ނަމަވެސް އެހެން ކުންފުންޏަކާ ހަވާލުކުރުމުން އެއްބަސްވުމުގެ ވޮރެންޓީ ގެއްލެ އެވެ. އެހެންވެ، މައްސަލަ އަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެ 14 ވަނަ ދުވަހު ހަވާލުކުރުމަށް ތައްޔާރުވަމުން އަންނައިރު އެތަނުގެ ފިނިޝިން މަސައްކަތް ނިންމަން ޖެހެނީ އަމިއްލަ ހަރަދުގަ އެވެ. އެ މަސައްކަތް ކުރުމަށް ސަރުކާރުން ދޭން ނިންމީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަހެވެ. އެކަމަކު ސުހައިލް ވިދާޅުވީ، އެ ދުވަހާ ހަމަށް ކަރަންޓުގެ މަސައްކަތް ނުނިމިއްޖެ ނަމަ، ކަރަންޓު ގުޅައި ނިމޭ ތާރީހުން ފެށިގެން ތިން މަސް ދުވަސް ލިބޭނެ ކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމާ އެކު އެހެން މަސައްކަތްތައް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.