Roadha Mihaaru
ހާހެއްހާ އާއިލާއާ އެކު ހިޔާގެ އާބާދީ 5،000 އަށް

ހާހެއްހާ އާއިލާއާ އެކު ހިޔާ ފްލެޓްތަކުގެ އާބާދީ 5،000 އަށް

25 ނޮވެމްބަރ 2021

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި މިހާރު 5،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި މިހާރު 5،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބުނީ ސެޕްޓެމްބަރު މަހު ފްލެޓްތަކުގައި މީހުން އުޅެންފެށި ފަހުން މިހާރު ހާހެއްހާ އާއިލާ ދިރިއުޅެން ފަށާފައިވާ ކަމަށާއި މިއިން ކޮންމެ އާއިލާއެއްގައި އެވްރެޖްކޮށް ފަސް މީހުން އުޅޭނެ ކަމަށެވެ.

ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި މީހުން އުޅެން ފެށުމުން 35،000 އަށް ވުރެ ގިނަ މީހުން އެތަނުގައި އުޅޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމަކު މި ފްލެޓްތަކަކީ އެއްކޮށް ނިންމާފައި ހުރި ތަންތަނަށް ނުވާތީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމައިގެން ނޫނީ ދިރިއުޅެން ނުފެށޭނެތީ އަދިވެސް ގިނަ ބަޔަކު އެތަނުގައި އުޅޭކަށް ނުފަށަ އެވެ.

ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދިން މުއްދަތުގައި އެ ތަނުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު މި މުއްދަތުގައި އެތަނުން އެއްވެސް ކުއްޔެއް ނުނަގާނެ އެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަން ސަރުކާރުން ނިންމި ނަމަވެސް ފިނިޝިން އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނުނިމިއްޖެ ނަމަ މުއްދަތު އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޑީސީން ރައްޔިތުންގެ މަޖިލީހުގައި ވަނީ ބުނެފަ އެވެ.

މިހާރު ހުޅުމާލޭ ފޭސް ދޭއްގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާތީ އެޗްޑީސީން އަންނަނީ ޖެނުއަރީ މަހުގެ ކުރިން އެ ސަރަހައްދުގެ މަގުތައް ހަދައި އަލިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ވެސް އަވަހަށް ނިންމުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކަށް ބާރު އަޅަމުން އަންނަ ކަމަށް އެޗްޑީސީން ބުނެ އެވެ.