Roadha Mihaaru
"އިންޑިއާ ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން"

ގުރުއާން/އަރަބި ކިޔަވައިދޭން އިންޑިއާގެ ޓީޗަރުން ގެނައީ ދިވެހިން ނުލިބިގެން: މިނިސްޓްރީ

22 ޖޫން 2021

ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، އިންޑިއާގެ ކެރެލާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ދިވެހި ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔާ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ވަޒީފާ ނުލިބިގެން ދިވެހި ގުރުއާން ޓީޗަރުން އުޅޭއިރު، އެ ފުރުސަތު ދިވެހިންނަށް ނުދީ އިންޑިއާގެ ޓީޗަރުންނަށް ދޭން ނިންމި މައްސަލަ އެވެ.

އެ މައްސަލައިގައި ސަރުކާރު "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އަރަބި ކިޔަވަައިދޭނެ ފަސް ޓީޗަރަކާއި ގުރުއާން ކިޔަވައިދޭނެ ފަސް ޓީޗަރަކު ވެސް އިންޑިއާ އިން ގެނެސްފައިވާ ކަމަށާއި އެ މީހުން އަންނަނީ ނުވަ ސްކޫލެއްގައި ކިޔަވައިދެމުން ކަމަށެވެ. އެ މިނިސްޓްރީން ބުނާގޮތުގައި އެ 10 ޓީޗަރުން ރެކްރޫޓް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

ގުރުއާނާއި އަރަބި ކިޔަވައިދޭނެ ޓީޗަރުން ހޯދަން އިއުލާނު ނުކޮށްގެން ނުލިބުމުން، އެކި ގައުމުތަކުގެ ހައި ކޮމިޝަންތަކުގައި ޓީޗަރުން ހޯދުމަށް އެދުނު ކަމަށް މިނިސްޓްރީންް ބުނެ އެވެ. އެ އެދުމާ އެކު، އެ ޓީޗަރުން ރެކްރޫޓްކުރީ އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން، އެ ގައުމުގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިއާގެ ރެކްރޫޓުމެންޓް އެޖެންސީ، "ނޯކާ ރޫޓްސް" މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

"މި ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާ އިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެއްކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ ވަނީ މަސައްކަތް ކުރެވިފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

"ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފަ އެވެ."

ގުރުއާނާއި އަރަބި ކިޔަވައިދޭނެ ބިދޭސީ ޓީޗަރުން ހޯދުި ނަމަވެސް އެ މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

"އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ އެވެ،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.