Roadha Mihaaru
ގުރުއާން/އަރަބި ކިޔަވައިދޭނެ މީހުން އިންޑިއާއިން

ރާއްޖޭގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެނެސްފި

21 ޖޫން 2021

އިންޑިއާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓްކޮށްފި އެވެ.

"ދަ ހިންދޫ" ގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ކެރަލާ ސްޓޭޓުން މި ޓީޗަރުން އައިސްފައި ވަނީ އެ ގައުމުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ޓީޗަރުން ވެސް ރާއްޖެ ގެނެސްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ، އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ "ނޮރްކާ ރޫޓްސް" އާ ހަވާލު ކޮށްގެންނެވެ.

މި ޓީޗަރުން ފޮނުވާފައި ވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވެގެން ކަމަށް ވެސް "ދަ ހިންދޫ" ގައި ވެ އެވެ.

ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކަށް ނަރުހުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ހެލްތު މިނިސްޓްރީން ބޭނުންވެގެން ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކަށް ބޭނުންވާ 400 ސިއްހީ ހިދުމަތްތެރިން ވެސް ހޯދަމުން އަންނަ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.

"މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ މަސައްކަތުގެ ދަށުން ފެއްޓެވި މަސައްކަތެއް. މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެއްޖެ،" ދަ ހިންދޫ އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނާ ރޯހިތު ރަތީޝް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބޭނުންވަނީ 100 މެޑިކަލް އޮފިސަރުންނާއި 150 ރެޖިސްޑާޓް ނަރުހުންނާއި 100 ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. މި ސިއްހީ ހިދުމަތްތެރިންނާ އެކު ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ދަތި ކަމަށް ހައްލެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ މުސާރައެއް ގޮތުގައި ކަނޑައަޅާފައި ވަނީ އެލަވަންސްތަކާ ނުލައި، މަހަކު 45،319ރ. އެވެ. މެޑިކަލް އޮފިސަރުންނާއި ޑެންޓިސްޓުންނަށް މަހަކު 23،345ރ. ކަނޑައަޅާފައިވާ އިރު، ނަރުހުންގެ މުސާރައަކީ 14،417 ރ. އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމާއި އުމުރުން 50 އަހަރުން ދަށްވުން ހިމެނެ އެވެ. އެކަމަށް ޝައުގުވެރިވާ މީހުން މި މަހުގެ 15 ގެ ކުރިން ހުށަހަޅަން އޮތީ އެދިފަ އެވެ. އަދި ވަރަށް އަވަހަށް އިންޓަވިއުތައް ފަށާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.