Roadha Mihaaru
މަހްލޫފުގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލާ: ޕީޖީ

މަހްލޫފުގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލާ، އެންގީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން: ޕީޖީ އޮފީސް

19 ޖޫން 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އަނބުރާ ނުފޮނުވާ ކަމަށާއި އެދުނީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އަނބުރާ ނުފޮނުވާ ކަމަށާއި އެދުނީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ، މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ 9 ގައި އޭސީސީން ފޮނުވުމާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ "ޑިއުޓީ ޕްރޮސެކިއުޝަން" މަރުހަލާ ކަމަށެވެ.

އެހެންވެ، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ބައެއް ކަންކަން ސާފުކޮށްދިނުމަށް އޭސީސީގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އެކަމަކު، އަދިވެސް އެ ކަންކަން ސާފުކޮށްދީފައި ނުވާތީ، އެ މައުލޫމާތުތައް ފޮނުވައި ދިނުމަށް ދެވަނަ ފަހަރަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ [ޕީޖީ އޮފީހުގައި] ބާއްވާފައި އަޅުގަނޑުމެން އެދުނީ ބައެއް ލިޔުންތައް ހުށަހަޅައި ދޭން. އެއީ އިތުރު ހެކިތަކެއްގެ ލިޔުންތަކެއް. އެ ލިޔުންތައް ލިބުނީމާ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ،" ޝަފީއު ވިދާޅުވި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނީ، އެ ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރޭގައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާ ކަން ފާހަގަކުރެވޭތީ ކަމަށް އޭސީސީން ބުނެފައި ވެ އެވެ.

އެ ކޮމިޝަނުން ބުނެފައި ވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތްއިރު އެ ވޯޓަށް ފަހު އަހުމަދު އަދީބު އަބްދުލްޣަފޫރުއާ އަހުމަދު މަހުލޫފު އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދިފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ،" މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ވެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރެފައިވާއިރު، އޭގައި މަހުލޫފުގެ މުއާމަލާތް ވެސް ހިމެނުނެވެ. އެހެންވެ، އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި އޭނާ ވަޒީރުކަމުން ސަސްޕެންޑުކުރި އެވެ. އެ ކޮމިޝަންގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަން އުވައިލީ އޭގެ ދެ މަސް ފަހުން އޭޕްރީލް 16 ގަ އެވެ.

މައްސަލަ ނިންމައި، މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ފޮނުވުމާ ގުޅިގެން މި މަހުގެ 9 އިން ފެށިގެން އަނެއްކާވެސް އޭނާ ހުންނެވީ ވަޒީރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.

މަހުލޫފު ކުރިން ވިދާޅުވީ އެސްއޯއެފާއެކު ހިނގީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެކަމަކު ތަހުގީގަށް ފަހު، އޭސީސީން ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓު ރިސީވްޑް" ލިޔުމެއް މަހުލޫފުގެ ފަރާތުން ހުށަހެޅިއަސް އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ.

"މިއީ އަހުމަދު އަދީބު ކިބައިން ރިޝްވަރުގެ ގޮތުގައި އަހުމަދު މަހުލޫފު ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ. ހާފްސީ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެވެ،" އޭސީސީން ބުނެފައި ވެ އެވެ.

މަހްލޫފު ވިދާޅުވީ، އޭނާއާ މެދު އަމަލުކުރަނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވުމާ ގުޅިގެން ފުރަތަަމަ ފަހަރަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ ފެށުނީއްސުރެ އޭނާއާ މެދު އަމަލުކުރަނީ ޒާތީކޮށް ކަމަށެވެ.

"ފެށުނީއްސުރެ ވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އަޅުގަނޑާ މެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެ ކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން،" މަހްލޫފު ވިދާޅުވެފައި ވެ އެވެ.

"ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓުދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއް. ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް."

މަހްލޫފް ވިދާޅުވެފައި ވަނީ އެ މައްސަލައިގައި އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ނުލިބޭނެ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފުވާ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.