Roadha Mihaaru
ރާއްޖޭގެ ގޭމަކަށް އެޕިކް ގޭމްސް އިން މާލީ އެހީ

ފޯޓްނައިޓް އުފެއްދި އެޕިކް ގޭމްސްގެ މާލީ އެހީ ރާއްޖޭގެ ގޭމަކަށް

14 ޖޫން 2021

ރާއްޖޭގައި ވީޑިއޯ ގޭމް އުފައްދަން މަސައްކަތް ފަށައި "ތަކުރު ވޯސް" ގެ ނަމުގައި މިހާރު ގޭމެއް ނެރެފައިވާ ކުންފުނި އާސިލްސް އަށް އެމެރިކާގެ މަޝްހޫރު ގޭމް ކުންފުނި އެފިކް ގޭމްސް އިން މާލީ އެހީ ލިބޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި ވީޑިއޯ ގޭމް އުފައްދަން މަސައްކަތް ފަށައި "ތަކުރު ވޯސް" ގެ ނަމުގައި މިހާރު ގޭމެއް ނެރެފައިވާ ކުންފުނި އާސިލްސް އަށް އެމެރިކާގެ މަޝްހޫރު ގޭމް ކުންފުނި އެފިކް ގޭމްސް އިން މާލީ އެހީ ލިބޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ މަޝްހޫރު ގޭމް "ފޯޓްނައިޓް" ގެނެސްދިން އެޕިކް ގޭމްސް އިން ކްރިއޭޓިވިޓީ ދަައްކުވައިދޭ ވިޝުއަލް ކޮންޓެންޓްތަކަށް ހާއްސަކޮށްގެން އުފައްދާ ތަކެއްޗަށް ހާއްސަ ގްރާންޓް ޕްރޮގްރާމަކުން ލިބުނު އެހީއެކެވެ. އާސިލްސް އިން އެކަމަށް ކުރިމަތިލުމުން މިހާރު ވަނީ އެޕިކް މެގަ ގްރާންޓް ޕްރޮގްރާމްގެ ދަށުން ގްރާންޓް ލިބޭނެކަން ކަށަވަރުވެފަ އެވެ. އެ ކުންފުނިން އެ ވާހަކަ ޓްވިޓާގައި އާންމުކޮށްފައިވެ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދިވެހި ކުންފުނި ދިރާގުގެ ވެސް ބައިވެރިވުމާ އެކު އާސިލްސް އިން އުފައްދާފައިވާ ގޭމް "ތަކުރު ވޯސް" އެޕިކްގެ ގްރާންޓް ލިބޭނެކަން ކަށަވަރުވެފައިވާ އިރު، އެ ކުންފުނީގެ އެ ޕްރޮގްރާމް ދަށުން މާލީ އެހީ ދެނީ ޑިވްލޮޕްކުރާ ގޭމް ފަދަ ކްރިއޭޓިވް އުފެއްދުންތަކަށް ކުރާ މަސައްކަތްތަކަށް ބަލައިފަ އެވެ. އެގޮތުން 5،000-500،000 ޑޮލަރާ ދޭތެރޭ އަދަދުތަކުން ގްރާންޓް ދޭނެ އެވެ.

އެ ޕްރޮގްރާމަށް އެޕިކުން ހަމަޖައްސާފައި ވަނީ 100 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ.

އާސިލްސް އިން ބުނެފައިވާ ގޮތުގައި އެޕިކްގެ މެގަ ގްރާންޓް ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނެކަން ކަށަވަރުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބިއަކާއި ކުރިއެރުމެކެވެ. އެތަނުން ބުނެފައިވާ ގޮތުގައި މިކަން ކާމިޔާބުވީ މުޅި ޓީމްގެ މިންނެއް ބުރަ މަސައްކަތުގެ ސަބަބުންނެވެ. އާސިލްސްގެ މެނޭޖިން ޑިރެކްޓަރަކީ ހުސައިން ޝާފިއު އެވެ. އޭނާ އަކީ އެ ކުންފުނީގެ އެއް ބާނީ އެވެ.

އާސިލްސްގެ "ތަކުރު ވޯސް" ގެ ދިވެހިންގެ ކުރީގެ ދިރިއުޅުމާއި އާދަކާދަތައް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިޗާ ގޭމެކެވެ. މީގެ މަސައްކަތް ފުރަތަމަ ފެށީ 2019 ގަ އެވެ. އަދި ގޭމްގެ ފުރަތަމަ ވާޝަން ނެރުނީ މިދިޔަ އަހަރުގެ ޖޫންގަ އެވެ. "ތަކުރު ވޯސް" އިތުރަށް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ އިރު އެޕިކުން ލިބުނު އެހީ ބޭނުން ކުރާނީ އެކަމަށެވެ.

މި ގޭމަކީ އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭ ގޮތަށް އޮތް ގޭމެކެވެ.