Roadha Mihaaru
ވީޑިއޯގޭމް ކުޅޭ މީހުންނަށް މި ފަހަރު ގޮނޑިއެއް

ވީޑިއޯގޭމް ކުޅޭ މީހުންނަށް މި ފަހަރު ހާއްސަ ގޮނޑިއެއް

16 ސެޕްޓެމްބަރ 2020

ވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ އުފެއްދުންތައް އިތުރުވަނީ އެވެ. ބޭނުމަކީ ޕަފޯމަންސް އިތުރުކޮށްދިނުމެވެ. އެގޮތުން މިދިޔަ ހަފުތާގައި ވަނީ ވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ޗުވިންގަމެއް ނެރެފައި ވާއިރު، ގޭމް ކުޅޭ މީހުންނަށާ ހާއްސަ ބޫޓެއް ވެސް މި އަހަރުގެ ކުރީކޮޅު ނެރެފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ އުފެއްދުންތައް އިތުރުވަނީ އެވެ. ބޭނުމަކީ ޕަފޯމަންސް އިތުރުކޮށްދިނުމެވެ. އެގޮތުން މިދިޔަ ހަފުތާގައި ވަނީ ވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ޗުވިންގަމެއް ނެރެފައި ވާއިރު، ގޭމް ކުޅޭ މީހުންނަށާ ހާއްސަ ބޫޓެއް ވެސް މި އަހަރުގެ ކުރީކޮޅު ނެރެފައިވެ އެވެ.

މި ލިސްޓަށް މިހާރު އިތުރުވީ ގޮނޑިއެކެވެ. މި ގޮނޑި އުފައްދާފައި ވަނީވީޑިއޯގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން "އެރޯން" ސީރީޒްގެ ގޮނޑި ވެސް ނެރުނު އެމެރިކާގެ ކުންފުނި ހާމަން މިލާއިންނެވެ.

އެތަނުން އަލަށް ނެރުނު ގޮނޑި އަކީ "8ޒީ ޕެލިކަލް" އެވެ. މި ގޮނޑީގެ ފަރުމާ އަށް ބަލާ އިރު ބަލާލުމަށް ކުރީގެ ގޮނޑިތަކާ ޑިޒައިނުގެ ގޮތުން މާ ބޮޑު ފަރަގެއް ނެތަސް ގޮނޑީގައި ބޭނުންކޮށްފައިވާ މެޓީރިއަލްތަކާއި ބޭނުންކޮށްފައިވާ އުކުޅުތަކަކީ ގޭމް ކުޅެން ގިނަ އިރުތަކެއް ވަންދެން އިށީނދެގެން އިންނާތީ އެކަމަށް ފަސޭހަކޮށްދޭނެ ގޮތްތަކަށް އިސްކަން ދީގެން ފަރުމާކޮށްފައިވާ ގޮނޑިއެކެވެ. އެގޮތުން ގޭމްކުޅެން ބޭނުން ކުރާ ޑިވައިސްގެ ސްކްރީނަށް ފަސޭހައިން ގާތްވެވި، ދުރުވެވި އަދި ހަށިގަނޑަށް އަންނަ ހަރަކާތްތައް ފަސޭހަކޮށްދޭން "8ޒީ ޕެލިކަލް" މާ ބޮޑަށް ވެސް ރަނގަޅުވާނެ އެވެ.

މީގެ އިތުރުން އިށީނދެގެން އިންނަ އިރު ދާހިއްލާ ނަމަ އެކަން ކޮންޓްރޯލްކޮށްދީ އަދި ގޮނޑީގެ ފަހަތު ބައިގައި ލެގިލައިގެން އިންނަ އިރު ހަށިގަނޑުން ވައި ދައުރުވެ، ނޭވާލާން ވެސް ފަސޭހަކޮށް ދޭނެ އެވެ. މި ގޮނޑި މަސައްކަތްކުރާ ގޮތުގެ ޑެމޯތަކެއް ހާމަން މިލާ އިން އިންސްޓަގްރާމްގައި ވެސް ހިމަނާފައިވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި "8ޒީ ޕެލިކަލް" އެކި ސައިޒްގެ މީހުންނަށް ހެޔޮވަރުކޮށް ލިބޭނެ އެވެ. އަގަކީ 1،145 ޑޮލަރެވެ. މި ވަގުތު ގޮނޑި ގަނެވޭނީ ހާމަން މިލާންގެ ވެބްސައިޓުންނެވެ.

"އެރޯން" ސީރީޒްގެ ގޮނޑި އެންމެ ފުރަތަމަ އޮފީސް މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ނެރުނީ 1994 ގަ އެވެ. މި ގޮނޑީގެ ފަރުމާގެ މޭސްތިރި އަކީ ޑޮން ޗާޑްވިކެވެ.