Roadha Mihaaru
ޔޫބީސޮފްޓްގެ "އެވަޓާ" ގެ ގޭމް ޓްރެއިލާ ދައްކާލައިފި

ޔޫބީސޮފްޓްގެ "އެވަޓާ" ގެ ގޭމް ޓްރެއިލާ ދައްކާލައިފި

14 ޖޫން 2021

ބެލުންތެރިން އެ ފިލްމެއްގެ ޖާދޫގައި ޖެހުނު ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވަޓާ" އިން ދައްކުވައިދިން ޕެންޑޯރާ ދުނިޔެ އާއި އެތަނުގައި ދިރިއުޅޭ، އިންސާނުންނާ ވައްތަރު އާދަޔާހިލާފު މަހުލޫގުން ހިމެނޭ ގޮތަށް ފްރާސްގެ ގޭމް ކުންފުނި ޔޫބީސޮފްޓުން ތަރައްގީ ކުރަމުން އަންނަ ވީޑިއޯ ގޭމް "އެވަޓާ: ފްރޮންޓިއާޒް އޮފް ޕެންޑޯރާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިން އެ ފިލްމެއްގެ ޖާދޫގައި ޖެހުނު ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވަޓާ" އިން ދައްކުވައިދިން ޕެންޑޯރާ ދުނިޔެ އާއި އެތަނުގައި ދިރިއުޅޭ، އިންސާނުންނާ ވައްތަރު އާދަޔާހިލާފު މަހުލޫގުން ހިމެނޭ ގޮތަށް ފްރާސްގެ ގޭމް ކުންފުނި ޔޫބީސޮފްޓުން ތަރައްގީ ކުރަމުން އަންނަ ވީޑިއޯ ގޭމް "އެވަޓާ: ފްރޮންޓިއާޒް އޮފް ޕެންޑޯރާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެ ދައްކާލީ މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ގޭމް ކޮންފަރެންސް "އީ3" ގަ އެވެ. މިދިޔަ އަހަރު ކޮވިޑާ ހެދި އެ އިވެންޓް ކެންސަލްކުރުމަށް ފަހު، މި މަހުގެ 12-15 އަށް އެމެރިކާގެ ލޮސް އެންޖެލިސްގައި ކުރިއަށްދާ ކޮންފަރެންސްގައި ގޭމްގެ ޓްރެއިލާ ދައްކާލުމާ އެކު އެތައް ބައެއްގެ ސަމާލުކަން އެއަށް ލިބިފައިވެ އެވެ.

ޔޫބީސޮފްޓުން ބުނި ގޮތުގައި "އެވަޓާ: ފްރޮންޓިއާޒް އޮފް ޕެންޑޯރާ" ތަރައްގީކުރަނީ ގޭމް އުފައްދާ އިނގިރޭސި ކުންފުނި މެސިވްއާ ގުޅިގެން، އެކަމަކު ޔޫބީސޮފްޓްގެ އަމިއްލަ ސްނޯޑްރޮޕް އިންޖީން ބޭނުންކޮށްގެންނެވެ.

"އެވަޓާ ފިލްމުން ނުފެންނަ ޕެންޑޯރާ ދުނިޔޭގެ މުޅިން އާ މާހައުލެއްގެ ތެރެއަށް ގޭމްގެ ތެރެއިން ކުޅުންތެރިން ގެންގޮސްދީ އާދަޔާހިލާފު އެތައް ކަމެއް މީގެ ތެރެއިން ތަޖުރިބާކޮށްލެވޭނެ،" އެ ކުންފުނިން ބުންޏެވެ. "މީގެ އެންމެ ހިތްގައިމު ކަމަކަށް ވާނީ ކުޅުންތެރިން ހަމަ ސީދާ އޭގެ ކެރެކްޓާތަކާ އެކީގައި ޕެންޑޯރާގައި އުޅެވޭކަމުގެ އިހުސާސްކޮށް ދިނުން."

ޔޫބީސޮފްޓުން ބުނީ ގޭމް ތަރައްގީކުރަނީ އާ ޖީލުގެ ހާޑްވެއާ ސިކުނޑީގައި ބައިންދައިގެން ކަމަށްވާތީ މި ގޭމަކީ ވަރަށް ބޮޑު ތަފާތެއް ވެސް ގެނުވައިދޭނެ އެއްޗެއް ކަމަށެވެ.

"އެވަޓާ: ފްރޮންޓިއާޒް އޮފް ޕެންޑޯރާ" ނެރެން ނިންމާފައި ވަނީ ޕްލޭސްޓޭޝަން 5 އާއި އެކްސްބޮކްސް ސީރީޒް އެކްސް/އެސްގެ އިތުރުން ކްލައުޑް ސާވިސްގެ ތެރެއިން ގޫގުލް ސްޓާޑިއާ އާއި އެމެޒޯން ލޫނާގައި ވެސް ކުޅެވޭނެ ގޮތަށެވެ. އެކަމަކު ގޭމް ނެރޭނެ އިރަކާއި މިއާ ބެހޭ އިތުރު މާ ގިނަ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

ޔޫބީސޮފްޓުން އަންނަނީ "ސްޓާ ވޯސް" ގެ ގޭމެއް ވެސް ތަފާތު ގޮތަކަށް މަސައްކަތްކުރަމުންނެވެ.

"އެވަޓާ: ފްރޮންޓިއާޒް އޮފް ޕެންޑޯރާ" ވީޑިއޯ ގޭމް ގެނެސްދޭން މަސައްކަތްކުރާ އިރު މި ގޭމްގެ ހިޔާލު އުފަންވި "އެވެޓާ" ފިލްމަކީ 2009 ގައި ރިލީޒްކުރި ފިލްމެކެވެ. އަދި އެ ފިލްމަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް ވެސް އޮތް ފިލްމެކެވެ.

ކެމެރޮން މިހާރު އަންނަނީ "އެވަޓާ" ގެ އިތުރު ހަތަރު ފިލްމެއް ގެނެސްދޭން މަަސައްކަތްކުރަމުންނެވެ. ސީކްއެލްގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 16، 2022 ގަ އެވެ.