Roadha Mihaaru
އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ޗަމްޕީ އަށް

އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ޗަމްޕީ އަށް

10 ޖޫން 2021

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) އިންތިހާބު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) އިންތިހާބު ކޮށްފި އެވެ.

ހެންވޭރު ދަނޑުގައި މިއަދު ބޭއްވި އެމްއޯސީގެ އިންތިހާބުގައި، ރައީސް ކަމަށް ކުރިމަތިލެއްވި ތިން ކެނޑިޑޭޓުންގެ ތެރެއިން ފަހު ވަގުތު ވާދަވެރި ކުރެއްވީ، ޗަމްޕީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ. ރައީސް ކަމަށް ކުރިމަތިލެއްވި، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު ރޭ ވަނީ ނަން އަނބުރައި ގެންދަވައިފަ އެވެ.

ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި ފަސް ކެނޑިޑޭޓުންގެ ތެރެއިން، އަލީ އުމަރާއި މޫސަ ވަނީ ނަން އަނބުރައި ގެންދަވައިފަ އެވެ. އެހެންވެ އިންތިހާބުގައި ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވީ، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އާއި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު އިސްމާއީލް އެވެ.

ދެ ނައިބު ރައީސުން ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރެއްވީ، ތޮލާލް އާއި އަހްމަދެވެ.

އެކްސްކޯގެ އޮލިމްޕިކް ސްޕޯޓްސް ކެޓެގެރީ އަށް ކުރިމަތިލި 10 އެސޯސިއޭޝަންގެ ތެރެއިން އިންތިހާބު ކުރި ހަ އެސޯސިއޭޝަނަކީ، ބެޑްމިންޓަން އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، ޓީޓީ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝަން، ވޯލީބޯލް އެސޯސިއޭޝަނެވެ. އެ ކެޓެގަރީގައި ނުހޮވުނު ހަތަރު އެސޯސިއޭޝަނަކީ، ފުޓްބޯޅަ، ހޭންޑްބޯލް، އެތުލެޓިކްސް އަދި ސްވިމިންނެވެ.

ނޯން އޮލިމްޕިކް ސްޕޯޓްސް ކެޓެގަރީ އަށް ހަތަރު އެސޯސިއޭޝަނުން ކުރިމަތިލި އެވެ. އެއީ ކްރިކެޓް ބޯޑް، ޗެސް އެސޯސިއޭޝަން، ބޮޑީ ބިއުލްޑިން އަދި މޯލްޑިވްސް ޕޫލް ބިލިއަޑް އެވެ. އެ ކެޓަގަރީގައި ހޮވުމަށް ހަމަޖެހިފައިވަނީ ދެ އެސޯސިއޭޝަނެކެވެ. އެ މަގާމަށް ހޮވުނީ، ބޯޑީ ބިޔުލްޑިން އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަނެވެ.

އެކްސްކޯގެ އަންހެން މެންބަރު ކަމަށް ދެ މެންބަރުން ހޮވަން ހަމަޖެހިފައިވާއިރު އެ މަގާމަށް ކުރިމަތިލީ ނެޓްބޯލް އެސޯސިއޭޝަން އެކަންޏެވެ. އެހެންވެ އެ އެސޯސިއޭޝަން ވަނީ އެ މަގާމަށް ހޮވިފަ އެވެ.

ރައީސް ކަމަށް އިންތިހާބުވި ޗަމްޕީ އަކީ، އެމްއޯސީގެ ކުރީގެ ނައިބު ރައީސެވެ. އޭނާ އަކީ އެމްއޯސީ އަށް އިންތިހާބުވި ތިން ވަނަ ރައީސް އެވެ. އެމްއޯސީގެ ފުރަތަމަ ރައީސް އަކީ ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއީލް އެވެ. އޭގެ ފަހުން މިދިޔަ ދެ ދައުރުގައި ރައީސްކަން ކުރެއްވީ މުހައްމަދު ޝަވީދު އެވެ.

ކުރިން އޮންނަ ގޮތުން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ ކަމަށާއި ހަޒާންދާރު ކަމަށް ވެސް މީހަކު ހޮވަނީ އިންތިހާބު ކޮށްގެންނެވެ. މިފަހަރުގެ އިންތިހާބަށް ފަހު ޖެނަރަލް ސެކެޓްރީ ކަމަށާއި ހަޒާންދާރުގެ މަގާމަށް މީހުން އައްޔަން ކުރާނީ އެކްސްކޯއިން ފާސްކޮށްގެންނެވެ. ނިމިދިޔަ ދައުރުގެ ޖެނަރަލް ސެކެޓްރީ އަކީ އަހްމަދު މަރުޒޫގެވެ. ހަޒާންދާރަކީ ހުސައިން ރަޝީދެވެ.

އަލީ އުމަރު ނަން އަނބުރައި ގެންދެވުމުންނާއި، އޮލިމްޕިކް ސްޕޯޓްސް ކެޓެގެރީން އެފްއޭއެމް އަށް ނާކާމިޔާބުވުމުން، މިއަދު އިންތިހާބު ކުރި އެމްއޯސީގެ އެކްސްކޯއިން ފުޓްބޯޅަ އަށް އެއްވެސް ހައިސިއްޔަތެއް ނުލިބުނެވެ.