Roadha Mihaaru
ޔޫރޯގެ ކުރިން ބެންޒެމާ އަށް އަނިޔާވެއްޖެ

ޔޫރޯގެ ކުރިން ބެންޒެމާ އަށް އަނިޔާވެއްޖެ

09 ޖޫން 2021

ސެއިންޓް ޑެނިސް، ފްރާންސް (ޖޫން 9) - ބަލްގޭރިއާއާ ދެކޮޅަށް ފްރާންސް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި، ކަރީމް ބެންޒެމާ އަށް އަނިޔާ ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެއިންޓް ޑެނިސް، ފްރާންސް (ޖޫން 9) - ބަލްގޭރިއާއާ ދެކޮޅަށް ފްރާންސް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި، ކަރީމް ބެންޒެމާ އަށް އަނިޔާ ވެއްޖެ އެވެ.

ހަ އަހަރަށް ފަހު ފްރާންސްގެ ޓީމުން ޖާގަ ލިބުނު ބެންޒެމާ އަށް، މުޅި ޔޫރޯ ގެއްލޭނެ ކަމަކަށް ނުބެލެވެ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ބެންޒެމާ އަށް ލިބުނީ ކުޑަ އަނިޔާއެއް ކަމަށެވެ. އެ އަނިޔާ އިތުރަށް ދެނެގަތުމަށް މިއަދު އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި، އޭނާ އަށް އަނިޔާވީ ބޯޅައިގައި ބޮލުން ޖަހަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ބަދަލުގައި ކުޅެން އެރީ އޮލިވާ ޖިރޫ އެވެ. ފްރާންސުން މެޗު ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އޭނާ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އެންޓޯން ގްރީޒްމަން އެވެ.

ޔޫރޯގައި ފްރާންސް ހިމެނުނީ، ވަރުގަދަ ގުރޫޕެއްގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ޖަރުމަން އަދި ހެންގޭރީއާ އެކު ފްރާންސް ހިމެނުނީ ގުރޫޕް އެފްގަ އެވެ. ޔޫރޯގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރ ދުވަހު ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.