Roadha Mihaaru
ބެންޒެމާ އަށް ފްރާންސުން ފުރުސަތު ދޭން ކޯޗު ތައްޔާރު

ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ދޭން ކޯޗު ތައްޔާރު

03 މާޗް 2017

ޕެރިސް (މާޗް 2) – ފްރާންސް ގައުމީ ޓީމުން ޒާތެއްގެ ސަސްޕެންޝަނެއް ދީފައިވާ ފޯވާޑް ކަރީމް ބެންޒެމާ އަލުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕެރިސް (މާޗް 2) – ފްރާންސް ގައުމީ ޓީމުން ޒާތެއްގެ ސަސްޕެންޝަނެއް ދީފައިވާ ފޯވާޑް ކަރީމް ބެންޒެމާ އަލުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނެފި އެވެ.

ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ. އޭނާ އަށް ފްރާންސުގައި މިދިޔަ އަހަރު ބޭއްވި ޔޫރޯގެ ސްކޮޑުން ވެސް ފުރުސަތު ދީފައިނުވާއިރު އެ މައްސަލައިގައި ބެންޒެމާ ވަނީ ޑިޝޯމްޕްސްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލެ ގްރާޓް ދާދި ފަހުން ވަނީ ބެންޒެމާ ގައުމީ ޓީމުގެ ނެގުމުގެ އިހުތިޔާރު ކޯޗަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

"ހިނގައިދިޔަ ކަމެއް މިހާރު އެއޮތީ މާޒީގެ ތެރޭގައި. އަހަރެންގެ ހިތުގައި އޭނާއާ މެދު އެއްވެސް ނަފުރަތެއް ނެތް،" ޑިޝޯމްޕްސް ބުންޏެވެ. "ބައެއް ކުޅުންތެރިން އަހަންނާ ދިމާލަށް ކުޅިވަރުގެ ރޫހާ ހިލާފު ބަސްތަކެއް ބޭނުންކޮށްފައި އެބަހުރި. އެކަމަކު އެހެނޭ ކިޔާފައި އޭގެން ކުޅުންތެރިޔަކު ޓީމަށް ނުނަގާ ދޫކޮށެއްނުލަން."

ޑިޝޯމްޕްސް ބުނީ ގައުމީ ޓީމަށް ބެންޒެމާ ނެގުމަކީ ޓީމަށް ފައިދާހުރި ކަމެއް ކަމަށް ފެންނަންޏާ އޭނާ އަށް އަލުން ފުރުސަތު ދޭނެ ކަމަށެވެ. ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުނީ ޓީމަށް ކުޅުންތެރިން ނަގާނީ ކުޅިވަރުގެ ސަބަބުތަކަށްޓަކައި ކަމަށެވެ.

"ބެންޒެމާ އަކީ އަދިވެސް ފްރާންސުގައި ހުރި އެންމެ މޮޅު އެއް އެޓޭކިން ކުޅުންތެރިޔާ. ލަސާނާ ޑިއާރާ ވެސް ގައުމީ ޓީމާ ފަސް އަހަރު ދުރުގައި ހުރެފައި އައިސް ކުޅުނު. އެއްވެސް މީހަކަށް ނޭގޭނެ ކުރިމަގުގައި ވާނެ ގޮތެއް،" ޑިޝޯމްޕްސް ބުންޏެވެ.

އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ 2007 ވަނަ އަހަރުން ފެށިގެން ފްރާންސް ގައުމީ ޓީމަށް 81 މެޗު ކުޅެދީ 27 ގޯލް ޖަހައިދީފަ އެވެ. ކްލަބް ލެވެލްގައި އޭނާ އަކީ ރެއާލް މެޑްރިޑުގެ އެއް ނަމްބަރު ފޯވާޑެވެ.