Roadha Mihaaru
ބެންޒެމާ ގަތަރަށް ދާން ރެއާލްގެ މައްސަލައެއް ނެތް

ބެންޒެމާ ގަތަރަށް ދާން ރެއާލްގެ މައްސަލައެއް ނެތް، ޑިޝޯމްޕްސްގެ ޖަވާބެއް ނުލިބުނު

15 ޑިސެމްބަރ 2022

އަލް ކޯރު (ޑިސެމްބަރު 15) - ފްރާންސުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، ސްކޮޑުގައި ހިމެނޭ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް އަނިޔާ ވެގެން އޭނާ ވަނީ ގަތަރު ކޭމްޕް ދޫކޮށްލައިފަ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަލް ކޯރު (ޑިސެމްބަރު 15) - ފްރާންސުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، ސްކޮޑުގައި ހިމެނޭ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް އަނިޔާ ވެގެން އޭނާ ވަނީ ގަތަރު ކޭމްޕް ދޫކޮށްލައިފަ އެވެ.

އޭނާގެ ބަދަލުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އިތުރު ކުޅުންތެރިއެއް ޓީމަށް ނަގައިފައެއް ނުވެ އެވެ. ބެންޒެމާ އަކީ އަދިވެސް ވޯލްޑް ކަޕްގައި ފްރާންސް ސްކޮޑުގެ ކުޅުންތެރިއެކެވެ.

މި އަހަރުގެ ބެލޮންޑިއޯ ކާމިޔާބު ކުރި އިތުބާރު ސްޓްރައިކަރު ބެންޒެމާ އަނިޔާއިން ރަނގަޅުވެ، މި ހަފްތާ ވަނީ ރެއާލް މެޑްރިޑާ އެކު ފަރިރަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ނަމަވެސް ފްރާންސް ފައިނަލަށް ދަތުރު ކުރުމާ އެކު ރެއާލުން ވަނީ އޭނާ އަލުން ގަތަރަށް ގޮސް ފްރާންސްގެ ސްކޮޑާ ގުޅުމުގެ ހުއްދަ ދީފަ އެވެ.

ގިނަ ސަޕޯޓަރުންނެއް ވެސް ތިބީ ފައިނަލް ގައި އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި ބެންޒެމާ ފެންނާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗަށް ފަހު މީޑިއާ އިން ވަނީ، ފައިނަލް މެޗުގައި ބެންޒެމާ ފެނުމުގެ ފުރުސަތު އޮތްތޯ ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އަށް ސުވާލު ކުރިމަތި ކޮށްފަ އެވެ. ނަމަވެސް އޭނާ އެ ސުވާލަށް ޖަވާބު ދޭން ބޭނުމެއް ނުވި އެވެ.

"އަހަރެންނަށް ރަނގަޅީ ދެން އޮތް ސުވާލަކަށް ދާން،" ފައިނަލް ގައި ބެންޒެމާ ފެނުމުގެ ފުރުސަތެއް އޮތްތޯ އެހުމުން ޑިޝޯމްޕްސް ބުންޏެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ ކުރިން ވެސް މީޑީއާ އިން ޑިޝޯމްޕްސް އަށް ބެންޒެމާއާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. އެ ފަހަރު އޭނާ ބުނީ، އޭނާގެ ވިސްނުން މިވަގުތު ހުރީ ކުޅެވޭ ހާލަތެއްގައި ޓީމުގައި ތިބި ކުޅުންތެރިންނާ އެކު ކުރިއަށް ދިޔުން ކަމަށެވެ.

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފްރާންސުން ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލް ގައި 2-0 އިން މޮރޮކޯ ބަލި ކޮށްފަ އެވެ.

ބެންޒެމާގެ ބަދަލުގައި ޑިޝޯމްޕްސް އަންނަނީ 36 އަހަރުގެ އޮލިވިއޭ ޖިރޫ އަށް ފުރުސަތު ދެމުންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ނެގި ސްކޮޑުގައި ވެސް ޖިރޫ ހިމެނުނެވެ. އެ އަހަރު ލިބުނު ފުރުސަތުތަކުގައި އޭނާ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

އެހެން ނަމަވެސް މި އަހަރުގެ މުބާރާތުގައި ޖިރޫ ވަނީ މިހާތަނަށް ހަތަރު ގޯލު ޖަހައި، ގައުމީ ޓީމަށް 53 ގޯލު ހަމަކޮށްފަ އެވެ. އަދި މިއާ އެކު އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް މުގުރާލައިފަ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ޖިރޫ އަށް ފްރާންސްގެ ލީޑު ފުޅާ ކުރަން ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް ކާމިޔާބެއް ނުކުރެވުނެވެ. ދެވަނަ ހާފުގައި، މެޗުގެ 65 ވަނަ މިނިޓުގައި އޭނާގެ ބަދަލުގައި ޑޮޝޯމްޕްސް ވަނީ، ފްރާންސާއެކު 1998 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު އެގައުމުގެ ލެޖެންޑަރީ ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިފުޅު، ފޯވާޑް މާކަސް ތުރާމް ކުޅެން އަރުވައިފަ އެވެ.

ބެންޒެމާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ފްރާންސް ޓީމަށް ކުޅެފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު އަހުލާގީ މައްސަލައެއްގައި އޭނާއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނެވެ. އަދި އަލުން އޭނާ ގައުމީ ޓީމަށް ނަގަން ފެށީ، ކުލަބުގައި ދައްކާ އާދަޔާ ހިލާފު މޮޅު ކުޅުމާ އެކު ފްރާންސް ޓީމަށް ކުރިމަތިވި މީޑީއާ އާއި ސަޕޯޓަރުންގެ ވެސް ޕްރެޝަރާ އެކު، މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުން ފެށިގެންނެވެ. މިދިޔަ އަހަރު ވެސް އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 13 މެޗުން ނުވަ ގޯލު ޖަހައިދީފަ އެވެ.

މިހާރު އުމުރުން 34 އަހަރުގެ ސްޓްރައިކަރު ބެންޒެމާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 97 މެޗުން 37 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ޑިޝޯމްޕްސް އަކީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސް ގައުމީ ޓީމުގެ ކޯޗެވެ. އޭނާ އަކީ ބެންޒެމާ އަށް ފުރަތަމަ ފަހަރަށް ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ދިން ކޯޗު ވެސް މެއެވެ.