Roadha Mihaaru
އޭރު ވެސް ބުނީ އަންހެނުން ތިބޭނީ ބަދިގެއަކު ނޫނޭ

އޭރު ވެސް ބުނީ އަންހެނުން ތިބޭނީ ބަދިގެއަކު ނޫނޭ

04 ޖޫން 2021

އަންހެނުންގެ ހައްގުތަކާއި ގައުމެއްގެ ކުރިއެރުމުގައި އެ މީހުންގެ ދައުރުގެ މުހިންމުކަމުގެ ވާހަކަ އަކީ އިއްޔެ ދައްކަން ފެށި ވާހަކައެއް ނޫނެވެ. ރާއްޖޭގެ ތާރީހީ ލިޔުންތަކަށް ބެލުމުން މި އެނގެނީ މި ވާހަކަ ދައްކާތާ ގަރުނެއް ވާއިރު ވެސް ދިވެހިންނަށް އަދިވެސް މިކަން ހަމަ މިގޮތަށް ކިޔައިދޭންޖެހޭ ހިސާބުގައި އޮތްކަމެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އަންހެނުންގެ ހައްގުތަކާއި ގައުމެއްގެ ކުރިއެރުމުގައި އެ މީހުންގެ ދައުރުގެ މުހިންމުކަމުގެ ވާހަކަ އަކީ އިއްޔެ ދައްކަން ފެށި ވާހަކައެއް ނޫނެވެ. ރާއްޖޭގެ ތާރީހީ ލިޔުންތަކަށް ބެލުމުން މި އެނގެނީ މި ވާހަކަ ދައްކާތާ ގަރުނެއް ވާއިރު ވެސް ދިވެހިންނަށް އަދިވެސް މިކަން ހަމަ މިގޮތަށް ކިޔައިދޭންޖެހޭ ހިސާބުގައި އޮތްކަމެވެ.

މިއީ މީގެ 87 އަހަރު ކުރިން، އޭރު ދައުލަތުގެ ފަރާތުން ނެރެމުން އައި، ދިވެހި ބަހުގެ ފުރަތަމަ މަޖައްލާ "އަލް އިސްލާހު" ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. ނޮވެމްބަރު 4، 1933 ގައި ނެރުނު އަލް އިސްލާހުގެ 5 ވަނަ އަދަދުގައި އޮތް މި ލިޔުމުގެ ސުރުހީ ވެސް އޮތީ ހަމަ މިއަދު މި ބުނެ އެޅޭ ގޮތަށެވެ.

"ރަށެއް ކުރިއަރާނީ އެ ރަށެއްގެ އަންހެނުންގެ އެހިއާލައިގެންނެވެ"

ލިޔުން ފަށާފައި ވަނީ ވެސް ޖިންސީ ތަފާތުކުރުމުގައި އަދިވެސް އަހަރެމެންގެ ބަދަލުނުވެގެން މި އުޅޭ ވިސްނުމާ ގުޅުވައިގެންނެވެ. "މާތް ރަސްކަލާނގެ ދުނިޔެމަތީގައި ހައްދަވާފައިވާ އެންމެ ފުރިހަމަ، އެންމެ އަގުހުރި އެއްޗަކީ، އެކަލާނގެ ކުޅަދުންވަންތަވެރިކަމުގެ ނަމޫނާ އިންސާނާ" ކަމަށް ބުނެ ދެން އޮތީ އިންސާނުންގެ ތެރެއިން އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލުކޮށް ބަހުސްކުރުން ބޭކާރު ކަމަށެވެ.

"އިންސާނުންގެ ތެރެއިން މާތްކަމާއި އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލުކޮށް އެ މައްޗަށް ބަހުސް ކުޅައުމަކީ ބޭކާރު ކަމެކެވެ." އެ ޒަމާނުގައި ވެސް، އަންހެނުންނަށް ބާރުވެރިވެރިކަން ދޭން ބޭނުން ނުވާ އަދި އެއީ ނިކަމެތި ބައެއްގެ ގޮތުގައި ދެކޭ މީހުންގެ އެންމެ ބޮޑު ވާހަކަ އަކީ މިއީ ކަމަށް ހެކި ލިބޭ އިބާރާތުގައިވެ އެވެ.

އޭގެ ފަހުން، ވަރަށް ކުޑަކުޑަ ވާހަކައަކުން ވިސްނައިދީފައި އޮތީ ބޮޑު ކަމެކެވެ.

"މިހެނީ އަންހެނާ އާއި ފިރިހެނާ، މާތް ރަސްކަލާނގެ އުފެއްދެވީ އެތައް ސިއްރުތަކަކާއި އެތައް ކުޅަދުންވަންތަވެރިކަމެއް ލައްވައިގެން އެކަކަށް އަނެނަކާ ނުލައި ނޫޅެވޭނެ ފަދަ ގޮތްތަކެއް މެދުވެރިކުރައްވާފަ އެވެ."

އަހަރެމެންގެ ތެރެއިން އެތައް ބަޔަކަށް އަދިވެސް މިކަން ވިސްނައިދޭން ޖެހިފައިވާކަން ގަބޫލުކުރަންޖެހެ އެވެ.

އަންހެނުންގެ މުޅި ދިރިއުޅުން ވަނީ ގަތާ ބޯވަޅުއެޅުމާއި ކައްކާފައި ފިރިމީހާއަށް ކާންދިނުމުގެ މައްޗަށް ހުއްޓިފައިކަމުގައި ނުހިއްތަވާށެވެ.

އަލް އިސްލާހުގައިވާ މި ލިޔުމުގެ މުސައްނިފަކީ ކޮން ބޭފުޅެއް ކަމެއް އެނގެން ނެތް ނަމަވެސް ޔަގީންވާ ކަމަކީ އެ ބޭފުޅެއްގެ ދުރުވިސްނޭކަމެވެ. އަދި މާޒީން މިސާލު ޖައްސަވައި ހެކި ދައްކަވަމުން ލިޔުއްވާފައިވަނީ އަންހެނުންގެ ހަށިގަނޑުގެ ނިކަމެތިކަމުން މެނުވީ ފިރިހެނުންނަށް ވުރެ ނިކަމެތިނުވާނެކަން ސާބިތުކޮށްދޭ އެތައް އަންހެނުންނެއް ދުނިޔެއަށް އައިސް ގޮސްފައިވާ ކަމަށެވެ.

"މި ބަސް ޝައްކުވާ މީހަކު ތާރީޚުގެ ގަނޑުތައް އުކައިލަބަލަނިކޮށް ހިތްހަމަޖެހިދާނެ އެވެ،" ޖަދަލުކުރާ މީހުންނަށް ރައްދެއްގެ ގޮތުން ލިޔެފައިވާ ޖުމްލައެއްގައިވެ އެވެ.

އަންހެނުން ނިކަމެތިކޮށް އެކަމުގެ ބޭކާރު ބަހުސްގެ ތެރެއިން އަންހެނުންނަށް ލިބޭ ނިކަމެތިކަން ބަޔާންކޮށް އެ ލިޔުމުގައި ވަނީ ވަކި ޖިންސަކަަށް ވީތީ ތަފާތެއް ނެތްކަން ވަންހަނާވެގެން ނުވާ ހާލު ވެސް އަންހެނުންނަކީ މާ ނިކަމެތި، ފިރިހެނުން ހިތަށްއެރިހާ ގޮތެއް ހެދުމަށް މާތްކަލާނގެ އުފައްދަވާފައިވާ ބައެކޭ ހީކުރާ ބަޔަކު އަބަދުވެސް ތިބޭ ކަމަށެވެ.

އަލް އިސްލާހުގައި، އަންހެނުންގެ ދައުރުމުގެ މުހިންމުމަކާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުން

އަލް އިސްލާހުގައި، އަންހެނުންގެ ދައުރުމުގެ މުހިންމުމަކާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުން

"އެކަމަކު މި ޚިޔާލާތު ދަނީ ދުނިޔޭގެ މީސްތަކުންގެ ހިތްތަކުން ކެނޑެމުންނެވެ. އަދި ރޭގަނޑަށް ފަހު ދުވާލު އަންނާނެކަން ޝައްކުނުވާ ފަދައިން ސިވިލައިޒޭޝަންގެ ގަދަފަދަ ފިޔަވަޅުތައް މި ޚިޔާލާތު މުޅިން ނައްތާލާނެ ދުވަހެއް އަންނާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ." މުސްތަގުބަލް ލަފާކޮށް ލިޔެފައިވެ އެވެ.

އަލް އިސްލާހުގައި މި ލިޔުން ޝާއިއުކުރި އިރު ރާއްޖޭގައި ވެސް ޖިންސީ ތަފާތުކުރުމުގެ ވިސްނުމާ ދެކޮޅު ރޫހެއް އުފެދެމުން ދިޔަކަން އެނގެ އެވެ. އެ ލިޔުމުގައި ވަނީ "މި ޒަމާނުގެ ބައެއް އަންހެން ބޭފުޅުންނާއި އަންހެން ކުދިން، އެ ބޭފުޅުންގެ އާއި އެ ކުދިންގެ އަގު ވަޒަންކުރައްވައި އެ ބޭފުޅުންނާއި އެ ކުދިން އަންނާން އޮތް ޒަމާނުގައި އުފުއްލަވާންޖެހޭ ޒިންމާދާރީގެ މައްޗަށް ހޭފުޅުލައްވާން ފައްޓަވައިފިކަން ވިސްނޭ" ކަމަށެވެ. އެކަން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ސިފަކޮށް ބުނެފައި އޮތީ އެއީ "ހޫނު ދުވަހަކު ޖެހޭ ފިނި ވައިރޯޅިއެއް ފަދައިން ހިތަށް ފިނިކަން ހާސިލްކޮށްދޭ ކަމެއް" ގެ ގޮތުގަ އެވެ.

އަންހެނުން ނިސްބަތްވަނީ ބަދިއެއް ކަމަށް ދެކޭ ތާކުންތާކު ނުޖެހޭ ވިސްނުން ދޫކޮށްލަން ވެސް އެ ލިޔުމުގައި ބާރުއަޅާއި ވިސްނައިދީފައިވެ އެވެ.

އަންހެނުންނަށް، އިއްޒަތްތެރިންގެ ގޮތުގައި މުޚާތަބުކުރަމުން ލިޔުން ކުރިއަށް ގެންދަމުން ބުނަނީ؛

"އަންހެނުންގެ މުޅި ދިރިއުޅުން ވަނީ ގަތާ ބޯވަޅުއެޅުމާއި ކައްކާފައި ފިރިމީހާއަށް ކާންދިނުމުގެ މައްޗަށް ހުއްޓިފައިކަމުގައި ނުހިއްތަވާށެވެ. ރަށެއްގެ މީހުން ކުރިއަރާނީ އެ ރަށެއްގެ އަންހެނުން ވެސް އެހީތެރިކަމާއި ބާރާ ލައިގެންނެވެ."

އަންހެނުންނަކީ ދައުލަތުގެ ޒިންމާތައް އަދާކުރަން ދަރިންގެ ކޮނޑުގައި އަޅުވައި ހެޔޮ ދަރިންތަކެއް ތަރުބިއްޔަތުކޮށް އެކަމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާ މީހުން ކަމަށާއި އެހެންނޫނީ ބިންގަލުގެ ހަރުދަނާކަމެއް ނުހުންނާނެ ކަމަށް ބުނެފައިވެ އެވެ. ކެއްކުމާއި ބޯވަޅުއެޅުމަކީ އަންހެނުންނަށް ހާއްސަކަމެއް ނޫންކަން އަންގައިދެމުން ބުނެފައިވަނީ އެ ކަންކަމާއި އަދި އިތުރުން އެހެން ކަންކަން ވެސް އަންހެނުންނަށް އެނގެންވާނެ ކަމަށާއި އަންހެނުންނަކީ އެތައް ހުނަރެއް ލިބިފައިވާ މުހިންމު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އަލް އިސްލާހްގެ ފަސް ވަނަ މަޖައްލާ

އަލް އިސްލާހްގެ ފަސް ވަނަ މަޖައްލާ

މި ހުރިހާ ކަމެއްގެ އިތުރުން މައިންބަފައިންނަށް ކަމޭ ހިތައި ހުލްގު ހެޔޮ ބަޔަކަށް ކޮންމެ ދަރިއަކު ވެސް ވާންޖެހޭނެ ކަމަށާއި ލަދުވެތިކަމަކީ އަންހެންކުދިންގެ ހުންނާންވީ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފަ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އޭގެ މާނަ ވެސް ބުނެދީފައިވެ އެވެ.

"ލަދުވެތިކަމޭ ބުނެވޭ ބަހުގެ މައުނަޔަކީ ފިރިހެނަކު ފެންނައިރަށް ދުވެފައި ގޮސް ފުރަތަމަޖެހޭ ފޮތިގަނޑާ ނިވާވެ ހުރެ ސިއްރުން ބެލުމެއްނޫނެވެ."

ލަދުވެތިކަމަކީ ތިމާ އަނެކަކަށް ބަހައްޓަންވީ ފުރިހަމަ އަދަބުވެރިކަމެއް ބެހެއްޓުން ކަމަށާއި އެހެން މީހުންނަށް އިހްތިރާމްކޮށް "ތިމާޔާ ނުބެހޭ ކަމަކާ ބެހިނުގަތުން" އަދި ތިމާޔާ އެކަށީގެންނުވާ މަޖިލިސްތަކުގައި ނުތިބުމާއި ވާހަކަ ދައްކާއިރު މަޖިލީހާ އެކަށީގެންނުވާ ގަދަފަދަ އަޑުން ވާހަކަ ނުދެއްކުމާއި ބާރަށް ނުހުނުން ފަދަ ކަންކަމުގެ ގޮތުގައި އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން" ޚަރަދު ކުޑަ އުޅުމެއް ދަސްކުރުމުގެ މުހިންމުކަން ފާހަގަކޮށް، ހުސައިން ސަލާހުއްދީންގެ، އަދާ ހަމަޔަށް ވެސް ދެގޮތެއް ނުވެ އޮތް ނަސޭހަތުގެ ޅެންބައިތުން ތަންކޮޅަކާ އެކު ލިޔުން ނިމުމަކަށް ގެނެސްފައިވެ އެވެ.