Roadha Mihaaru
ނާސާ އިން ވީނަސް އަށް ދެ ދަތުރެއް ކުރަނީ

ނާސާ އިން ވީނަސް އަށް ދެ ދަތުރެއް ކުރަނީ

03 ޖޫން 2021

ދުނިޔެއާ އެންމެ ކައިރިން، އިރުގެ ނިޒާމުގެ ތެރޭގައި ދަތުރުކުރާ ޕްލެނެޓް ވީނަސް އަށް، ދެ ދަތުރެއް ކުރަން ނިންމާފައިވާ ކަން، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ރޭ އިއުލާން ކޮށްފި އެވެ.

ދުނިޔެއާ އެންމެ ކައިރިން، އިރުގެ ނިޒާމުގެ ތެރޭގައި ދަތުރުކުރާ ޕްލެނެޓް ވީނަސް އަށް، ދެ ދަތުރެއް ކުރަން ނިންމާފައިވާ ކަން، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ރޭ އިއުލާން ކޮށްފި އެވެ.

ނާސާ އިން ބުނި ގޮތުގައި މި ދެ ދަތުރު ކުރާނީ، 2028 ވަނަ އަހަރާއި 2030 ވަނަ އަހަރުގެ ތެރޭގަ އެވެ.

މި ދެ ދަތުރުގެ ބޭނުމަކީ ވީނަސްގެ ވައިގެ ފަށަލައިގެ އެތެރެ އާއި ވީނަސްގެ ބިންގަނޑު ދިރާސާ ކުރުމެވެ.

މި ދެ ދަތުރު ކުރުމަށް ބޭނުންވާ ދެ އުޅަނދު ބަނުމަށްޓަކައި، އެއިން ކޮންމެ އުޅަނދަކަށް 500 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖެހިފައިވާ ކަމަށް ނާސާއިން ބުނެ އެވެ. އޭގެ ތެރެއިން އެއް އުޅަނދަށް ދީފައިވާ ނަމަކީ ޑާވިންޗީ ޕްލަސް (ޑީޕް އެޓްމޮސްފިއާ ވީނަސް އިންވެސްޓިގޭޝަން އޮފް ނޯބަލް ގޭސަސް، ކެމިސްޓްރީ އެންޑް އިމޭޖިން) އެވެ. އަނެއް އުޅަނދަށް ދީފައިވާ ނަމަކީ، ވެރިޓަސް (ވީނަސް އެމިސިވިޓީ، ރޭޑިއޯ ސައެންސް، އިންސާރ، ޓޮޕޮގްރަފީ އެންޑް ސެޕްކްޓްރޮސްކޯޕީ) އެވެ.

މީގެ ތެރެއިން ޑާވިންޗީ ޕްލަސް އިން ދިރާސާކޮށް ބަލާނީ، ވީނަސްގެ ވައިގެ ފަށަލައިގެ ހާލަތު މިހާރު ހުރި ގޮތާއި، ވީނަސް އުފެދުނީއްސުރެ މިހާރު އޮތް ހާލަތަށް ވައިގެ ފަށަލަ ބަދަލުވަމުން އައި ގޮތެވެ. އޭގެ އިތުރުން ވެރިޓަސް، ވީނަސްގެ އޯބިޓްގައި ދައުރުކުރަމުން، ވީނަސްގެ ބިންގަނޑުގެ ޗާޓެއް ކުރަހައި، އެ ބިންގަނޑު އުފެދިގެން އައި ގޮތް ދިރާސާ ކުރާނެ އެވެ.

މީގެ ތެރެއިން ޑާވިންޗީ ޕްލަސްގައި ދެ އުޅަނދެއް ހިމެނޭނެ އެވެ. އެއީ، ވީނަސް އަށް ތިރިނުކޮށް ވީނަސްގެ ކައިރިން ދަތުރުކުރާ އުޅަނދަކާއި، ވީނަސްގެ ވައިގެ ފަށަލައިގެ ތެރެއަށް ތިރިކުރާނެ އުޅަނދެކެވެ. ވައިގެ ފަށަލައިގެ ތެރެއަށް ތިރިކުރާ އުޅަނދުން، ވީނަސްގެ ބިންގަނޑުގެ ފޮޓޯތައް ނަގައި ނާސާ އަށް ފޮނުވާނެ އެވެ.

ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި ވީނަސްގެ ބިންގަނޑުގައި ހުރި ސިފަތަކާއި ގޮތްތައް، މިބިމުގައިވާ ބައްރުތަކާ އަޅައިކިޔިދާނެ އެވެ. އަދި ވީނަސްގައި ވެސް، މިބިމުގައިވާ ފަދަ ޕްލޭޓް ޓެކްޓޯނިކްތަކެއް ހިމެނޭ ކަމަށް ނާސާގެ ސައެންސްވެރިން ގަބޫލުކުރެ އެވެ.

ވީނަސް އުފެދިފައިވާ ގޮތަށް ބަލާއިރު، ދުނިޔެއާ އެއްގޮތް ސިފަތަކެއް ހުއްޓަސް، ދުނިޔެ އަށް ވުރެ ކުޑަ ޕްލެނެޓެކެވެ. ދުނިޔޭގެ ހުރަހުގައި 12742 ކިލޯމީޓަރު ހުންނަ އިރު، ވީނަސްގެ ހުރަހުގައި ހުންނަނީ، 12104 ކިލޯމީޓަރެވެ.

ވީނަސްގެ ބިންގަނޑުން ފެށިގެން މަތީގައި އޮންނަ ވައިގެ ފަށަލަ އެކުލެވިގެންވަނީ ތަފާތު ވިހަ މާއްދާތަކުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހުރީ ކާބަން ޑައިއޮކްސައިޑެވެ. އޭގެ އިތުރުން ސަލްފަރިކް އެސިޑްގެ ފުއްތަކަކުން އެކުލެވިގެންވާ ބޯ ވިލާތަކެވެ. ވީނަސްގެ ބިންމަތީގެ ހޫނުމިނަކީ 471 ސެލްސިއަސް ކަމަށް ބެލެވެ އެވެ.

މިއީ 30 އަހަރަށް ފަހު ނާސާއިން ވީނަސް އަށް އުޅަނދެއް ފޮނުވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ނާސާއިން ވީނަސް އަށް ކުރި ދަތުރުގައި، 1990 ވަނަ އަހަރު ވީނަސް އަށް ފޮނުވި މަގެލަން ޖައްވީ އުޅަނދުން ވަނީ، ވީނަސްގެ ބިންގަނޑުގެ ޗާޓެއް އެކުލަވާލައި، ވީނަސްގެ ބިމަށް ދަމާ ބާރު ހުންނަ ގޮތުގެ ތަފްސީލު ދިރާސާއެއް ވެސް ކޮށްފަ އެވެ.