Roadha Mihaaru
ނާސާގެ އިއުލާންކުރުން: މި ދުނިޔެ ވަރުގެ ހަތް ޕްލެނެޓް

ނާސާގެ އިއުލާންކުރުން: މި ދުނިޔެ ވަރުގެ ހަތް ޕްލެނެޓް

23 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 23) - މި ދުނިޔެއާ އެއްވަރުގެ ހަތް ޕްލެނެޓެއް އެންމެ ތަރިއެއްގެ ނިޒާމުގެ ތެރޭން ސައެންސްވެރިން ހޯދައިފި ކަން ރޭ ނާސާ އިން އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 23) - މި ދުނިޔެއާ އެއްވަރުގެ ހަތް ޕްލެނެޓެއް އެންމެ ތަރިއެއްގެ ނިޒާމުގެ ތެރޭން ސައެންސްވެރިން ހޯދައިފި ކަން ރޭ ނާސާ އިން އިއުލާންކޮށްފި އެވެ.

ބެލްޖިއަމް ޔުނިވާސިޓީގެ ފަލަކީ އިލްމުވެރިޔާ މައިކަލް ގިލޮން ވިދާޅުވީ މިއީ އެހެން ނިޒާމެއްގައި ދައުރުވަމުން ދާ ދުނިޔެ ކަހަލަ މިހާ ގިނަ ޕްލެނެޓް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ. ހަތް ޕްލެނެޓް ހިމެނޭ ތަރީގެ ނަމަކީ ޓްރެޕިސްޓް-1 އެވެ. މި ތަރި އާއި ދުނިޔެއާ ހުރި ދުރުމިނަކީ 40 އަލި އަހަރެވެ. އޭގެ މާނަ އަކީ ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ބާރަށް ދުއްވާ ޖެޓެއްގައި، އެހާ ހިސާބަށް ވާސިލްވާން 40 މިލިއަން އަހަރު ނަގާނެ ކަމެވެ.

ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމު (ސޯލާ ސިސްޓަމް) ފިޔަވައި، އެހެން ތަރިތަކުގެ ވަށައިގެން ވެސް ޕްލެނެޓްތައް ދައުރުވާކަން ސައިންސްވެރިން ހޯދަން ފެށިތާ މިހާރު 20 އަހަރު ވެއްޖެ އެވެ. އެކަމަކު ނާސާގެ ފަހުގެ ހޯދުން ޚާއްސަ ވަނީ އެހެން ތަރިއެއްގެ ނިޒާމުގައި ދުނިޔެއާ ގާތްގަނޑަކަށް އެއްވަރު، އަދި ދިރުން އުފެދުމުގެ ފުރުސަތު ވެސް އޮތް މާހައުލެއް ހިމެނިދާނެ މިހާ ގިނަ ޕްލެނެޓް އެއްފަހަރާ ހޯދުމެވެ.

ކުރިން ގަބޫލުކޮށްފައި އޮންނަނީ ދުނިޔެ ކަހަލަ، ނުވަތަ އިރުގެ ނިޒާމުގައި ހިމެނޭ ޖުޕިޓާ ކަހަލަ ގޭހުން ފުރިފައިވާ ބިޔަ ޕްލެންޓްތައް ހިމެނެނީ ހަމައެކަނި އަހަރެމެންގެ އިރުގެ ސަރަހައްދުގައި ކަމެވެ.

ރޭ އިއުލާންކުރި ޕްލެނެޓްތައް ހާއްސަވަނީ ދުނިޔެ ފަދައިން ހަރު ބިންތަކަކަށް އެތަންތަން ވާނެ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކާތީ އެވެ. އޭގެ ތެރޭން ތިން ޕްލެނެޓެއް ވަނީ "ހެބިޓެބަލް ޒޯން" ގަ އެވެ. މިއީ ދިިޔާ ފެން ހިފެހެއްޓިދާނެ އަދި ދިރުންތައް ވެސް އުފެދިދާނެ ފަދަ ސަރަހައްދަށް ނިސްބަތްކޮށް ސައިންސްވެރިން ބޭނުންކުރާ ބަހެކެވެ.

ޓްރަޕިސްޓް-1 ޕްލެނެޓަރީ ނިޒާމު ދައްކުވައިދޭ ކުރެހުމެއް

ޓްރަޕިސްޓް-1 ޕްލެނެޓަރީ ނިޒާމު ދައްކުވައިދޭ ކުރެހުމެއް

ސައިންސްވެރިން ބުނާ ގޮތުގައި އޭގެ ތެރެއިން އެ ޕްލެނެޓް ދުނިޔެ އަށް ވުރެ ފިނިވެފައި ރަނގަޅު މާހައުލަކަށް ވެސް ވެދާނެ އެވެ. އަދި އެ ޕްލެނެޓްގައި ގްރީންހައުސް ގޭސް ވެސް ހިމެނޭ ކަމަށް އެ ސައިންސްވެރިން ބުނެ އެވެ.

"އަހަރެމެންގެ ސޯލާ ސިސްޓަމުން ބޭރުން ވެސް ދިރިއުޅެވިދާނެތޯ ބެލުމަށް ކުރާ މަސައްކަތުގައި މި ވަނީ ވަރަށް މުހިންމު ފިޔަވަޅެއް ކުރިއަށް އަޅާފައި،" ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ ތަރިތަކާ ބެހޭ ސައެންސް ވެރިޔާ އަމައުރީ ޓްރިއައުޑް ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ސައެންސްވެރިން ދާނީ މީގެ ތެރެއިން ކޮންމެ ޕްލެނެޓެއްގެ އެޓްމޮސްފިއާ ވަކިން ދިރާސާ ކުރަމުންނެވެ.

އެ ސައިންސްވެރިން ސިފަކުރެއްވި ގޮތުގައި އާ ހޯދުމުން އެނގެނީ ކާއިނާތުގެ ހިތްގައިމުކަމެވެ.

ދިރުން އުފެދުމާއި ދިރުން ދެމިގެންދާނެ ގޮތް ކަމަށް ސައިންސަށް މިހާތަނަށް ގަބޫލުކުރެވުނު ހަގީގަތްތަކަށް ބަލާއިރު ތަރިއެއްގެ ވަށައިގެން އެނބުރޭ ޕްލެނެޓްގައި ކޮންމެހެން ވެސް ހަމަވާން ޖެހޭ ޝަރުތުތަކެއް ހުރެ އެވެ. އެންމެ ބޮޑު އެއް ޝަރުތަކީ، ޕްލެންޓް ނިސްބަތްވާ ތަރިއަކީ، އިރު ކަހަލަ ތަރިއަކަށް ވުމެވެ. ދެން ޕްލެނެޓްގައި ފެން ހުރުމާއި، ތަރީގެ ހޫނުކަން އެކަށީގެންވާ މިންވަަރެއްގައި ލިބޭނެ ދިރުމިނެއްގައި ޕްލެނެޓް ދައުރުވުމެވެ. މިސާލަކަށް މިހާރުގެ ނިސްބަތަށް ވުރެ އިރާ ކުޑަ ތަންކޮޅެއް ކައިރިއަށް ނުވަތަ ދުރަށް ދުނިޔެ ދިޔަ ނަމަވެސް ސައިންސްވެރިން ބުނާ "ހެބިޓެބްލް ޒޯނުން" ނެއްޓުނީހެވެ. އޭރުން ދުނިޔެ ވީހީ ދިރުމެއް އުފެދުން އެކަށީގެންނުވާ ޕްލެނެޓަކަށެވެ. މިއީ ސައިންސްވެރިން، އެ މީހުންގެ އިލްމާއި ހޯދުންތަކަށް ބިނާކޮށް ބުނާ ވާހަކަ އެވެ.

ދުނިޔެއާ މާ ދުރުން ދައުރުވަމުން ދާ އެތައް ތަރިއެއްގެ ބެލެނިވެރިކަމުގައި ހިމެނޭ 1200 އަށް ވުރެ ގިނަ ޕްލެނެޓް، ނާސާގެ ކެޕްލާ ޓެލެސްކޯޕަށް ފެނުނުކަން މިދިއަ އަހަރު އެކަނި ވެސް އެ އިދާރާ އިން ހާމަކުރި އެވެ. ދުނިޔެ އަށް ވުރެ މާ ދުރަށް ފޮނުވާފައިވާ ކެޕްލާގެ މަގުސަދަކީ އެހެން ތަރިތަކަށް ނިސްބަތްވާ ޕްލެނެޓްތައް ހޯދުން އެކަންޏެވެ.

ކެޕްލާ އަށް ފެނުނު ކަމަށް މިދިއަ އަހަރު މޭ މަހު އިއުލާންކުރި ޕްލެނެޓްތަކުގެ ތެރެއިން ނުވަ ޕްލެނެޓެއް ދައުރުވަމުން ދަނީ ހެބިޓެބްލް ޒޯންގައި ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އަދި 500 އަށް ވުރެ ގިނަ ޕްލެނެޓްތަކަކީ ދުނިޔެ ކަހަލަ ހަރު ބިމަށް ވުން އެކަށީގެންވާ ތަންތަން ކަމަށް ވެސް ބުނެފައިވެ އެވެ.

އިރުގެ ނިޒާމުން ބޭރުން ޕްލެނެޓް ހޯދުމުގައި ކެޕްލާ ޓެލެސްކޯޕް

ނިސްބަތް ވަނީ 17 ވަނަ ގަރުނުގައި އުޅުއްވި ޖަރުމަނުގެ ފަލަކީ އިލްމުވެރިޔާ ޖޮހާންސް ކެޕްލާ އަށް

- 100 މިލިއަން މޭލު: މިދިއަ އަހަރުގެ ކުރީކޮޅު ދުނިޔެއާ ދުރަށް ކެޕްލާ ދިޔަ މިންވަރު

- 2300 ޕްލެނެޓް: މިހާތަނަށް ކެޕްލާ އަށް ފެނުނު ޕްލެނެޓްތަކުގެ އަދަދު

- 5000 ޕްލެނެޓް: ކެޕްލާ އާއި އެހެން ގޮތް ގޮތުން މިހާތަނަށް ހޯދުނު ޕްލެނެޓްތަކުގެ އަދަދު

- އޮކްޓޯބަރު 2017: ކެޕްލާ މިޝަން ދެމިގެންދާނެ މުއްދަތު