Roadha Mihaaru
މި ބިމާ ދާދި އެއްގޮތް ޕްލެނެޓެއް މާދުރުގައި

މި ބިމާ ދާދި އެއްގޮތް ޕްލެނެޓެއް މާދުރުގައި

13 ޖޫން 2021

އަހަރެމެން މި ދިރިއުޅޭ ބިމާ ދާދި އެއްގޮތް ސިފަތަކެއް ލިބިގެންވާ ކަމަށް ބެލެވޭ ޕްލެނެޓެއް، ވަރަށް ދުރުން ސައެންސްވެރިންނަށް ދެނެގަނެވިއްޖެ އެވެ.

އަހަރެމެން މި ދިރިއުޅޭ ބިމާ ދާދި އެއްގޮތް ސިފަތަކެއް ލިބިގެންވާ ކަމަށް ބެލެވޭ ޕްލެނެޓެއް، ވަރަށް ދުރުން ސައެންސްވެރިންނަށް ދެނެގަނެވިއްޖެ އެވެ.

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ ނާސާ އާއި ޔުނިވަސިޓީ އޮފް ނިއު މެކްސިކޯގެ ސައެންސްވެރިން ގުޅިގެން ކުރި ދިރާސާއެއްގައި ދެނެގަނެވިފައިވާ މި ޕްލެނެޓަކީ، މި ބިމުން ފެށިގެން 90 އަލިއަހަރު ދުރުގައި، އަދި މިބިން ހިމެނޭ އިރުގެ ނިޒާމުން ބޭރުގައި، ވަކި ތަރިއެއްގެ ވަށައިގެން ދައުރުކުރާ ޕްލެނެޓެކެވެ.

އަލަށް ހޯދުނު މި ޕްލެނެޓަށް މިހާތަނަށް ދީފައިވާ ނަމަކީ (TOI-1231 b) އެވެ. ސައެންސްވެރިން ބުނާ ގޮތުގައި މި ޕްލެނެޓްގެ ވައިގެ ފަށަލައިގައި ވަރަށް ޝައުގުވެރި ކަންތަކެއް ހުރި ކަމަށް، ފެންނަ ފެނުމަށް ފާހަގަކުރެވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ވާރޭ ވިލާ ނުވަތަ ފެން އެކުލެވޭ ވިލާތަކެއް، ވައިގެ ފަށަލައިގެ ތެރޭގައި ހިމެނޭ ކަމަށް، ބެލެވުން ކަމަށް ސައެންސްވެރިން ބުނެ އެވެ.

މި ޕްލެނެޓް އޭގެ އޯބިޓްގެ މެދުގައިވާ ތަރީގެ ވަށައިގެން ބުރެއް ފުރިހަމަކުރަނީ ދުނިޔޭގެ 24 ދުވަހުންނެވެ. އަދި މި ޕްލެނެޓް އޭގެ ވަށައިގެން ދައުރުކުރާ ތަރިއަކީ، މިބިން އޭގެ ވަށައިގެން ދައުރުކުރާ އިރަށް ވުރެ ބޮޑުމިނުގެ ގޮތުން ކުޑަ އަދި އޭގެ އަލިކަން ވެސް ފަނޑު ތަރިއެކެވެ.

ސައެންސްވެރިން ބުނި ގޮތުގައި މި ޕްލެނެޓާ ބެހޭ ގޮތުން ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ، ތަރީގެ ވަށައިގެން އެ ޕްލެނެޓްގެ ދައުރުކުރާ ބާރުމިނާއި، ތަރިއާއި ޕްލެނެޓާ ދެމެދުގައިވާ ކައިރިކަމެވެ. މިބިމާއި އިރާ ދެމެދުގައި ހުރި ދުރުމިނަށް ވުރެ، އެ ޕްލެނެޓާއި އޭގެ ތަރިއާ ދެމެދު ހުރި ދުރުމިން އަށް ގުނަ ކައިރި އެވެ.

އަލަށް ހޯދުނު ޕްލެނެޓަކީ މިބިމަށް ވުރެ ބޮޑު އަދި ނެޕްޗޫންއަށް ވުރެ ތަންކޮޅެއް ކުޑަ ޕްލެނެޓަކަށްވެފައި، ތަރިއާ ކައިރިން ދަތުރުކުރި ކަމަށް ވިޔަސް، އެ ޕްލެނެޓް އޭގެ ވަށައިގެން ދައުރުކުރާ ތަރިއަކީ ރަތް ކުލައި ޑްވާފް ތަރިއަކަށް ވުމުން، އެ ޕްލެނެޓްގެ ފިނިހޫނުމިން، މިބިމުގެ ފިނިހޫނުމިނާ ދާދި އެއްވަރުވާނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ.

ޕްލެނެޓްގެ ވައިގެ ފަށަލައިގެ، ލަފާކުރެވޭ ފިނިހޫނުމިނަކީ ގާތްގަނޑަކަށް 140 ޑިގްރީ ފެރަންހައިޓް އެވެ. އެހެންކަމުން އެ ޕްލެނެޓްގެ ވައިގެ ފަށަލައިގެ މަތީ ހިސާބެއްގައި، ފެން އެކުލެވޭ ވިލާ ހުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ސައެންސްވެރިން ދެކެ އެވެ.

ނާސާގެ ސައެންސްވެރިއެއް ކަމަށްވާ ޖެނިފާ ބާޓް ވިދާޅުވި ގޮތުގައި މި ޕްލެނެޓާ ބެހޭ ގޮތުން ކުރިމަގުގައި ކުރާ ދިރާސާތަކުން، އެ ޕްލެނެޓްގެ ވައިގެ ފަށަލައިގެ ތެރޭގައި ވާރޭވިލާ އުފެދުމުގެ ފުރުސަތު އޮތްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ އެވެ. އަދި އެ ޕްލެނެޓް އުފެދިފައިވަނީ، މިބިން ފަދައިން ހިލަ ނުވަތަ ވެލީގެ ބިންގަނޑަކާ އެކުގައިކަން ނުވަތަ، އެއީ ގޭސް ބޯޅައެއްކަން ވެސް ކަށަވަރުކުރެވޭނެ ކަމަށް ދިރާސާކުރި ޓީމުން ބުނެ އެވެ.

ސައެންސްވެރިންނަށް މިހާތަނަށް ފެނުނު ސިފަތަކަށް ބަލާއިރު، އެ ޕްލެނެޓްގެ ވައިގެ ފަށަލައިގެ ތެރޭގައި ގިނަ އަދަދަކަށް ހައިޑްރޯޖެން ނުވަތަ ހައިޑްރޯޖެން-ހީލިއަމް ނުވަތަ ފެނުގެ ބަރު އާވިތަކެއް ހުރުން އެކަށީގެންވެ އެވެ.

މި ޕްލެނެޓްގެ ބިންގަނޑުގެ ހަގީގަތާ މެދު ވަކި ގޮތަކަށް ލަފާކޮށްލަން، ސައެންސްވެރިންނަށް ވެސް ޕްލެނެޓްގެ ވައިގެ ފަށަލައިގައި ހުރި އެއްޗެއް ޔަގީން ކުރެވިގެންނެވެ.

"އިރުގެ ނިޒާމުން ބޭރުގައި ދަތުރުކުރާ ޕްލެނެޓްތައް ދިރާސާކުރުމުގައި، މިދިޔަ 20 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ހާސިލްކުރެވުނު އެންމެ ބޮޑު ސަމާލުކަމެއް ދެވުނު ނަތީޖާއަކީ، އިރުގެ ނިޒާމުގައި ހުރި ފަދަ ސިފަތައް އެކުލެވޭ އެހެން އެއްވެސް ޕްލެނެޓަރީ ނިޒާމެއް މިހާތަނަށް ނުފެނުން،" ޖެނިފާ ބާޓް ވިދާޅުވި އެވެ.