Roadha Mihaaru
އަމިއްލަ އަށް އެނބުރޭ ބިންކޮޅެއް ފެނިއްޖެ

އަމިއްލަ އަށް އެނބުރޭ ބިންކޮޅެއް ފެނިއްޖެ

31 އޯގަސްޓް 2016

އާޖެންޓީނާގައި އޮންނަ ޗަކަ ބިމެއްގެ ތެރޭގައި އޮންނަ، އަމިއްލަ ޒާތުގައި އެނބުރޭ ބިންކޮޅެއް ފެނި އެކަމާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އާޖެންޓީނާގައި އޮންނަ ޗަކަ ބިމެއްގެ ތެރޭގައި އޮންނަ، އަމިއްލަ ޒާތުގައި އެނބުރޭ ބިންކޮޅެއް ފެނި އެކަމާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

"ދި އައި" ގެ ނަން ދީފައިވާ މި ބިންކޮޅު އޮންނަނީ ފެންގަނޑެއްގެ މެދުގަ އެވެ. ޑަޔަމީޓަރުގައި 120 މީޓަރު ހުންނަ ބިންކޮޅު ފެންގަނޑު ތެރޭގައި އެނބުރޭކަން، އެތަނާ ބެހޭ ގޮތުން މިހާތަނަށް ހޯދާފައިވާ ހޯދުންތަކުން ކަށަވަރުވެ އެވެ. އެކަމަކު އެ ބިންކޮޅު ގިރާނުލައި އަދި ބައްޓަމަށް ބަދަލެއް ނައިސް އެނބުރެނީ ކީއްވެކަން އަދި ހޯދިފައެއް ނުވެ އެވެ.

މި ތަން ފެނިފައި ވަނީ އާޖެންޓީނާގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސާޖިއޯ ނިއުސްޕިލަމް، އެ ސަރަހައްދުން ފެންނަ ކަމަށް ބުނާ ގޮތް ނޭނގޭ އަލިކޮޅުތަކާއި ސޫރަތަކުގެ ހަގީގަތް ހޯދަން ކުރި މަސައްކަތެއްގެ ތެރޭގަ އެވެ. އޭނާ ބުނަނީ އެނބުރޭ ބިންކޮޅު އޮންނަނީ ވަރަށް ބުރު ހަމަކޮށް ކަމަށާއި އެއީ ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ތަނެއް ކަމަށް ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.

"ދި އައި" ބަލައި މައުލޫމާތު އެއްކުރުމަށް ނިއުސްޕިލަމް އާއި ނިއު ޔޯކްގެ ހައުޑްރޮލިކް އަދި ސިވިލް އިންޖިނިއަރެއް ކަމަށްވާ ރިޗަޑް ޕެޓްރޯނީ ގުޅިގެން މިހާރު ދަނީ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"އަހަރެމެންނަށް ވަރަށް ގޮތްނޭނގޭ ޒާތުގެ ރަށެއް ޕަރާނާ ކޯރާ ދިމާލުން ވަނީ ފެނިފައި. އެ ރަށް އަމިއްލައަށް އޭގެ ޒާތުގައި ދައުރުވެ އެނބުރެމުންދޭ،" ޕެޓްރޯނީ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

އެއީ ހަގީގީ ރަށެއް ކަމަށާއި ނަމަވެސް މިއީ ޔޫއެފްއޯ އާއި އޭލިއަން އާއި މިފަދަ އަޖައިބު ކަންކަމާ ގުޅިފައިވާ ތަނަކަށް ވެދާނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

އެތަނަށް ދިޔަ ބައެއް މީހުން ބުނެފައި ވަނީ، ބިންކޮޅު އޮންނަނީ ވަރަށް ސާފު އަދި ފިނި ފެންގަނޑެއްގެ ތެރޭގައި ކަމަށާއި މިއީ އެ ހިސާބުގެ ހާލަތަށް ބަލާއިރު އެކަށީގެންވާ ކަމެއް ނުން ކަމަށެވެ. އެ ތަނުގެ ބިންގަނޑު ވަރަށް ހަރުވެފައި މެދުގައިވާ ބައި އޮންނަނީ ފެންމަތީގައެވެ. އެބައި ފެންމަތީގައި އޮވެ އެނބުރެނީ ކީއްވެގެންކަން ނޭނގުނަސް އެކަން އެގޮތަށް ހިނގާކަން ވަނީ ޔަގީންކުރެވިފަ އެވެ.

މި ބިންކޮޅު މިހެން އޮންނަތާ ވީ ދުވަހެއް ވެސް ނޭނގެ އެވެ. އަދި މިއީ ކިހިނެއް އުފެދިފައިވާ ތަނެއް ކަމެއް ވެސް ނޭނގެ އެވެ. ދިރާސާކުރާ މީހުންގެ ސަމާލުކަން ވަނީ މި ރަށަށް ހުއްޓިފަ އެވެ.