Roadha Mihaaru
އަރަބި އަންހެނަކު އަލަށް ޖައްވަށް

އަރަބި އަންހެނަކު އަލަށް ޖައްވަށް

22 މެއި 2023

ޖައްވީ ދަތުރުކުރާ އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކްޒިއަމް ސްޕޭސްގެ ފަރާތުން އިއްޔެ ޖައްވަށް ފުރި ޖައްވީ އުޅަނދުގައި ސައޫދީ އަރަބިއްޔާގެ އަންހެނަކު ފުރަތަމަ ފަހަރަށް ޖައްވަށް ދަތުރުކޮށް ތާރީޚުން ޖާގަ ހޯދައިފި އެވެ.

ޖައްވީ ދަތުރުކުރާ އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކްޒިއަމް ސްޕޭސްގެ ފަރާތުން އިއްޔެ ޖައްވަށް ފުރި ޖައްވީ އުޅަނދުގައި ސައޫދީ އަރަބިއްޔާގެ އަންހެނަކު ފުރަތަމަ ފަހަރަށް ޖައްވަށް ދަތުރުކޮށް ތާރީޚުން ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޖައްވީ ބަނދަރުން އިއްޔެ މެންދުރު ފަހު އުދުއްސައިލި ރޮކެޓްގައި ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ދަތުރުކުރި ހަތަރު ޖައްވީ ފަޅުވެރިންގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ދެ އެސްޓްރޮނޯޓުންނާއި ސައޫދީ އަރަބިއްޔާގެ ދެ އެސްޓްރޮނޯޓުންނެވެ. މި ދަތުރުގައި ބައިވެރިވި ސައޫދީ އަރަބިއްޔާގެ ދެ އެސްޓްރޮނޯޓުންނަކީ، އުމުރުން 33 އަހަރުގެ ރައްޔާނާ ބަރްނާވީ އާއި އަލީ އަލްގަރަނީ އެވެ.

ރައްޔާނާއަކީ އުރަމަތީ ކެންސަރުގެ ސްޓެމް ސެލްގެ ދިރާސާކުރާ ތަޖުރިބާކާރެއްގެ ގޮތުގައި، ސައޫދީ އަރަބިއްޔާގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގައި ރިސާޗް ލެބޯޓަރީ ޓެކެނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ މި ދަތުރުގައި އޭނާގެ ދާއިރާ އިން ޖައްވުގައި ދިރާސާތަކެއް ހަދާނެ އެވެ.

މި ދަތުރުގައި ސައޫދީ ތަމްސީލު ކުރާ އަލީ އަލް ގަރަނީއަކީ، ސައުދީ އަރަބިއްޔާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ މީހެކެވެ. ހަނގުރާމަމަތީ ތަފާތު މަރުކާތަކުގެ މަތިންދާބޯޓުތައް ދުއްވުމުގައި 12 އަހަރުގެ ތެރޭގައި، 2387 ގަޑިއިރު އުދުހުމުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޕައިލެޓެކެވެ.

ފެލްކަން 9ގެ ރޮކެޓެއްގައި ސްޕޭސްއެކްސްގެ ޖައްވީ އުޅަނދު ކުރާ މި ދަތުރުގައި ދެން ބައިވެރިވާނީ، މި ދަތުރުގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވާ އެމެރިކާގެ އެސްޓްރޮނޯޓް ޕެގީ ވިޓްސަން އާއި ދަތުރުގެ ޕައިލެޓަކަށް ހަމަޖައްސާފައިވާ އެމެރިކާގެ ޖޯން ޝޮފްނާ އެވެ. މި ދަތުރުގައި ޖުމްލަ 12 ދުވަސް ހޭދަވާ އިރު، އޭގެ ތެރެއިން ފުރިހަމަ 10 ދުވަސް އެމީހުން ހޭދަކުރާނީ، ޖައްވީ ސްޓޭޝަންގެ އެތެރޭގަ އެވެ.

ހަތަރު ފަޅުވެރިންނާ ގޮވައިގެން ޖައްވީ ކެޕްސޫލް ނުވަތަ ޖައްވީ އުޅަނދު "ފްރީޑަމް" ފެލްކަން 9ގެ ރޮކެޓްގެ ކުރީގައި ލާފައި ޖައްވަށް އުދުއްސައިލީ މެއި 21، 2023ގެ ޖީއެމްޓީ ގަޑިން 21:37ގަ އެވެ. އެ އުޅަނދު ގާތްގަނޑަކަށް 17 ގަޑިއިރު ޖައްވުގެ ތެރޭގައި ދުނިޔެ ވަށައިގެން ބުރު ޖަހަމުން، ޖައްވީ ސްޓޭޝަނާ ކައިރި ކުރަމުން ދާނެ އެވެ.

އެއަށް ފަހު، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ބަނދަރު ކުރާނީ، މެއި 22، 2023 (މިއަދު)ގެ ޖީއެމްޓީ ގަޑިން 13:24ގަ އެވެ. ޖައްވީ އުޅަނދު "ފްރީޑަމް"، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ބަނދަރުކުރުމާ އެކު، އެ ސްޓޭޝަންގައި މިހާރު ތިބި ހަތް ފަޅުވެރިންގެ ފަރާތުން، ފްރީޑަމްގެ ފަޅުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުން އޮންނާނެ އެވެ.

ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން މިވަގުތު ދުނިޔެ ވަށައިގެން ބުރު ޖަހަމުން ދަނީ، މި ބިމުން ފެށިގެން ގާތްގަނޑަކަށް 428 ކިލޯމީޓަރު އުހުގައި، ގަޑިއަކު 27551 ކިލޯމީޓަރު ބާރުމިނުގަ އެވެ. މި ބާރުމިނުގައި ބުރުޖަހަމުން ދާތީ، ކޮންމެ 90 މިނެޓަކުން ދުނިޔެ ވަށައި ބުރެއް ޖަހާނެ އެވެ.