Roadha Mihaaru
"ކާޑުން ކުރާ މުހިންމު ކަންކަން މިރެއަށް ފަސްނުކުރޭ"

ކާޑުން ކުރާ މުހިންމު ކަންކަން މިރެއަށް ފަސް ނުކުރޭ: ބީއެމްއެލް

03 ޖޫން 2021

މިރޭ ބީއެމްއެލް ކާޑު ސިސްޓަމް އަޕްގްރޭޑު ކުރާތީ، ކާޑު ބޭނުންކޮށްގެން ކުރަންޖެހޭ މުހިންމު ކަންކަން މިރޭގެ ކުރިން ނިންމާލަން ބީއެމްއެލް އިން ހަނދާންކޮށްދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިރޭ ބީއެމްއެލް ކާޑު ސިސްޓަމް އަޕްގްރޭޑު ކުރާތީ، ކާޑު ބޭނުންކޮށްގެން ކުރަންޖެހޭ މުހިންމު ކަންކަން މިރޭގެ ކުރިން ނިންމާލަން ބީއެމްއެލް އިން ހަނދާންކޮށްދީފި އެވެ.

ބީއެމްއެލް އިން ކުރިން ބުނެފައިވާ ގޮތުުގައި އަޕްގްރޭޑުގެ މަސައްކަތް ކުރިއަަށްދާނީ މިރޭ 10:00 އިން މާދަމާ ހެނދުނު 9:00 އާ ހަމައަށެވެ. އެހެންވެ މި ވަގުތުތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް އާއި ޕީއޯއެސް އާއި އެމްޕޮސް، އަދި މާޗަންޓް ޕޯޓަލް އާއި ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ބީއެމްްއެލް އިން ބުންޏެވެ.

އަޕްގްރޭޑިންގެ މަސައްކަތްކުރާ ވަގުތު ކަނޑައެޅީ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިކަން ވީހާވެސް ބޮޑަކަށް ކުޑަވާނެގޮތް ބެލުމަށް ފަހު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބޭންކުން ބުނި ގޮތުގައި މިއީ ކުރިއަށް އޮތް ތަނުގައި ހިދުމަތްތަކަށް މުހިންމު ބަދަލުތައް ގެނައުމުގެ ބޭނުމު އާއި ބޭންކިން ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާ އެކު ހިދުމަތް ދިނުމަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު މިކަމުގެ ސަބަބުން ރަނގަޅުކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑުކުރާ ވަގުތުތަކުގައި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުންކޮށްގެން ފައިސާ ޓްރާންސްފާކުރެވޭނެ އެވެ.

ބީއެމްއެލް އިން ވަނީ ބޭރު ގައުމުތަކުގައި އުޅޭ ކަސްޓަމަރުން ވެސް ރާއްޖެ ގަޑިން މިރޭ 10:00ގެ ކުރިން ހުރިހާ މުހިންމު ކަމެއް ނިންމާފައި ބެހެއްޓުމަށް އެދިފަ އެވެ.

މާދަމާ ހެނދުނު 9:00ގެ ފަހުން އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް މެދުކެނޑުމެއް ނެތި ކާޑުގެ ހިދުމަތްތައް އަލުން ލިބޭނެ އެވެ.