03 ޖޫން 2021
މި ސަރަހައްދުގެ ވިޔަފާރީގެ މައި ހަބަކަށް ގުޅިފަޅު ބަދަލުކޮށް، މާލޭގެ ތޮއްޖެހުން ވަރަށް ބޮޑަށް ހައްލުވާ ގޮތަށް ގުޅިފަޅުގެ މާސްޓަޕްލޭން އެކުލަވާލައި، ސަރުކާރުން އެޕްރޫވްކޮށްފި އެވެ.
މި ސަރަހައްދުގެ ވިޔަފާރީގެ މައި ހަބަކަށް ގުޅިފަޅު ބަދަލުކޮށް، މާލޭގެ ތޮއްޖެހުން ވަރަށް ބޮޑަށް ހައްލުވާ ގޮތަށް ގުޅިފަޅުގެ މާސްޓަޕްލޭން އެކުލަވާލައި، ސަރުކާރުން އެޕްރޫވްކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ، 105 ސޮފްހާގެ އެ ޕްލޭން "މިހާރު" ނޫހާ ހިއްސާކޮށްފަ އެވެ. ހުޅުމާލެ ވެސް ޕްލޭންކުރި ސިންގަޕޫރުގެ އެޗްކިޔޫ ޑިޒައިން އިން އެ ރަށް ޕްލޭންކޮށްފައިވަނީ، މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވި ގޮތުގައި ވަރަށް ރީތިކޮށް، ޒަމާނީކޮށް، އަދި ތިމާވެއްޓާ ރަށްޓެހި ގޮތަށެވެ. އެ ޕްލޭން ތަންފީޒު ކުރުމަށް މަދުވެގެން އަށެއްކަ އަހަރު ނަގާނެ ކަމަށް އޭނާ އަންޒާދާ ކުރައްވަ އެވެ.
ގުޅިފަޅު ތަރައްގީކުރާނީ މައިގަނޑު ދެ ބަޔަކަށެވެ. އެއް ބަޔަކީ އާންމުން ދިރިއުޅޭ ސަރަހައްދެވެ. އަނެއް ބަޔަކީ، މާލޭގެ ވިޔަފާރި ބަނދަރާ އެކު ތަރައްގީކުރާ ވިޔަފާރީގެ ސަރަހައްދާއި ވޯކާސް ވިލެޖެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅުން ގިނަވެގެން ދޫކުރެވޭނީ 750 އަކަފޫޓުގެ 1،224 ގޯއްޗެވެ. އެއީ މާލޭގެ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނައިފައި އޮތީ، އަދި ޑިޒައިން ވެސް ކޮށްފައި މިއޮތީ ތިން ބުރި އަށް ވުރެ އުސްކޮށް ނުނެގޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅުގައި އާންމުން ދިރިއުޅޭ ސަރަހައްދު އޮންނާނެ ގޮތް
"ގެތައް ހުންނާނެ ގޮތުގެ ޑިޒައިންތައް ވެސް އަޅުގަނޑުމެން މިއޮތީ ކުރަހައިފައި. އެއީ 750 އަކަފޫޓު ވީމަ، ހެޔޮވަރުގެ އާއިލާ އަކަށް ތިން ފްލޯ އިން އެކޮމަޑޭޓް ކުރެވޭނެ ކަމަށް މި ބަލަނީ."
އާންމުންނަށް ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ގުޅިފަޅުގެ ހުޅަނގު ސަރަހައްދުންނެވެ. ސަރުކާރުން ޕްލޭންކޮށްފައި ވަނީ، އާއިލާއެއްގައި ހައެއްކަ މީހުން ދިރިއުޅޭނެ ކަމަށެވެ. އެ ނިސްބަތުން ގުޅިފަޅުގައި އާންމުންގެ އާބާދީ އެންމެ ބޮޑުވެގެން ވެސް ވާނީ 8،000 އެވެ. އެ އާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކުރާއިރު، މާސްޓަ ޕްލޭންގައިވާ ގޮތުން ގުޅިފަޅުގައި 1800 ކުދިންގެ ޖާގައިގެ ދެ ސްކޫލު އަޅާ ގޮތަށް ވަނީ ޕްލޭންކޮށްފަ އެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުގައި ކޮންމެ 250 މީޓަރުގެ ރޭޑިއަސްގައި މިސްކިތެއް [ޖުމްލަ ހަތަރު މިސްކިތް] އަޅަން ޕްލޭންގައި އޮތީ ހިމަނައިފަ އެވެ.
އާންމުން މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ޕާކުތަކާއި ޝޮޕިން މޯލް އާއި ނައިޓް މާކެޓް ފަދަ މާކެޓްތައް ބާއްވަން ވެސް ޕްލޭންގައި އޮތީ ޖާގަ ހަމަޖައްސައިފަ އެވެ. މުޅި ގުޅިފަޅު ތަރައްގީކުރާނީ މާވެއްޓާ ރައްޓެހި އަދި ޖާގަ ތަނަވަސް، ފެހި ތަނެއްގެ ގޮތަށެވެ.
މިނިސްޓަރު ވިދާޅުވީ މަގުތަކާއި ހައި ވޭ ނުހިމަނައި، ގުޅިފަޅުގެ 68 ހެކްޓަރުގެ ބިން އެކި ކަންކަމަށް ބޭނުންކުރާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ބިން ބޭނުންކުރާނީ ގުދަންތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 25.2 ހެކްޓަރުގެ ބިމެވެ. ގޯތި ދޫކުރުމަށް 14 ހެކްޓަރު، ޕާކިން އަށް 5.1 ހެކްޓަރު، ސަރުކާރުގެ އިންސްޓިޓިއުޝަންތަކާއި ތައުލީމް ދޭ ތަންތަނަށް 2.4 ހެކްޓަރު، އޮފީސްތަށާއި ބިޒްނަސް ސެންޓަރުތަކަށް 2.4 ހެކްޓަރުގެ ބިން ބޭނުން ކުރާނެ އެވެ.
ގުޅިފަޅުގެ ބިންތައް ބެހިގެން ދާނެ ގޮތް
އަދި، ވިޔަފާރީގެ އެހެނިހެން ކަންކަމަށް 3.1 ހެކްޓަރުގެ ބިންް ހާއްސަކޮށްފައިވާ އިރު، ހޯލްސޭލް ބާޒާރަށް 6.5 ހެކްޓަރުގެ ބިން ވަނީ ހާއްސަކޮށްފަ އެވެ. އަދި މަސައްކަތު މީހުންނަށް ބޭނުންވާ ގެތައް އެޅުމަށް 9.2 ހެކްޓަރުގެ ބިން ބޭނުންކުރާ ގޮތަށް ވަނީ ޕްލޭންކޮށްފަ އެވެ.
"މާނައަކީ މި ދެންނެވި ކަންކަމަށް ބިން މި ބޭނުން ކުރެވެނީ މާލޭގައި މިކަމަށް މިހާރު ހާއްސަކުރެވިފައި ހުރި ބިމުގެ ޖާގަ އަށް ބަލާއިރު މާ ތަނަވަސްކޮށް. މާލޭ ޕޯޓަށް ބެލިޔަސް، ގާތްގަނޑަކަށް ތިން ގުނަ ބޮޑު ސަރަހައްދެއް އެކަމަށް މި ހާއްސަ ކުރެވެނީ. އަޅުގަނޑު ލަފާކުރާ ގޮތުގައި، ވިޔަފާރި ބަނދަރު މި ބަދަލު ވަނީ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ދާއިރު ވެސް ޖާގަ ދަތި ނުވާ ވަރުގެ ބޮޑު ތަނަކަށް،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވިޔަފާރި ބަނދަރުގެ ޖެޓީ އަށް މި ކައިރިކޮށްލެވެނީ އެންމެ ބޯޓަކަށް. އެކަމަކު ބޮޑެތި ބޯޓުފަހަރުގެ ދެ ބޯޓަށް ޖެޓީ އަށް ކައިރިކޮށް ހިދުމަތް ދެވޭ ގޮތަށް އަޅުގަނޑުމެން މި ޕްލޭންކުރީ."
ގުޅިފަޅުން 92 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި މިހާރު ވަނީ ބޮޑު ބައެއް ހިއްކައި ނިންމައިފަ އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ބަހުސަކަށް ވެފައިވާ، މާލޭ ވިޔަފާރި ބަނދަރުގެ މައްސަލަ ގުޅިފަޅާ އެކު ހައްލުވެގެންދާނެ އެވެ. އޭނާ ވިދާޅުވީ، މާލޭގައި މިހާރު ހިނގާ ވިޔަފާރީގެ ގާތްގަނޑަކަށް ހުރިހާ ބޮޑެތި ހަރަކާތެއްހެން ކުރިމަގުގައި ދެން ބަދަލުވާނީ ގުޅިފަޅަށެވެ.
"މިހާރު މާލޭގެ ބާޒާރުމަތީގެ ހުރިހާ ފިހާރަތަކެއްހެން ދެން ބަދަލުވާނީ ގުޅިފަޅަށް. އެތާނގައި މިހާރު ބާޒާރުމަތީގައި ކުރަމުން އެ އަންނަ ހޯލްސޭލް ވިޔަފާރިތައް ދެން ކުރަމުން ދާނީ. ގުދަންތައް ވެސް އަދި މަސައްކަތު މީހުން ވެސް އެތަނަށް ބަދަލުވާނެ،" އަސްލަމް ވިދާޅުވި އެވެ.
ގުޅިފަޅުގެ މާސްޓަ ޕްލޭން
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ ގޮތަށް ނިންމުމުގެ މައިގަނޑު ދެ ބޭނުމެއް އެބައޮތެވެ. އެއް ބޭނުމަކީ މާލޭގެ އެ ސަރަހައްދު އަލުން ރީޑިޒައިންކޮށް ރީތިކޮށްލުމެވެ. އަނެއް ކަމަކީ، ޓްރެފިކް ކުޑަކުރުމެވެ. މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުފަހަރު މުދާ ބަރާކޮށްގެން ދުއްވާ ދުއްވުމަށް އެ ހިސާބުން ނިމުމެއް އައީ ކަމަށް އޭނާ ވިދާޅުވި އެވެ.
މާސްޓަޕްލޭންގައި ވާ ގޮތުން 20،000 މަސައްކަތު މީހުންނަށް ޖާގަ ދެވޭ ގޮތަށް ދެ ޑިޒައިނަކަށް ސަރުކާރުން ގެތައް އަޅާނެ އެވެ. އޭނާ ވިދާޅުވީ އެ ގެތަކަކީ ރިސޯޓްތަކުގައި މުވައްޒަފުންނަށް އަޅާ ވައްތަރަށް ބަންކު ބެޑް ޖަހައިގެން ނިދޭ ގޮތަށް ހަދާ ތަންތަނުގެ ބަދަލުގައި، އެކަނި އުޅޭ މީހަަކު ވެސް ގޮސް ގުޅިފަޅުގައި މަސައްކަތްކޮށް އެތާނގައި ހިތްފަސޭހަކޮށް ދިރިއުޅެވޭ ގޮތަށް ތައްޔާރުކުރާ ގެތަކެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ބޭރު މީހުންނަށް އެކަނި އުޅެވޭ ގޮތަށް ތައްޔާރުކުރާ ގެތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅުގެ ހޯލްސޭލް ސެންޓަރުތަކާއި ގުދަންތައް ހުންނާނެ ގޮތުގެ ތަސައްވަރެއް
ގުޅިފަޅުގައި އަޅާ ހޯލްސޭލް ސެންޓަރުތަކާއި ވިޔަފާރީގެ އެހެނިހެން ތަންތަން ވެސް ވިޔަފާރި އުސޫލުން ވިޔަފާރިވެރިންނަށް ކުއްޔަށް ދޭނެ އެވެ. މީގެ އިތުރުން ބޮޑެތި ގުދަންތަކާއި އެ ތަންތަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގުޅިފަޅުގައި ގާއިމްކުރާނެ އެވެ.
"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ގުދަންތަކާއި ފިހާރަތައް ވެސް މާލޭގެ ކުއްޔަށް ވުރެ ހެޔޮވާނެ ކަން،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު ވެގެން ދާނީ ކުރިމަގުގައި މުޅި ރާއްޖޭގެ ވިޔަފާރީގެ މައި ހަބަށެވެ. ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބޭނުންވާ ހުރިހާ މުދަލެއް ބާލާ ޕޯޓް އެ ރަށުގައި އޮވެ، ގުދަންތަކާއި ހޯލްސޭލް ފިހާރަތައް ވެސް އޮތުމެވެ.
ގުޅިފަޅުގެ ހުޅަނގު ނުވަތަ އާންމުން އުޅޭ ސަރަހައްދު ތަރައްގީކުރާ ގޮތް
"ވަކި ސަރަހައްދެއް މިކަމަށް މި ގޮތަށް ހާއްސަކޮށްފައި، އެ ސަރަހައްދުގައި މުޅިން މި މަސައްކަތް ކުރާނީ. އެކަމަކު މި ސަރަހައްދު ވެސް ވާނީ ވަރަށް ތަރުތީބުން ރީތިކޮށް ބޮޑެތިކޮށް މަގުތައް ހެދިފައި އޮތް ސަރަހައްދަކަށް. މި ދެންނެވި މަސައްކަތު އާބާދީ އަށް ވެސް ބޭނުންވާ ހުރިހާ ވަސީލަތެއް އެތަނުގައި އޮންނާނީ ގާއިމްވެފައި،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރާ އެކު އެ ސަރަހައްދުގެ ހުރިހާ ހަރަކާތެއްހެން ގުޅިފަޅަށް ބަދަލުކުރާ ގޮތަށް ސަރުކާރުން ވަނީ ނިންްމައިފަ އެވެ. ބާޒާރުމަތީގެ ފިހާރަތަކުގެ އިތުރުން މާލޭ އުތުރު ހާބަރު، ނުވަތަ އާންމު ބަހުން ނަމަ "އަންނި ޖެޓީ" ވެސް ގުޅިފަޅަށް ބަދަލުވާނެ އެވެ. އެ ޖެޓީ ދެން ބޭނުންކުރާ ގޮތަށް ހަމަޖެހިފައި ވަނީ ފެރީތަކަށް އެކަނި ކަމަށް އަސްލަމް ވިދާޅުވި އެވެ.
މާސްޓަ ޕްލޭން ފައިނަލްކޮށް އެ ގޮތަށް އަމަލުކުރަން ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މީގައި މުހިންމީ ރީތި ކުރެހުންތަކަށް ވުރެ، އަމަލީ ސިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަމައެކަނި ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް އެކަނި ވެސް 400 މިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ ގާއިމް ކުރަން ޖެހެ އެވެ. އަދި މުޅި ގުޅިފަޅު ތަރައްގީ ކުރުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމާއި އެ މަސައްކަތް ހިންގުމަކީ ވެސް ވަރަށް ބޮޑު ކަމެއް ކަމަށް ވިދާޅުވި އެވެ.
ގުޅިފަޅު މިހާރު އޮތް ގޮތުގެ އޭރިއަލް ފޮޓޯއެއް، އެ ފެންނަ ހުދުކުލައިގެ ރޮނގަކީ ވިލިމާލޭ ބްރިޖް ދާ ގޮތް
"ވަރަށް ރަނގަޅު ޕްްލޭނެއް މިއީ. އަޅުގަނޑުމެެން މި ސަރުކާރުން ގުޅިފަޅުގައި ޕޯޓް މި ތަރައްގީކުރަނީ ކުރީ ސަރުކާރުން ވެސް އެގޮތަށް ޕްލޭންކޮށްފައި އޮތީމަ. އަޅުގަނޑުމެން އެއަށް އިތުރަށް މި ގެނައި ބަދަލަކީ ޕޯޓާ އެކު އުތުރު ހާބަރުގެ ހަރަކާތްތައް ބަދަލުކޮށް ވޯކާސް ވިލެޖެއް ގާއިމްކުރީ،" އޭނާ ވިދާޅުވި އެވެ.
"މިއީ މީތި ތަންފީޒުކުރަން މަދުވެގެން އަށެއްކަ އަހަރު ނަގާނެ ޕްލޭނެއް. އެހެންވީމަ މާދަމާ އަޅުގަނޑު ވެސް ނުހުރެދާނެ. މި ސަރުކާރު ވެސް ނޯވެދާނެ. އެކަމަކު ދައުލަތް އޮންނާނެ. އަޅުގަނޑުގެ ރިއުއެސްޓަކީ ކޮންމެ ސަރުކާރެއް އޮތަސް މި ޕްލޭން ކުރިއަށް ގެންދިއުން."
އެކަމަކު އަސްލަމް ވިދާޅުވީ މާސްޓަ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރުވާނެ ކަމަށެވެ. އެއީ ޕޯޓް ބަދަލުކުރުމުގެ މަސައްކަތެވެ.
"ޕޯޓް ބަދަލު ކުރެވޭނެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި. އެކަމަށް ބޭނުންވާ ފައިސާ ވެސް ހުރީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.
އުތުރު ބަނދަރާއި ގުޅިފަޅުގެ ޕްލޭން ހަދަނީ ބަޖެޓުން
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
މާލެ ސަރަހައްދުން 4،000 ގޯތި ދޫކުރާނަން: އަސްލަމް
ގުޅިފަޅުގެ ޕްލޭން ބަދަލުނުކުރާނަމަ ކައުންސިލުން ކޯޓަށް
ފްލެޓުގެ ބަދަލު ހޯދުމަށް 178 މީހުން ސޮއިކުރި
ގުޅިފަޅުގެ ބައެއް ބޯހިޔާވަހިކަމަށް ބާއްވަން ފާސްކޮށްފި
ވެށިފަހީގެ ގޯތި ގުޅިފަޅުން ހަމަޖެހޭތޯ މަޝްވަރާކުރަނީ
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ގުޅިފަޅު: ދުނިޔޭގައި ވެސް ހިއްކާ ފުން އެއް ފަޅު
ޕޯޓް ހަދަން ރަނގަޅީ ތިލަފުށި: ސައީދު