Roadha Mihaaru
މާލެ ސަރަހައްދުން 4،000 ގޯތި ދޫކުރާނަން: އަސްލަމް

ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 ގޯތި ދޫކުރާނަން: އަސްލަމް

28 ޑިސެމްބަރ 2021

ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން ނިންމާފައިވާ ނިންމުމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، އެޗްޑީސީން އިއުލާން ކޮށްފައި ވަނީ އެ ކުންފުނިން ވިޔަފާރި އުސޫލުން ވިއްކުމަށް ކުރިން ރާވާފައިވާ ބިންތަކެއް ކަމަށާއި އެއީ އާންމުންނަށް ގޯތީގެ ގޮތުގައި ދޫ ކުރަން ރާވާފައިވާ ބިންތަކެއް ނޫން ކަމަށެވެ.

"މާ ކުރިއްސުރެ [އެޗްޑީސީގެ] މާސްޓާޕްލޭނުގައި، ހުޅުމާލެ އަޅުގަނޑުމެންނާ ހަމައަށް އައިއިރު ވެސް އޮތް ޕްލޭނެއް އެއީ. އެ ޕްލޭންގައި ހުރި ވިއްކަން ހުރި ތަންތަން މިހާރު އެ މީހުން ވިއްކަން އިއުލާން ކޮށްގެން އެ އުޅެނީ. އެ ތަންތަން އެއީ ކޮމާޝަލް ކޮށް ވިއްކަން ހުރި ތަންތަން،" އަސްލަމް ވިދާޅުވި އެވެ.

މާލޭގެ ރަަށްވެހިންގެ ތެރެއިން 700 އަކަފޫޓަށް ވުރެ ކުދި ތަންތަން ދޫކޮށްލާ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ދޫ ކުރަން ފަށާނެ ކަމަށާއި އެ އަދަދުތައް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު ކުރަމުން ދަނީ ހިލޭ ދޫކުރެވޭނެ ގޯތިތައް ކަނޑައެޅުމެވެ. އޭގެ ތެރޭގައި އެޗްޑީސީން އިއުލާން ކުރި 60 ބިން ނުހިމެނޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން 1،000 އަކަފޫޓުގެ 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއް:

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއް:

"ގުޅިފަޅުން މެކްސިމަމް ދެވެން އޮތް ވަރަކަށް ދޭނެ. 2،100 ގޯތި ދެވޭނެ ގުޅިފަޅުން. ހުޅުމާލެ އިން ސީދާ އަދަދު ނުއެއް ނިންމަން. ބަލަމުން މި ގެންދަނީ ފްލެޓު އަޅަން ހުރި ބިންތައް ބަހައްޓާފައި ބާާކީ ހުރި ބިންތަކުގެ ތެރެއިން ގޯތީގެ ގޮތުގައި ދެވޭނީ ކޮން ތަންތަނެއްތޯ؟؟ ގޯތި ދެވޭ ސީދާ އަދަދުތައް ރައީސް އިއުލާން ކުރައްވާނެ،" އަސްލަމް ވިދާޅުވި އެވެ.

މާލޭގެ މީހުންނަށް ގޯތި ދޫކުރުމާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ފްލެޓުތައް އިމާރާތް ކުރަނީ އޭނާ ވިދާޅުވިގޮތުގައި، ހަމައެކަނި މާލޭގެ މީހުންނަށް ހާއްސަ ކޮށްގެނެއް ނޫނެވެ. ނަމަވެސް އެ ކަމުގައި ވެސް އިސްކަން ދޭނީ މާލޭގެ ރަށްވެހިންނަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެޗްޑީސީން ވިއްކަން ހުޅުވައިލި ބިންތައް ގަނެވޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 3500ރ. އެވެ. އަދި ވިއްކަން ހުޅުވާލާފައި ވަނީ ބީޗް ފްރަންޓުންނާއި ބީޗް ސައިޑުގައި ހުރި ބިންތަކެވެ.

އެ ކުންފުނިން ވިއްކަން ނިންމާފައި ވަނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓުގެ ބިންތަކެވެ. ބީލަން އުސޫލުން ވިއްކާ އެ ބިންތައް ފެށޭ އަގަކަށް ވެސް 5.6 މިލިއަން އަރާނެ އެވެ.