Roadha Mihaaru
އެސްޕީޖީއަށް ބަދަލު ގެނައުމަށް އެންގެވީ ރައީސް

އެސްޕީޖީ އަށް ބަދަލު ގެންނަން އެންގެވީ ރައީސް: މަބްރޫކް

30 މެއި 2021

ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް، އެ މަނިިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް، އެ މަނިިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެސްޕީޖީގެ ކޮމާންޑަރުންނަށް މި ފަހުން ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް އިއްޔެ ވިދާޅުވީ އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލްމުއިއްޒު މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އައްޔަންކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ތަރުޖަމާނު މަބްރޫކް ވިދާޅުވީ ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެސްޕީޖީ އަށް ބަދަލުތައް ގެންނަންޖެހޭ ދެކިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް އަންގަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އަށް ފަހު އެމްއެންޑީއެފްގެ ބައެއް ކަންކަމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިއީ، އޭގެ ތެރެއިން ގެނައި ބަދަލެކެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް އޮފީހުން ވެސް ވަނީ އިންޓެލިޖެންސްގެ އޮޑިޓެއް ވެސް ހަދަމުންނެވެ. އެ އޮޑިޓް ނިންމައި ރައީސަށް ވަރަށް އަވަހަށް ރިޕޯޓު ފޮނުވާނެ ކަމަށް މީގެ ދެ ހަފުތާކުރިން ބުނެފައި ވެ އެވެ. އަދި އެ މަނިކުފާނަށް އެމްއެންޑީއެފުން ރައްކާތެރިކަން ދެމުން ދަނިކޮށް އެ ރައްކާތެރިކަން ގެއްލުނު ގޮތް ނުވަަތަ ސެކިއުރިޓީ ބްރީޗްވި މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ.