Roadha Mihaaru
އަލިފާނުގައި ލިބުނު ގެއްލުން ބަލަން އެސެސްމަންޓް ހަދަނީ

އަލިފާނުގައި ލިބުނު ގެއްލުން ބަލަން އެސެސްމަންޓް ހަދަން ފަށައިފި

30 މެއި 2021

މއ. މޯނިންވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ބެލުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މއ. މޯނިންވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ބެލުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ފަށައިފި އެވެ.

އެ އަލިފާނުގެ ހާދިސާގައި 32 މީހަކު ހާލުގައި ޖެނުނު ނަމަވެސް އެ ދުވަހު ވަގުތީ ހިޔާތަކަށް ގެންދިޔައީ އޭގެ ތެރެއިން 29 މީހެކެވެ. ބާކީ ތިން މީހުން ތިބީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމުން، އެ މީހުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި ތިން މީހުން ބަލިން ރަނގަޅުވުމާ ގުޅިގެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ މީހުން ވެސް މިވަގުތު ތިބީ އާއިލާތަކާ އެކު ވަގުތީ ހިޔާތަކުގަ އެވެ.

މާލޭގެ ހަތް ގެސްޓްހައުސްއަކުން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު އެ މީހުން ދިރިއުޅެމުން އައި ގެއަށް ލިބުނު ގެއްލުން ބެލުމަށް މިއަދު ހެނދުނު އެސެސްމެންޓެއް ހަދަން ފަށައިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ލިބުނު ގެއްލުން އެނގޭނީ އެ އެސެސްމަންޓަށް ފަހު އެވެ.

އެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާ އިން ކުރިން "މިހާރު" އާ ވާހަކަ ދެއްކި މެމްބަރަކު ބުނި ގޮތުގައި އެ އިމާރާތުގައި ހުރި ހުރިހާ ސާމަނެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބުނެވެ. އެ އިމާރާތަކީ ތިން މިލިއަން ރުފިޔާގެ އިމާރާތެއް ކަމުން، އާއިލާ އިން ލަފާ ކުރާ ގޮތުގައި އިމާރާތާއި މުދަލަށް ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާނެ އެވެ.